ތުވާއްޔަކީ ސައްތައިން ސައްތަ، އެއްވަނައިގެ ބެކްޓީރިއާ ހުރަގެއެއް ކަމުގައި ވާތީ، ތުވާލި ބޭނުން ކުރާ ކޮންމެ ފަހަރަކު ތިމާގެ ގުދުރަތީ ހަމުގައި އެކުލެވޭ ބެކްޓީރިއާ، އަދި ގެންގުޅޭ އެހެން ޖަރާސީމެއް ތުވާލީގައި ކުރީއްސުރެ ޖަމާވެފައި ހުރި ޖަރާސީމުގެ މައްޗަށް ދާނީ އިތުރު ވަމުންނެވެ.

ތުވާއްޔަކީ ކޮންމެހެން ވެސް އަހަރަކު އެއްފަހަރު، އެންމެ ލަސްވެގެންވެސް އަހަރަކު އެއްފަހަރު އާކުރަން ޖެހޭ އެއްޗެކެވެ. މިހެން ކަންތައް ކުރަން ޖެހޭ ސަބަބަކީ ތުވާއްޔަކީ އާންމު ހާލަތުގައި ގިނަ ފަހަރު ތެމިފައި އޮންނަ އެއްޗަކަށް ވެފައި، ރަނގަޅަށް އަވި ދީގެން ނޫނީ ނުވަތަ އެންމެ ރަނގަޅަށް ވައި ޖެހިގެން ނޫނީ ހިކޭނެ އެއްޗަކަށްވެސް ނުވާތީއެވެ. މިގޮތަށް ތުވާލީގެ ތެތްކަން ނުކެނޑި މުޅީން ނުހިކި އެހެން އޮވެ ގިނައިރު ވަމުންދާ ވަރަކަށް އޭގައި ހަރުލާފައި ހުރި ޖަރާސީމުތައް އޭގެ ގޮތުގައި ދިރެމުން ދާނެއެވެ. މަޑުމަޑުން ނުބައި ވަހެއްވެސް ހަރުލަން ފަށާނެއެވެ.

ހިތާމައަކީ ހަޑި ތުވާލިތަކުން ވައިރަސް، ފަންގަސް، އަދި ބެކްޓީރިއާ ފެތުރިދާނެ ކަމެވެ. ހަޑި ތުވާލި ބޭނުންކުރުމުގެ ނަތީޖާތަކުގެ ތެރޭގައި ހަމުގައި ކުރަކިކަމެއް ހެދި ހަމުގައި ރިއްސުމާއި، ފަހަރެއްގައި އިންފެކްޝަންތައް ފެތުރިގެން ދިއުން ހިމެނެއެވެ.

ފާހާނާއަކީ ފަންގަސް އުފެދޭ ތަނަކަށް ވެފައި ޖަރާސީމުތަކުގެ މައިގަނޑު މަރުކަޒުކަމަށް ވާތީ ފާހާނާ ތެރޭގައި ތުވާލި އަޅުވާފައި ބެހެއްޓުމަކީ އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫނެވެ. ފެން ހިއްކުމަށް ބޭނުން ކުރާ ތުވާލިން މޫނުގައި ހޭކުމަކީ މޫނުގައި ބިހި ނެގުމާއި މޫނުގެ ހަންގަނޑު ކުރަކިވެ ހުތުރުވުމަށް މަގު ފަހިވެގެންދާނެ ކަމެކެވެ. އެހެންކަމުން މޫނުގައި ތުވާލިން ރަބް ނުކުރާށެވެ. އެންމެ ބޮޑު ވަރަކަށްވެސް މަޑުމަޑުން ޖައްސައިލާށެވެ. ނުވަތަ މޫނަށް ހާއްސަ އެއްޗަކުން މޫނު ހިއްކާށެވެ. މޫނުގެ ހަމަކީ ގައިގެ ހަމާ މުޅިން ތަފާތު ހަންގަނޑެކެވެ.

އަނބިމީހާ ނުވަތަ ބައިވެރިޔާއާ އެކުވެސް ތުވާލި ހިއްސާ ކުރެވިގެން ނުވާނެއެވެ. މިކަމުގައި ގައިން ގަޔަށް އަރާ ބައްޔެއް ހުއްޓަސް އަދި ނެތަސް ހަމަ ހަމައެވެ.

ކުރީންވެސް ދެންނެވިހެން ތުވާ އްޔަކީބެކްޓީރިއާ، ޖަރާސީމުތަކުގެ ހާއްޔެކެވެ. އެހެންކަމުން ތުވާއްޔަކީ ފުދުންތެރިކަން ހުރި މިންވަރަކުން އަވަސް އަވަހަށް އާކުރަން ޖެހޭ އެއްޗެކެވެ.