މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ގދ. ފަރެސްމާތޮޑާގައި ބޭއްވި "މަސްވެރިކަމުގެ އެކްސްޕޯ 2022" އަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޒިޔާރަތް ކުރައްވައިފިއެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރަން ނިންމާފައިވަނީ ފަރެސްމާތޮޑާގައެވެ. އެހެންވެ ރައީސް މިއަދު ވަނީ އެ ރަށަށް ވަޑައިގެންފައެވެ. ފަރެސްމާތޮޑާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސް މިއަދު ވަނީ އެރަށުގެ ބަނދަރުގައި ބޭއްވި "މަސްވެރިކަމުގެ އެކްސްޕޯ 2022" ޒިޔާރަތް ކުރައްވައިފައެވެ. އެ އެކްސްޕޯއަކީ މިމަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން މިއަދުގެ ހަވީރުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެކްސްޕޯއެކެވެ.

ރައީސް އެކްސްޕޯއަށް ވަޑައިގަތީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. އެ ޒިޔާރަތް ކުރެއްވުމުގައި ރައީސް ވަނީ އެކްސްޕޯގެ ސްޓޯލްތައް ބައްލަވާލައްވައި، މަސްވެރިކަމުގެ ދާއިރާގެ އާ އުފެއްދުންތަކާ ގުޅޭ މައުލޫމާތު ސާފުކުރައްވައިފައެވެ.

މަސްވެރިންގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދިޔަ އެ އެކްސްޕޯގައި މިފްކޯ އާއި ހޮރައިޒަން ފިޝަރީޒުން ވަނީ އާ އުފެއްދުންތަކެއް ބާޒާރަށް ނެރެފައެވެ.

ފިޝަރީޒް މިނިސްޓްރީން އިންތިޒާމްކޮށްގެން ބޭއްވި އެ އެކްސްޕޯގައި ޖުމްލަ އަށް ސްޓޯލް ހުރި އިރު، އެކްސްޕޯގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ތެރޭގައި އެމްޓީސީސީ، މިފްކޯ، ހޮރައިޒަން ފިޝަރީޒް، އެންސިސް، ސީގަލް ގުރޫޕް، ޕްރެޝާޓެކް މޯލްޑިވްސް، ބިގްފިޝް މޯލްޑިވްސް، އުރީދޫ މޯލްޑިވްސް، ނޫރާއްޖެ އަދި ފަރެސްމާތޮޑާ ކައުންސިލް ހިމެނެއެވެ.