މަސްވެރިކަމުގެ ސިނާއަތުގައި މިހާރުހުރި ބޮޑެތި މައްސަލަތައް މިއަންނަ އަހަރު ހައްލުކުރެވޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސް މިއަދު ވަނީ ގދ. ފަރެސްމާތޮޑާއަށް ވަޑައިގެން މަސްވެރިންނާ ބައްދަލުކުރައްވައި މަސްވެރިންގެ ކަންބޮޑުވުންތައް އައްސަވައިފައެވެ.
މިއަދު ހަވީރު އޮތް ބައްދަލުވުމުގައި މަސްވެރިން ވަނީ ބާނާ މަސްކިރުވުމުގައި ހުރި ދަތިތަކާއި ފައިސާ ލިބުންލަސްވުމާއި އައިސްލިބުން ދަތިވުމާއި ތެޔޮލިބުން ދަތިވުމުގެ މައްސަލަތައް ރައީސްއާ ހިއްސާ ކޮށްފައެވެ.
މަސްވެރި އުޅަނދުތަކުގައި ސެޓަލައިޓް ފޯނު ބޭނުން ކުރުމުގައި ދިމާވާ ދަތިތަކާއި މަސްވެރިންގެ މެދުގައި ފައިސާ ބެހުމުގައި ބޭންކު ލިމިޓްގެ ސަބަބުން ކުރިމަތިވާ ދަތިތަށް ވެސް މަސްވެރިން ވަނީ ރައީސްއާ ހިއްސާ ކޮށްފައެވެ.
މަސްވެރިންގެ ޝަކުވާތައް އަޑުއެއްސެވުމަށްފަހު ރައީސް ވިދާޅުވީ މަސްވެރިކަމުގެ ދާއިރާއަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ އަސްލަކީ މަސްވެރި އުޅަނދު ފަހަރު ތަރައްގީވެގެން އައި މިންވަރަށް، ސަރުކާރުތަކުން މަސްވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަށް މަސައްކަތް ކޮށްފައި ނުވުން ކަމަށެވެ. އަދި ވިދާޅުވީ ފާއިތުވި 12 އަހަރު ތެރޭގައި މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރަން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާ ކަމަށެވެ.
ރައީސް ވިދާޅުވީ، އެ މަނިކުފާނުގެ ސަރުކާރުން މަސްވެރިކަމަށް ދިމާވެފައިވާ މައްސަލަތައް މިއަންނަ އަހަރުގެ މެދު ތެރޭގައި ހައްލު ހޯދައިދެއްވާނެ ކަމަށެވެ. ސަރުކާރުން މިހާރު ވެސް ދަނީ މަސްވެރިކަމުގެ ދާއިރާ ރަނގަޅުކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށާއި އެގޮތުން މަސްކުންފުނިތަކުގެ ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.
މަސްވެރިންގެ ދުވަސް ފަރެސްމާތޮޑާގައި ފާހަގަކުރަމުންދާއިރު، މަސްވެރިންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ރައީސް ވަނީ ޝުކުރުއަދާކުރައްވައިފައެވެ. އަދި މަސްވެރިކަމުގެ ސިނާއަތުގައި، ފަރެސްމާތޮޑާ ހިމެނޭ ސަރަހައްދަކީ މުހިއްމު ސަރަހައްދެއް ކަމަށާއި އަދި ހުވަދު އަތޮޅަކީ ވަކި މޫސުމެއް ނެތި އަބަދުވެސް މަސްބާނާ ސަރަހައްދެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު