މައްޗަން ގޯޅި އާސަހަރާ ސާފުނުކުރާތާ ގިނަދުވަސްވެ، މަހާނަ ކައިރިއަށް ޒިޔާރަތްކުރާ މީހުންގެ ޝަކުވާތައް ގިނަވެފައިވާ ކަމަށް އެ ސަހަރާގައި މަސައްކަތްކުރާ ޖަމާއަތްތެރިން ބުނެފިއެވެ.

ވިނަ ބޯވެ މަހާނަތައް ގެއްލި، ބައެއް މަހާނަތަކުގެ މައްޗަށް އެރޭތީ އާއި އެތަނަށް ޒިޔާރަތްކުރާ މީހުންގެ ހޯދަންބޭނުންވާ މަހާނަތައް ނުފެންނަ ކަމުގެ ޝަކުވާތައް ބައެއް ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައިވެސް ކުރަމުންނެވެ.

އާސަހަރާގައި މަސައްކަތްކުރާ ބައެއް ޖަމާއަތްތެރިން "ވަން" އަށް މިއަދު ބުނީ ގިނަ ފަރާތްތަކުން ޝަކުވާ ކުރަނީ ފަސް އެޅި، މަހާނަތައް ގެއްލިގެން ނޫން ކަމަށާއި ގިނައިން ޝަކުވާ ލިބެނީ ވިނަ ބޯވެ، ހާނަތައް ނުފެންނާތީ ކަމަށެވެ.

އޭނާ ބުނީ ސަހަރާގައި މީހުން ވަޅުލާ ސަރަހައްދު ސާފުނުކުރާތާ އެތައް ދުވަހެއް ވެފައިވާ ކަމަށެވެ.

"ގަވާއިދުން މަހާނަތަކަށް ޒިޔާރަތްކުރާ މީހުން ތިބޭނެ. އެމީހުން ވަރަށް ޝަކުވާ ކުރާނެ. ދެން ބައެއް ފަހަރު މަހާނަތަކުގެ މައްޗަށްވެސް މީހުންނަށް އެރިފަ އެބަހުރި، ވިނަ ބޯވެ ނުފެންނާތީ. މިއަހަރު މިހާތަނަށް އައި އިރު އެއްވެސް ދުވަހަކު ސާފެއް ނުކުރޭ،" އޭނާ ބުންޏެވެ.

ސިޓީ ކައުންސިލް އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ވަން" އަށް މިއަދު ވިދާޅުވީ އާސަހަރާ ސާފު ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ކޭއެސްއޭ ކިޔާ އަމިއްލަ ކުންފުންޏަކަށް ކަމަށެވެ.

އޮފިޝަލު ވިދާޅުވީ އެމީހުން ސަހަރާ ސާފުނުކުރާތާ ދެއަހަރު ވެދާނެ ކަމަށެވެ. އަދި އެތައް ފަހަރަކު އެމީހުންނާ މަޝްވަރާކޮށް އެކަމަށް ހައްލު ހޯދަން މަސައްކަތްކުރި ކަމަށެވެ. ނަމަވެސް އެކަމަށް އެދެވޭ ހައްލެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލާއި ކޭއެސްއޭ އާ ދެމެދު ވެފައިވާ އެއްބަސްވުން ބާތިލު ނުކުރަނީ ކީއްވެތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ އެކަން ނިންމާނީ ކައުންސިލްގެ އިސްވެރިން ކަމަށެވެ. އަދި މި މަހުގެ 29 ވަނަ ދުވަހު އެ އެއްބަސްވުމުގެ މުއްދަތުވެސް ހަމަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސިޓީ ކައުންސިލްގެ މީޑިއާ އޮފިސަރު މަރިޔަމް ޝިއުނާ "ވަން" އަށް މިއަދު ވިދާޅުވީ އާސަހަރާ އާއި މާލޭގެ އެހެނިހެން ސަހަރާތައްވެސް ސާފުކުރާނީ ސިޓީ ކައުންސިލުން ކަމަށެވެ. އަދި އާސަހަރާ ސާފުކުރުމަށް އެއްވެސް ބަޔަކަށް އައުޓްސޯސްކޮށްފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.

ޝިއުނާ ވިދާޅުވީ އާސަހަރާ ސާފު ނުކުރާތާ ކިހާ ދުވަހެއް ވެފައިވާ ކަމެއް އަދި ސާފު ނުކޮށް އޮތީ ކީއްވެކަން މިވަގުތު ދަންނަވަން ދަތި ކަމަށެވެ. ނަމަވެސް މި ހަފުތާ ތެރޭގައި ސަހަރާ ސާފުކުރުމުގެ މަސައްކަތް ކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

މާލޭގެ މިސްކިތްތަކާއި ސަހަރާތައް ސާފުކޮށް ބެލެހެއްޓުމުގެ ބެލެނެވެރިކަން ދީފައި އޮންނަނީ ސިޓީ ކައުންސިލަށެވެ.