ޚަބަރު

ދައުލަތުގެ އެންމެ އިސް ސިޔާސަތަކީ ރައްޔިތުންގެ މެދުގައި ތަފާތު ނުކުރުން: ރައީސް

އިބްރާހިމް ޒަކީ

އިންސާނީ ހައްގުތަކުގެ ދާއިރާއިން ދިވެހި ދައުލަތުގެ އެންމެ އިސް ސިޔާސަތަކީ އަސާސީ ހިދުމަތްތައް ދިނުމުގައި ދިވެހި ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތެއް ނުކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތޯބުގައެވެ.

ރައީސް ވިދާޅުވީ އިންސާނީ އަސާސީ ހައްގުތަކާ ގުޅިފައިވާ ޒަރޫރީ ހިދުމަތްތައް، ދިވެހި ކޮންމެ ރައްޔިތަކަށް ހަމަހަމަކަމާ އެކު ފޯރުކޮށްދިނުމަށްޓަކައި ވަރަށް މުހިންމު މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އެގޮތުން މެދުނުކެނޑި ރަށްރަށުގެ އަސާސީ ހިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

ދުވަހާ ގުޅޭގޮތުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސް ވަނީ އދ. މަޖިލީހުން ކަނޑައަޅާފައިވާ މިއަދުގެ ޝިއާރުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ. އެގޮތުން "ކަރާމާތާއި މިނިވަންކަމާއި އިންސާފު، އެންމެންނަށް" ރަމްޒުކޮށްދެނީ އިންސާނުންގެ މެދުގައި އޮންނަންޖެހޭ ހަމަހަމަކަމާއި އިހުތިރާމާއި ގަދަރުކުރުމުގެ ސިފަ ދެމެހެއްޓުމަށް މަސައްކަތް ކުރުމުގެ މުހިންމުކަން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

އެމަނިކުފާނު ވަނީ މިނިވަންކަމާއި އަދުލު އިންސާފާއި ސުލްހަވެރިކަން، މުޖުތަމައުގައި ދެމެހެއްޓޭނީ އެކަކު އަނެކަކާ މެދު އިހުތިރާމާއި ލޯތްބާއި އިންސާފާއެކު މުއާމަލާތު ކޮށްގެން ކަމަށާއި ތިމާގެ އަމިއްލަ ނަފުސަށް ލިބުމަށް އެދޭ އިހުތިރާމާއި މިނިވަންކަމާއި އިންސާފު، ތިމާގެ ފަރާތުން އަނެކާއަށް ވެސް ލިބިދީގެން ކަމަށް ފާހަގަކުރައްވައިފައެވެ.

ރައީސްގެ ހިތޯބު ނިންމަވައިލެއްވުމުގެ ކުރިން އެމަނިކުފާނު ވަނީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އިރު، އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހެނީ މުޖުތަމައުގައި ހުރި އިންސާނީ ހައްގުތަކަށް ހުރަސްއެޅޭ ކަންކަން ނައްތައިލުމަށްކަމުގައި ފާހަގަކުރައްވައިފައެވެ.

އެގޮތުން ކުޑަކުދިންނަށާއި އަންހެނުންނަށް ކުރާ ޖިސްމާނީ އަދި ޖިންސީ އަނިޔާ އާއި ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވުމަށް، މުޅި މުޖުތަމައު އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށާއި އިޖުތިމާއީ މައްސަލަތަކާއި ކުށްތައް ހުއްޓުވުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ. އަދި ދޮށީ އުމުރުގެ މީހުންނަށް ހައްގުވާ އާއިލީ ލޯތްބާއި އަޅާލުން ދިނުމަށް ސަމާލުކަން ދޭންޖެހޭ ކަމަށާއި މައިންބަފައިންގެ ލޯބިން މަހުރޫމުވެފައިވާ ކުޑަކުދިންނަށް މުޖުތަމައުގެ ތެރެއިން އަޅާލުމާއި ލޯތްބާއި ކުލުނުގެ މާހައުލެއް ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ހިތާބުގައި ބާރުއެޅުއްވެވިއެވެ.