ކްރޮއޭޝިއާއިން އަނެއްކާވެސް ހައިރާންކަން ގެނުވައިފިއެވެ. މިދިޔަ 2018 ވަނަ އަހަރުގެ ފައިނަލަށް ދިޔަ ކްރޮއޭޝިއާއިން ރޭ މިއަހަރުގެ ވޯލްޑް ކަޕްގެ ފެވަރިޓް ބްރެޒިލް ބަލިކޮށް، ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ. ޕެނަލްޓީގައި ކްރޮއޭޝިއާ އަބަދުވެސް ދައްކާ ތަފާތު ދެއްކިއެވެ. ހިތްވަރު ދޫނުކޮށްލުމުގައި އެޓީމާއި އެހެން ޓީމުގެ ފަރަގުވެސް ދައްކާލިއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، ދެޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އޮވެ ދިޔައީ އިތުރު ވަގުތުގެ ކުޅުމަށެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް ނޭމާގެ ހުނަރާއެކު ބްރެޒިލުން ލީޑު ނެގި ނަމަވެސް ޕެނަލްޓީއަށް މެޗު ގެންދަން ކްރޮއޭޝިއާއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 117 ވަނަ މިނެޓުގައެވެ. އެއީ ކްރޮއޭޝިއާއިން މެޗުގައި ގޯލާ ދިމާލަށް ޖެހި ހަމައެކަނި ބޯޅަވެސް މެއެވެ. ބްރެޒިލް ފަދަ ތަރިންގެ ޓީމަކާ ދެކޮޅަށްވެސް ކްރޮއޭޝިއާއިން ހިތްވަރު ކުރީ ގައުމީ ރޫހުގައި ކަމަށް ކޯޗު ލަޓްކޯ ޑަލިޗް ބުނެފައިވެއެވެ.

"މި މޮޅު ހާއްސަ ކުރާނީ ކްރޮއޭޝިއާގެ ރައްޔިތުންނަށް. އަހަރެން މި ކަޓުވާލީ މުބާރާތުގެ ފެވަރިޓުން. މިއީ ކްރޮއޭޝިއާ. ފަހުރުވެރި، ހިތްވަރުގަދަ، ގަބޫލުކުރާ، ވަތަނީ ބައެއް ކްރޮއޭޝިއާއަކީ،" ޑަލިޗް އަސަރާއެކު ރޭގެ މެޗަށްފަހު ބުންޏެވެ.

ޑަލިޗްގެ ނަޒަރުގައި ކްރޮއޭޝިއާގެ ޓީމަކީ ޕްރެޝަރު ކުރިމަތިވާ ހާލަތުގައި، އެ ހާލަތާ ކުރިމަތިލުމަށް އޮތް އެންމެ ވަރުގަދަ ޓީމެވެ. އެކަމަށް ކްރޮއޭޝިއާ "އަންޑައެސްޓިމޭޓް" ކޮށްގެން ނުވާނެ ކަމަށް މެޗު ކުރިންވެސް ޑަލިޗް ބުނެފައިވެއެވެ.

"ނަތީޖާ ނެރެން ޖެހޭ، ނަތީޖާ ނެރެން މަޖުބޫރުވާ ހާލަތުގައި ކްރޮއޭޝިއާ ތަފާތު ދައްކާނެ. ކްރޮއޭޝިއާ ކާމިޔާބު ހޯދާނީ ހިތްވަރުން. އެއްވެސް ބަޔަކު އަހަރެމެން އަންޑައެސްޓިމޭޓް ކޮށްގެން ނުވާނެ. އަދި މިއީ ނިމުނީކީވެސް ނޫން. އަހަރެމެން ދާނީ ކުރިއަށް. ހާސިލްކުރަން ޖެހޭ ބައިވަރު ކަންކަން އެބަހުރި،" ޑަލިޗް ރޭގެ މެޗަށްފަހު ބުންޏެވެ.

ކްރޮއޭޝިއާއިން ސެމީ ފައިނަލްގައި ނުކުންނަން ޖެހޭނީ އާޖެންޓީނާއާ ދެކޮޅަށެވެ. އެ މެޗަށް ޑަލިޗްގެ ފޯކަސް ހުރި އިރު، ސެމީން މޮޅުވެ ޖެހިޖެހިގެން ދެވަނަ ވޯލްޑް ކަޕް ފައިނަލްގައި ކުޅުމުގެ ފުރުސަތު ކްރޮއޭޝިއާއަށް އެބައޮތެވެ. އެގައުމުގެ ތާރީހުގައިވެސް ފުޓުބޯޅައިގައި އެފަދަ ކާމިޔާބީއެއް އަދި ހޯދިފައެއް ނެތެވެ.