ޚަބަރު

ރޮނާލްޑޯގެ ދައްތަ ޕޯޗުގަލްގެ ކޯޗަށް ބަވާލައިފި

ވޯލްޑްކަޕުގެ ދެވަނަ ބުރުގައި ސުވިޒަރލެންޑާ ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުގެ ފުރަތަމަ އެގާރައިގައި ކްރިސްޓިއާނޯ ރޮނާލްޑޯ ނުހިމެނި މައްސަލައިގައި ރޮނާލްޑޯގެ 49 އަހަރުވީ ދައްތަ އެލްމާ އަވެއިރޯ ރުޅިގަދަވެގެން ކޯޗު ރުއި ސަންތޯޝްއަށް ބަވާލައިފިއެވެ.

ކޯޗު ސަންތޯޝްއަށް ރޮނާލްޑޯގެ ދައްތަ ބަވައިލީ މީސްމީޑިއާއަށް ފުލުފުލުގައި ދޫކޮށްލި ޕޯސްޓްތަކެއްގައެވެ. އެންމެ ފުރަތަމަ ޕޯސްޓްކުރީ މެޗު ފެށުމުގެ ކުރިންނެވެ. އޭގައި ލިޔުނެވެ. މޮޅުވުމަށްޓަކައި ރޮނާލްޑޯ ބާކީކުރަން ޖެހެންޏާ މިތިބީ އޭގެ ނަތީޖާ ބެލުމުގެ އިންތިޒާރުގައެވެ. މެޗަށްފަހު އަނެއްކާވެސް ލިޔުނެވެ. ރޮނާލްޑޯ މުސްކުޅިވެއްޖެއެވެ. ޕޯޗުގަލްއަށް ރޮނާލްޑޯގެ ބޭނުން ކެނޑިއްޖެއެވެ. ސާބަހެވެ. ކޮށްދިން ކަންކަމުގެ މަތިން ހަނދާންވެސް ނެތިއްޖެއެވެ. ކޯޗު އެބަބުނެއެވެ. މައާފަށް އެދެން ޖެހޭނެއެވެ. މައާފަށް އެދެންޖެހެނީ ކޮށްދިން ޚިދުމަތްތަކުގެ ބަދަލުގައި ހެއްޔެވެ. ސަންތޯޝްގެ މަގުސަދަކީ ރޮނާލްޑޯ ނިކަމެތި ކުރުމެވެ. ހަމަހިލާ އެހެނެއް ނުހެދޭނެއެވެ. ދައްކަންވީ ވާހަކަ ފަހަށް ބޭއްވީއެވެ.

ނިންމާލަމުން ބުންޏެވެ. އޭ ބަލަ ސަންތޯޝްއެވެ. އަހަރެމެން މިވަގުތު ހަދާނީ އަހަރެމެން ބޭނުން އެއްޗެކެވެ. ކަލެޔާއި ރޮނާލްޑޯއާއި ދެމީހުންނަކީ އެއްތިލަފަތަކުން ކިރޭނެ ދެމީހުންކަން ނޭނގެނީހެއްޔެވެ. ކަލޭ ތިއުޅެނީ ޕޯޗުގަލްގެ ފުޓްބޯޅައަށް ދުވަހަކުވެސް ޚިދުމަތްކޮށްދިން އެންމެ ބޮޑު ޚިދުމަތްތެރިޔާ ނިކަމެތިކުރާނަމޭ ހިތައިގެންނެވެ. މިއީ ވައުދެކެވެ. ކަލެއާ ދިމާކުރުން އަދިއޮތީއެވެ.

ރޮނާލްޑޯގެ ދައްތަގެ ބަވައިލުންގަނޑަށް އެއްދުވަސް ފަހުން ކޯޗު ސަންތޯޝް މީޑިއާގައި ބުނެފައިވަނީ ކުއާޓަރ ފައިނަލްގައި މޮރޮކޯއާ ދެކޮޅަށް ކުޅޭ މެޗުގައި ރޮނާލްޑޯ ފުރަތަމަ އެގާރައިގައި ހިމަނާނެކަމުގެ ޔަގީންކަމެއް ނުދެވޭނެ ކަމުގައެވެ. ބެންޗުގައި ތިބޭ ކުޅުންތެރިންނަށްވެސް ވަގުތާއި ހާލަތުގެ ގޮތުން ފުރުސަތުދޭއިރު ރޮނާލްޑޯ ބެންޗުގައި އިނިއްޔާ އޭނާވެސް ކޮންމެވެސް އިރަކު ކުޅެން ނެރެވިދާނެ ކަމަށް ބުންޏެވެ.