ބްރެޒިލަކީ ވޯލްޑް ކަޕްގެ އެންމެ ވަރުގަދަ ގައުމު ނަމަވެސް، ޖެހިލުންވާން ޖެހޭ ސަބަބެއް ނެތް ކަމަށް ކްރޮއޭޝިއާގެ ކޯޗު ލަޓްކޯ ޑަލިޗް ބުނެފިއެވެ.
މިދިޔަ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލަށް ކްރޮއޭޝިއާ ގެންގޮސްދިން ކޯޗު، ޑަލިޗް މިފަހަރުގެ މުބާރާތް ފެށީ އުނދަގޫ ނަތީޖާތަކަކުން ނަމަވެސް، މިހާރު ކްރޮއޭޝިއާ ފެންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންދާ ތަނެވެ. ގަދަ 16 ގައި ޕެނަލްޓީ ޖަހައިގެން ކްރޮއޭޝިއާއިން ޖަޕާން ބަލިކޮށްފައިވާ އިރު، އެޓީމުން އަނެއްކާވެސް މި ދެއްކީ ނޮކްއައުޓްގެ ތަފާތެވެ.
ކްރޮއޭޝިއާއިން މިދިޔަ ވޯލްޑް ކަޕްގެ ފައިނަލަށް ކުރި ދަތުރުގައިވެސް ޕެނަލްޓީ ޝޫޓްއައުޓްތަކުގެ ދައުރު ބޮޑެވެ. ގަދަ 16 ގައި އެޓީމުން ޑެންމާކް ބަލިކުރީވެސް ޕެނަލްޓީގައެވެ. އަދި ކުއާޓާގައި ރަޝިއާ ބަލިކުރީވެސް ޕެނަލްޓީގައެވެ. މިރޭ އެޓީމަށް އޮތް ޗެލެންޖަކީ ފަސް ފަހަރުގެ ޗެމްޕިއަން ބްރެޒިލް ބަލިކުރުމުގެ ޗެލެންޖެވެ.
"ބްރެޒިލަކީ ފެވަރިޓުން. އެކަމާ ކުރިމަތިލާން ޖެހޭނެ. ބްރެޒިލަކީ އެންމެ ވަރުގަދަ، އެންމެ ކާމިޔާބު ޓީމް ވޯލްޑް ކަޕްގައި. އަހަންނަށް މިހާތަނަށް ފެނުނު މަންޒަރުވެސް ފެންނަނީ އެކަން. އެޓީމުގެ ސްކޮޑާއި، އެ ސްކޮޑުގެ ފެންވަރު، ހުނަރުވެރިކަމަށް ބެލުމުންވެސް ޖެހިލުން ވާން ޖެހޭ. އެކަމަކު އަހަރެމެންނަށް އެއީ ވަރުގަދަ ޓެސްޓެއް. އެ ކުޅުންތެރިންނާ ދެކޮޅަށް ނުކުތުމަކީ ޓަފް ކަމެއް. ހާއްސަކޮށް ބްރެޒިލްގެ ރޫހު ވަރަށް ރަނގަޅު. އެކަމަކުވެސް އަހަރެމެން އަމާނެއް ނުދޭނަން. ޖެހިލުން ނުވާނަން،" ޑަލިޗް ބުންޏެވެ.
ޑަލިޗްގެ ނަޒަރުގައި ކްރޮއޭޝިއާއަށް ބޭނުންވަނީ ކޮންފިޑެންސެވެ. މެޗަކީ 50-50 ގެ އަންދާޒާއެއްގައި އޮތް މެޗެއް ނޫން ނަމަވެސް، ޗެލެންޖެއް ދެވޭނެ ކަމަށް ޑަލިޗް ބުންޏެވެ.
"މެޗަށް ނުކުންނަން ޖެހޭނީ ގަބޫލުކުރުންތަކަކާއެކު، ސެލްފް ކޮންފިޑެންސާއެކު. ލިބޭނެ ފުރުސަތަށް އިންތިޒާރުކުރަންވެސް ޖެހޭނެ. އަދި އޭގެ އިތުރުން ހާއްސަކޮށް ބްރެޒިލާ ދެކޮޅަށް ކުޅޭ ކުޅުމުގެ ހިތްހަމަ ޖެހުން ހޯދަން ޖެހޭނެ. އަހަރެން ގަބޫލުކުރަން ޗެލެންޖެއް ދެވޭނެކަމަށް. ސްމާޓްވާންޖެހޭނެ. މިއީ 50-50 ގެ މެޗެއް ނޫން ނަމަވެސް، އަހަރެމެންނަކީ މާ ބޮޑަށް ބާކީކޮށް ތިބި ބައެއް ނޫން،" ޑަލިޗް ބުންޏެވެ.
ބްރެޒިލާއި ކްރޮއޭޝިއާ ވާދަކުރާ މެޗު އޮންނާނީ މިރޭ 8:00 ގައެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022