ގަތަރު ވޯލްޑް ކަޕްގައި ލިބުނު ނާކާމިޔާބީއާއެކު ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ މަގާމުން ވަކިކޮށްފިއެވެ.

ސްޕެއިނުން މިފަހަރުގެ ވޯލްޑް ކަޕް ފެށީ ކޮސްޓަ ރީކާ އަތުން ހޯދި 7-0 ގެ ބޮޑު މޮޅާއެކުއެވެ. ނަމަވެސް ގަދަ 16 ގައި ޕެނަލްޓީން މޮރޮކޯ އަތުން ބަލިވެ، ސްޕެއިން ވަނީ މުބާރާތުން ކަޓައިފައެވެ. އެ ނާކާމިޔާބީއަށްފަހު އެންރީކޭ މަގާމުން ދުރުކޮށްފައިވާކަން ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަނުން (އާރުއެފްއީއެފް) އިން މިހާރު ވަނީ އިއުލާންކޮށްފައެވެ.

"ފާއިތުވި އަހަރުތަކުގައި ލުއިސް އެންރީކޭ އަދި މުޅި ކޯޗިން ސްޓާފުން ގައުމީ ޓީމަށް ކޮށްދިން މަސައްކަތްތަކަށް ފެޑެރޭޝަނުން ޝުކުރު އަދާކުރަން. ކުރިއަށްއޮތް އާ ޕްރޮޖެކްޓާ ގުޅޭ ރިޕޯޓު ފެޑެރޭޝަންގެ ސްޕޯޓްސް މެނޭޖްމަންޓުން ވާނީ ރައީސަށް ހުށަހަޅާފައި. ކުރިއަށްއޮތް ޕްރެޖެކްޓުގެ މަގުސަދަކީ އިތުރު ކުރިއެރުންތައް ހޯދުން. ފެޑެރޭޝަންގެ ރައީސް ލުއިސް ރުބިއަލޭސް އަދި ސްޕޯޓްސް ޑިރެކްޓަރު ހޯސޭ ފްރެންސިސްކޯ މޮލީނާ ވަނީ އެންރީކޭއަށް ނިންމުން އަންގާފައި،" އާރުއެފްއީއެފް އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އާރުއެފްއީއެފް އިން ވަނީ އެންރީކޭގެ ބަދަލުގައި ސްޕެއިންގެ ސީނިއާ ގައުމީ ޓީމާ ހަވާލުވާނެ ކޯޗެއް ވެސް އިއުލާންކޮށްފައެވެ. އެ މަގާމަށް އައްޔަންކޮށްފައިވަނީ ސްޕެއިންގެ 21 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗަކަށް ހުރި ލުއިސް ޑެ ލާ ފުއެންޓޭއެވެ.

"ފެޑެރޭޝަނުން ވަނީ އާ ކޯޗަކަށް ލުއިސް ޑެ ލާ ފުއެންޓޭ އައްޔަންކޮށްފައި. ސްޕޯޓްސް ޑިރެކްޓަރު ހޯސޭ ފްރެންސިސްކޯ މޮލީނާ ވަނީ ވޯލްޑް ކަޕަށްފަހު ޓީމާ ހަވާލުވާނެ ކޯޗަކަށް 21 އަހަރުން ދަށުގެ ޓީމާ ހަވާލުވެ ހުރި ކޯޗު ހަމަޖެއްސުމަށް ބޭނުންވާކަން ރައީސް ލުއިސް ރުބިއަލޭސްއަށް ރިޕޯޓު ހުށަހަޅާފައި،" އާރުއެފްއީއެފްގެ ބަޔާނުގައި ބުނެފައިވެއެވެ.

ކޯޗެއްގެ ގޮތުގައި ބާސެލޯނާއާއެކު ގިނަ ކާމިޔާބީތަކެއް ހޯދި އެންރީކޭ، ސްޕެއިން ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވެފައިވަނީ ވޯލްޑް ކަޕް 2018 އަށްފަހުއެވެ. އެންރީކޭގެ އިރުޝާދުގެ ދަށުން ޔޫރޯ 2020 ގެ ސެމީ ފައިނަލަށް ސްޕެއިން ދަތުރުކުރި ނަމަވެސް، ޗެމްޕިއަންކަން ހޯދި އިޓަލީ އަތުން ޕެނަލްޓީގައި ސްޕެއިން ވަނީ ބަލިވެފައެވެ.

ސްޕެއިންގެ ކޯޗަކަށް ހަމަޖެއްސި ޑެ ލާ ފުއެންޓޭ އަކީ ކޯޗެއްގެ ގޮތުގައި ސީނިއާ ލެވެލްގައި ކާމިޔާބު ކޯޗެއް ނޫނެވެ. ނަމަވެސް އޭނާ ވަނީ ސްޕެއިނަށް 19 އަހަރުންދަށުގެ ޔޫރޯ އާއި 21 އަހަރުން ދަށުގެ ޔޫރޯ ކާމިޔާބުކޮށްދީ، 23 އަހަރުން ދަށުގެ ޓީމަށް އޮލިމްޕިކްސްގެ ރިހި މެޑަލް ހޯދައިދީފައެވެ.