ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަންނަ ހަފުތާގައި ގދ. ފަރެސްމާތޮޑާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އަންނަ އާދިއްތަ ދުވަހު ރައީސް ސޯލިހު ފަރެސްމާތޮޑާއަށް ވަޑައިގަންނަވާނެ ކަމަށެވެ. އެ ދަތުރުފުޅަށްފަހު ހޯމަ ދުވަހު މާލެ ވަޑައިގެން، ހަމަ އެ ދުވަހު ގަތަރަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.
ގަތަރަށް ކުރައްވާ ދަތުރުފުޅަކީ އެ ގައުމުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އަލް ޘާނީގެ ދައުވަތަކަށް ވޯލްޑް ކަޕްގެ ސެމީ ފައިނަލްގެ މެޗެއް ބައްލަވާލެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ވޯލްޑް ކަޕްގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗު އޮންނާނީ އަންނަ ބުދަ ދުވަހުއެވެ. ދެވަނަ މެޗު އޮންނާނީ ބުރާސްފަތި ދުވަހުއެވެ.
މިއުވާން ވިދާޅުވީ ގަތަރަށް ކުރައްވާ ދަތުރުފުޅުގެ ޓިކެޓް ހަމަޖައްސަނީ ރައީސް އަމިއްލަފުޅަށް ކަމަށާއި އަދި މެހެމާންދާރީގެ ކަންކަމާއި މެޗުގެ ޓިކެޓްގެ ހަރަދު ހަމަޖައްސަނީ ގަތަރުން ކަމަށެވެ.