މަހަށް ނުކުމެ އުޅުނު މީހެއް ގައިގައި ބުރަފަތިން ޖެހި ބޮޑެތި ޒަހަމްތަކެއް ލިބި ފަރުވާ ދޭން ފަށައިފިއެވެ.

އަނިޔާވެފައިވަނީ ގއ. ކަނޑުހުޅުދޫ/ ގެލެރީ ދޯނީގެ އުމުރުން 55 އަހަރުގެ ފަޅުވެރިޔަކަށެވެ.

ކަނޑުހުޅުދޫ ކައުންސިލް ރައީސް ތޯރިގު އަފީފު "ވަން" އަށް މިއަދު ވިދާޅުވީ، އެ މީހާ ބުރަފަތީގައި ޖެހުނީ ގެލެރީ ދޯނީގެ ބުރަފަތީގައި އޮޅުނު ވަލެއް ނަގަން އުޅުމުގެ ތެރޭގައި ކަމަށެވެ. ހާދިސާގައި އެ މީހާގެ ކޮނޑުހުޅާއި އަތާއި ފައިގެ އިތުރުން ހަށިގަނޑުގެ އެކި ތަންތަނަށް ފުން ޒަހަމްތަކެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އޭނާ ވާ ނައްޓަން އުޅުނީ އިންޖީނު ޖައްސައިގެން ހުރެ ކަމެއް ނުވަތަ އެ ނައްޓަން މަސައްކަތް ކުރަނިކޮށް އިންޖީނު ޖެއްސުނީކަން އަދި ސާފުނުވާ ކަމަށް ވިދާޅުވިއެވެ.

ތޯރިގު ވިދާޅުވީ، އަނިޔާ ލިބުނު މީހާއަށް މިހާރު ގދ. ގައްދޫ ސިއްހީ މަރުކަޒުގައި ފަރުވާދެމުންދާ ކަމަށާއި އެ މީހާގެ ހާލު ސީރިއަސް ކަމަށެވެ.

"އެ ހާދިސާ ހިނގި ސަރަހައްދާ އެންމެ ކައިރީގައި އޮތީ ގައްދޫ. އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދިނުމަށްފަހު މިހާރު ގދ. ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދަން މަސައްކަތްކުރާ ކަމަށް މައުލޫމާތު ލިބޭ. އެކަމަކު ހާލު މާބޮޑަށް ސީރިއަސްވެ، މާލެ ގެންދަން މަސައްކަތްކުރާ ކަމަށްވެސް މައުލޫމާތު އެބަ ލިބޭ،" އޭނާ ވިދާޅުވިއެވެ.