ފުލުހެއްގެ ކިހިލިފަތް ކައިރީގައި ދަތް އެޅި މީހަކު އެއް އަހަރާއި ހަތް މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ޖަލަށް ލުމަށް އިއްޔެ ހުކުމް ކޮށްފައިވަނީ، ކ. ތުލުސްދޫ/ ކަރަންކާގޭ އިބްރާހިމް ޝަރީފެވެ.

އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް އުފުލާފައިވަނީ، މިދިޔަ ޖެނުއަރީ މަހުގެ ދެވަނަ ދުވަހު 9:20 ހާއިރު މާލޭގެ މަގެއްގެ މަތިން އޭނާ ފެނުނުއިރު، އޭނާގެ އަތުގައި ގާނޫނާ ގަވާއިދާ ހިލާފު އެއްޗެއް އޮތް ކަމަށް ތުހުމަތު ކުރެވިގެން އޭނާ ހުއްޓުވައި އޭނާކީ ކާކުކަން އަންގައިދިނުމަށް ފުލުހުން އެންގުމުން އެކަމަށް އިންކާރުކޮށް އަމުރަށް ނުކިޔަމަންތެރިކަން ދެއްކި މައްސަލައިގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭނާ ބަލައިފާސްކުރި ވަގުތު ފުލުހެއްގެ ކަނާއަތު ކިހިލިފަތް ކައިރީގައި އޭނާ ދަތް އެޅުމުންނެވެ.

އެ ދައުވާއަށް އިންކާރުކޮށް އޭނާ ބުނެފައިވަނީ، ފުލުހުން މަގުމަތިން އޭނާ ހުއްޓުވައި އޭނާގެ ކަރުގައި ހިފައި އަނިޔާ ކުރި ކަމަށެވެ. ދައުވާއަށް އިންކާރުކުރުމުން ދައުވާ ސާބިތުކުރުމަށް ދައުލަތުން ހެކީގެ ގޮތުގައި ކްރައިމް ސީންއަށް ދިޔަ ފުލުހާއި އަނިޔާ ލިބުނު ފުލުސް މީހާއާއި މެޑިކޯ ލީގަލް ރިޕޯޓް ހުށަހެޅިއެވެ.

ދައުވާ ސާބިތުވެ، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ކޯޓުން ހުކުމްކުރި ނަމަވެސް އޭނާ ތަންފީޒު ކުރަންޖެހޭ ޖަލު އަދަބުގެ ތެރެއިން، އެއް އަހަރާއި ފަސް މަހުގެ ޖަލު އަދަބު ވަނީ ދެ އަހަރާއި ދިހަ މަސް ދުވަހުގެ ގޭ ބަންދަކަށް ބަދަލުކޮށްދީފައެވެ.

އެހެންކަމުން އޭނާ ތަންފީޒު ކުރަންޖެހޭ ޖަލު އަދަބަކީ ދެ މަހާއި ހަތަރު ދުވަސް ކަމަށް ޝަރީއަތުން ކަނޑައެޅިއެވެ.