މީޑިއާތައް މިހާރަށް ވުރެ ބޮޑަށް ލާމަރުކަޒީ ކުރެވެން ޖެހޭ ކަމަށާއި ރާއްޖޭގެ ހިންގުން ރަނގަޅުވާނީ އޭރުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްްޖެއެވެ.

ހޯމް މިނިސްޓްރީން އިސްނަގައިގެން "ކައުންސިލްތައް ޖަވާބުދާރީ ކުރުވުމުގައި ނޫސްވެރިންގެ ދައުރު" ގެ ނަމުގައި މެންހަޓަން ބިޒްނަސް ހޮޓަލް" ގައި މިހާރު ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އިމްރާން މިއަދު ވިދާޅުވީ، މީޑިއާތައް މިހާރަށް ވުރެ ބޮޑަށް ލާމަރުކަޒީ ކުރެވެން ޖެހޭ ކަމަށެވެ.

"ބައެއް އަމިއްލަ ނޫސްތަކުން ނުވަތަ އަމިއްލަ ނޫސްވެރިން އަތޮޅުތެރެއަށް އިސްކަމެއް ދީގެން ކުރިއަށްދިޔަ ނަމަވެސް ދައުލަތުގެ ނިޒާމުގެ ތެރެއިން ނޫސްވެރިކަން ލާމަރުކަޒީ ކުރުމުގެ މާ ބޮޑު ވާހަކަތަކެއް އަދި ދެއްކިފައެއް ނުވޭމ" އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ، ލާމަރުކަޒީކޮށް ދައުލަތް ހިންގަމުން އަންނައިރު، އެކިއެކި އިދާރާތައް ޖަވާބުދާރީކުރުމުގައި މިޑިއާގެ ދައުރު ބޮޑު ކަމަށެވެ. އަދި މީޑިއާތަކުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފޯކަސް ކުރަން ޖެހޭ ކަމަށާއި ރާއްޖޭގެ ހިންގުން ރަނގަޅުވާނީ އޭރުން ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މާލޭގައި ގާއިމުވެ ތިބޭ ނޫސްވެރިންނަށްވުރެ އަތޮޅުތެރޭގައި ގާއިމުވެ ތިބެ ހިންގަވާ ނޫސްތައް ކުޑަވެ މަދުވާން ޖެހޭ އެއްވެސް ސަބަބެއް ނެތް. އަތޮޅުތެރޭގައި ނިޒާމުތައް ބައްޓަންކުރެވިފައި އޮތް ގޮތުން އަތޮޅުތަކުން އަތޮޅުތަކުގެ ސަރަހައްދުތަކުގައި ހިނގާ ކަންކަން އެންމެ ގާތުން އެންމެ އަވަހަށް ގެންނަން ފަސޭހަވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މަސައްކަތް ކުރައްވަމުންގެންދަވަނީޒިންމާދާރު އަދި ފަސޭހައިން ނޫސްވެރިކަން ކުރެވޭނެ މާހައުލެއް ހޯދައިދެއްވުމަށް ކަމަށެވެ. އަދިި ނޫސްވެރިކަމުގެ މިނިވަންކަން އޮތްއިރު، ނޫސްވެރިން އަމިއްލައަށް ޒިންމާދާރުވާން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.