ވައިގެ މަގުން ޕާކިސްތާނުން ރާއްޖެއަށް އައި މީހެއްގެ އަތުން 17.26 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން މިއަދު ބުނީ އެތަކެތި އަތުލައިގެންފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ރާއްޖެ އައި އުމުރުން 30 އަހަރުގެ ޕާކިސްތާނުގެ ފިރިހެނަކާ މެދު ޝައްކު ކުރެވިގެން، އޭނާގެ ލަގެޖު ބަލައި ފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އެގޮތުން އަތުލައިގަނެވުނު ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލު ކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަށް ޕޮޒިޓިވްވެފައިވާ ކަމަށްވެސް ކަސްޓަމްސްއިން ބުންޏެވެ.

ކަސްޓަމްސް އިން ބުނީ މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމުލަ 17.26 ކިލޯ ހުރި އިރު، އެ ތަކެތީގެ މަގުމަތީ އަގު 21 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

މައްސަލައިގައި ޝާމިލުވާ މީހާ އާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.

ކަސްޓަމްސް އިން އިތުރަށް ބުނީ މިއީ މިއަހަރުގެ މިހާތަނަށް މިބާވަތުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް ހަ ވަނަ ފަހަރު ކަމަށެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 55.4 ކިލޯގެ ހެރޮއިން އަތުލައިގެންފައިވާ ކަމަށް ބުންޏެވެ.