މާލޭ ސިޓީ ކައުންސިލަށް ވިއްކި ފޭރުގަސްތަކެއްގެ ފައިސާ އަދިވެސް ނުލިބޭ ކަމަށާއި މިމަހުގެ ނިޔަލަށް ފައިސާ ނުދީފި ނަމަ ކޯޓަށް ދާނެ ކަމަށް ޒުވާން ދަނޑުވެރިޔާ، އަބްދުﷲ ރަމްޒީ ބުނެފިއެވެ.
ރަމްޒީ މިދިޔަ އޮކްޓޫބަރު މަހު ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ސިޓީ ކައުންސިލުން އޭނާގެ އަތުން 80 ފޭރުގަސް ގަތް ކަމަށާއި ނަމަވެސް އެއަށް ލިބެންޖެހޭ ފައިސާ މިހާތަނަށް ދީފައި ނުވާ ކަމަށެވެ.
ރަމްޒީ މިއަދު "ވަން" އަށް ބުނީ ގަސް ގަތްތާ މިހާރު ހަތަރު މަސްދުވަސް ވެފައިވާއިރު، މިހާތަނަށް އެގަސްތަކަށް ލިބެން ޖެހޭ އެއްވެސް ފައިސާއެއް ނުލިބޭ ކަމަށެވެ.
ރަމްޒީ ވިދާޅުވީ ތަކުރާރުކޮށް މިކަމާ ގުޅިގެން ސިޓިކައުންސިލަށް ގުޅައި މެސެޖުކޮށް އަދި ސިޓީވެސް ފޮނުވާފައިވާ ކަމަށާއި ނަމަވެސް މިހާތަނަށް އެއްވެސް ޖަވާބެއް ނުލިބޭ ކަމަށެވެ.
"އަޅުގަނޑު އެތައް ގޮތަކުން ބަލައިފިން މިފައިސާ ލިބޭތޯ. އެބޭފުޅުން މިފައިސާ ދޭނެ ކަމަށްވެސް ނުދޭނެ ކަމަށްވެސް ނުބުނޭ. އެއްވެސް ޖަވާބެއް ނުދޭ ގުޅިޔަސް މެސެޖުކުރިއަސް. މިމަހުގެ ނިޔަލަށް ނުލިބިއްޖެއްޔާ ކޯޓަށް މައްސަލަ ވައްދާނަން." އޭނާ ބުންޏެވެ.
ރަމްޒީ ބުނި ގޮތުގައި، ސިޓީ ކައުންސިލަށް ފޭރުގަސްތައް ވިއްކީ ގަހެއް 200 ރުފިޔާގެ ރޭޓުންނެވެ. އެހެންކަމުން ގަސްތަކަށް ޖުމުލަ 16000 ރުފިޔާ ލިބެން ޖެހޭ ކަމަށް ބުންޏެވެ.
މިކަމާ ގުޅިގެން މާލެ ސިޓި ކައުންސިލްގެ މީޑިއާ އޮފިސަރު މަރިޔަމް ޝިއުނާ "ވަން" އަށް މީގެ ކުރިން ވިދާޅުވީ އެ ކައުންސިލުން ގަތް ފޭރުގަސްތަކެއްގެ ޕޭމަންޓެއް ނުދެވި އަދި އެބަ އޮތް ކަމަށެވެ. އެ ޕޭމަންޓް ދިނުމުގައި ލަސްތަކެއް އުޅެނީ ފިނޭންސުން ކައުންސިލަށް ދޭން ޖެހޭ ބަޖެޓު ނުލިބޭތީ ކަމަށެވެ.
އެގޮތުން ފިނޭންސުން ފައިސާ ނުލިބޭތާ ތިން މަސް ވެފައިވާއިރު، އެކަމުގެ ސަބަބުން ބައެއް ފަރާތްތަކަށް ދޭން ޖެހޭ ފައިސާ ދިނުމުގައި ލަސްތަކެއް ދިމާވަމުންދާ ކަމަށް ވިދާޅުވިއެވެ.
ނަމަވެސް ފިނޭންސް ވަނީ މިކަން ދޮގުކޮށްފައެވެ. ކައުންސިލަށް ދޭންޖެހޭ ފައިސާ މަހުން މަހަށް ދީފައިވާކަމަށްވެސް ފިނޭންސް މިނިސްޓްރީން އޭރު ވަނީ ބުނެފައެވެ.
ޝިއުނާ ވިދާޅުވީ ބަޖެޓު ލިބުނުހާ އަވަހަކަށް ފައިސާ ދޭން ޖެހޭ ފަރާތްތަކަށް ލަސްނުކޮށް ފައިސާ ދޭނެ ކަމަށާއި އަދި ފައިސާ ދޭން ޖެހޭ ފަރާތްތަކާއި ސިޓީ ކައުންސިލުން ވާހަކަ ދައްކަމުންދާނެ ކަމަށެވެ.
މިއަދުވެސް ސިޓީކައުންސިލްގެ ބަހެއް ލިބޭތޯ "ވަން" އިން މަސައްކަތް ކުރި ނަމަވެސް އެ ކައުންސިލްގެ މީޑިއާ އޮފިސަރު ފޯނަށް ޖަވާބު ނުދެއްވާތީ އާއި މެސެޖުކޮށްގެންވެސް މިހާތަނަށް ޖަވާބު ދީފައިނުވާތީ މިކަމުގެ ބަހެއް އަދި ވަނީ ލިބޭ ގޮތްނުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު