މިދިޔަ ނޮވެމްބަރުމަހު ޕްރޮސިކިއުޓާޖެނެރަލްގެ އޮފީސް (ޕީޖީ) އަށް 273 މައްސަލަ ހުށަހަޅާފައިވާ ކަމަށް އެ އޮފީހުން ބުނެފިއެވެ.
ޕީޖީ އޮފީހުން ބުނީ އޭގެ ތެރެއިން 103 މައްސަލަ ޑިއުޓީ ޕްރޮސިކިއުޝަން ބަލައިގަނެފައިވާ ކަމަށާއި، އިތުރު މައުލޫމާތު ސާފު ކުރުމަށް 69 މައްސަލަ އަނބުރާ ފޮނުވާލައި، 60 މައްސަލަ ދިރާސާކުރަމުން އަންނަ ކަމަށެވެ. އެކި ސަބަބުތަކާ ހެދި 41 މައްސަލަ ބަލައިނުގަތުމަށް ނިންމާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ޕީޖީ އޮފީހަށް ފޮނުވި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ، މަސްތުވާތަކެތީގެ މައްސަލަތަކެވެ. އެ ބާވަތުގެ 87 މައްސަލަ ފޮނުވާފައިވާއިރު، ވައްކަމުގެ 38 މައްސަލަވެސް ފޮނުވާފައިވެއެވެ. ދެން އެންމެ ގިނައިން ހުށަހެޅި މައްސަލަތަކުގެ ތެރޭގައި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 28 މައްސަލަ އާއި މާރާމާރީ ހިންގުމުގެ 22 މައްސަލަ އާއި މަކާރާއި ހީލަތް ހެދުމުގެ 19 މައްސަލައާއި ބަނގުރަލުގެ 11 މައްސަލައާއި ކޮރަޕްޝަނާއި ނަހާލަލަށް ބަލިވެ އިނުން ކުރެ ކޮންމެ ބާވަތަކުން 5 މައްސަލަ ހިމެނެއެވެ.
މީގެ އިތުރުން އޮރިޔާންކާޑު، ކުޑަކުދިންނަށް އަނިޔާކުރުން، ބަދު އަހުލާގީ އަމަލު ހިންގުން، ހިޔާނާތް މިއިން ކޮންމެ ބާވަތަކުން 4 މައްސަލަ ހުށަހަޅާފައިވެއެވެ.
ޕީޖީއަށް މައްސަލަ ހުށަހެޅި ފަރާތްތަކުގެ ތެރެއިން ދިވެހި ފުލުހުންގެ ހިދުމަތުން، 260 މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 8 މައްސަލަ އަދި ހިއުމަންރައިޓްސް ކޮމިޝް (އެހްއާރުސީއެމް) އިން 2 މައްސަލަ ވަނީ ހުށަހަޅާފައެވެ.
އޭގެ އިތުރުން ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި، މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީންކުރެ ކޮންމެ ތަނަކުން 1 މައްސަލަ ހުށަހަޅާފައި ވެއެވެ.
ހުސްވިމަހު ކޯޓުތަކަށް ހުށަހެޅި މައްސަަލަތަކުގެ ތެރެއިން، ޑްރަގް ކޯޓު ފިޔަވައި، އެހެން ކޯޓުތަކުން ނިންމާފައިވާ މައްސަލަތަކަށް ބަލާއިރު 118 މައްސަލައިގައި ހުކުމްކޮށްފައިވަނީ ސާބިތުވާ ކަމަށެވެ. 48 މައްސަލަ ސާބިތު ނުވާކަމަށް ހުކުމް ކޮށްފައިވާއިރު، މަދަނީ މިންގަނޑު 13 މައްސަލައެއްގައި ދައުވާ ވަނީ ބާތިލު ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު