ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންނަށް އިނާމު ދިނުމަށް ބާއްވާ ޖަލްސާ އަންނަ އަހަރު ފެބުރުއަރީ މަހު ބާއްވާ ގޮތަށް ނިންމައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންގެ ތެރެއިން މިއަހަރު އިނާމު ދިނުމަށް ކަނޑައެޅި ބޭފުޅުންނަށް އިނާމު ދިނުމަށް ބާއްވާ ޖަލްސާ، އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ 16ވަނަ ދުވަހުގެ ރޭ ބާއްވާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
މީގެ ކުރިން މި ޖަލްސާ ބާއްވަން ނިންމާފައިވަނީ މިމަހުގެ ތެރޭގައެވެ. ނަމަވެސް މި ޖަލްސާ ފަސްކުރެވުނު ސަބަބެއް ރައީސް އޮފީހަކުން ހާމައެއް ނުކުރެއެވެ.
ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ޝަރަފުގެ ބެޖަކާއި، އައްޑަނައަކާއި، ހަނދާނީ ލިޔުމެކެވެ.
ދިވެހި ދައުލަތަށް ގިނަދުވަހު ހިދުމަތްކުރުމުގެ އިނާމަށް އެދި މިއަހަރު 110 ބޭފުޅަކު ނަން ހުށަހެޅިއެވެ. މިއަހަރު އިނާމު ލިބޭނެ ބޭފުޅުން ކަނޑައެޅީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވައިފައިވާ ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ.
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހުލާސްތެރިކަމާއެކު ކޮށްފައިވާ ހިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން މިދިޔަ އަހަރު ދޭން ފެށި ޝަރަފުވެރި އިނާމެކެވެ.
މިދިޔަ އަހަރިު މި އިނާމު 106 ބޭފުޅަކަށް ވަނީ ލިބިފައެވެ.