ގދ. ފަރެސްމާތޮޑާ އެއާޕޯޓް މިއަހަރުގެ ތެރޭގައި ނުހުޅުވޭނެ ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ޑިޒައިން އެންޑް ބިލްޑު އުސޫލުން ފަރެސްމާތޮޑާ އެއާޕޯޓްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ، 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެއީ ޖުމްލަ 144.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މި މަޝްރޫއުގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ނިންމައި އެ އެއާޕޯޓު ހުޅުވާނެ ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ބުނެފައެވެ. އަދި ޅ. މަޑިވަރު އެއާޕޯޓު ހުޅުވުމަށް މިއަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މާލެއިން އުތުރުގެ ކޮންމެ އަތޮޅެއްގައި މިހާރު އެއާޕޯޓެއް ހުޅުވިފައިވާ ކަމަށާއި ސަރުކާރުގެ އަމާޒަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް 30 މިނިޓުން ދެވޭ ހިސާބުގައި އެއާޕޯޓުތައް ގާއިމުކުރުން ކަމަށެވެ.
އެގޮތުން މިއަހަރުތެރޭ މ. މުލީ އެއާޕޯޓާއި ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް ނިންމައި ހުޅުވާނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން "ވަން" އަށް މިއަދު ވިދާޅުވީ ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް އަދި ނުނިމޭ ކަމަށެވެ. އަދި މިއަހަރު އެ އެއާޕޯޓު ނުހުޅުވޭނެ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއްވައެވެ.
މި މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން މި މަޝްރޫއުގެ މަސައްކަތް ކުރިއަށްދާގޮތް ހިއްސާކުރަމުން މިދިޔަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ބުނީ މުޅި މަޝްރޫއުގެ 82 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށެވެ. ފަޔާ ބިލްޑިން އާއި ޓާމިނަލްގެ ބިލްޑިން އިމާރަތް ކުރުމުގެ 95 ޕަސަންޓު މަސައްކަތް ނިމިފައިވާ ކަމަށެވެ. އެއާޕޯޓުގެ ޓާމިނަލް އިމާރަތްކުރުމުގެ 80 ޕަސަންޓް މަސައްކަތް ނިމިފައިވާ ކަމަށްވެސް ބުންޏެވެ.
މި މަޝްރޫއުގެ ދަށުން ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތްކުރުމާއި ޓެކްސީވޭއަކާއި އޭޕްރަންއަކާއި ފަޔާ ޕެޑް އަދި ފަޔާ ރޯޑެއް ގާއިމުކުރުމާއި ފަޔާ ބިލްޑިންގެއް އިމާރާތް ކުރުމާއި ޓާމިނަލް ބިލްޑިންގެއް އިމާރާތް ކުރުމުގެ މަސައްކަތް ހިމެނެއެވެ.