ގަތަރު ވޯލްޑް ކަޕް 2022 ގެ ކުއާޓާ ފައިނަލުން ޖާގަ ހޯދުމަށް ރޭ ކުޅުނު މެޗުގައި ސްޕެއިން ބަލިކުރި މޮރޮކޯ ޓީމުގެ ހުރިހާ ކުޅުންތެރިންނާ މެދުވެސް ފަހުރުވެރި ވާ ކަމަށް ކޯޗު ވަލީދު ރެގްރަގޫ ބުނެފިއެވެ.
ރޭ ގަތަރުގެ އެޑިއުކޭޝަނަލް ސިޓީ ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ ގަދަ 16ގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 0-0 އިން އެއްވަރުވެފައި އޮތުމުން މެޗު ވަނީ އިތުރު ވަގުތަށް ގޮސްފައެވެ. އިތުރު ވަގުތުގެ 30 މިނެޓް ކުޅުން ނިމުނު އިރުވެސް މެޗުގައި ގޯލެއް ނުފެނުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި މޮރޮކޯ މެޗު ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
އެ ނަތީޖާއަށް ވާސިލުވާން ވަރުގަދަ ސްޕެއިން ހުއްޓުވައި މޮރޮކޯއިން އެޓީމުގެ ގޭމް ޕްލޭން ކާމިޔާބުކުރިއެވެ. ޕެނަލްޓީގައި ތަފާތުވެސް ދެއްކި އެވެ. ހާއްސަކޮށް ޓީމުގެ ގޯލްކީޕަރު ޔަސީން ބޯނޯ ވަނީ ސްޕެއިންގެ ދެ ޕަނަލްޓީ މަތަކޮށްފައެވެ. މެޗަށްފަހު އެތައް ހާސް މޮރޮކޯ ސަޕޯޓަރުންނާއެކު އެޓީމުން އުފާފާޅުކުރިއެވެ. ޝުކުރުގެ ސަޖިދައަށް ދަނޑު މައްޗަށް ތިރިވެ، މޮރޮކޯ ވަނީ އެތައް ބަޔަކު ހެއްވާލައިފައެވެ. އެ އުފާފާޅުކުރުންތަކުގެ ތެރެއިން ކޯޗު ވަލީދު މައްޗަށް ނަގައި، ޓީމުން ވަނީ އޭނާއަށް ހާއްސަ ޝަރަފެއް ވެސް ދީފައެވެ.
"ކުޅުންތެރިން ދެއްކީ އާދަޔާހިލާފު ހިތްވަރެއް. ޓީމުން ދެއްކި ހިތްވަރާއި ހަކަތައިން ފެނުނީ ދުނިޔޭގައި އޮތް އެންމެ ވަރުގަދަ އެއް ޓީމު ހިފަހައްޓާލިތަން. އަހަރެމެން ބޭނުންވީ ފުރިހަމަ ވަގުތުގައި މޮޅުވާން ނަމަވެސް ޕެނަލްޓީއަށް ދިޔަސް ބޯނޯއަށް އުންމީދު އޮތް. އަހަރެމެންގެ ޓީމަކީ އެއް އާއިލާއެއް،" މޮރޮކޯ ކޯޗު ވަލީދު ބުންޏެވެ.
މޮރޮކޯގެ ގިނަ ކުޅުންތެރިންނަކީ އެގައުމުން ބޭރަށް ހިޖުރަކޮށް ވަޒަންވެރިވެގެން އުޅޭ އާއިލާތަކަށް ނިސްބަތްވާ ކުޅުންތެރިން ކަމަށްވުމާއެކު، ރޭގެ ޕްރެސްގައި އެކަމަށްވެސް ވަލީދު ޖަވާބު ދީފައިވެއެވެ. ކޯޗު ވަލީދު ބުނީ ޔޫރަޕްގައި އުޅެ، ޔޫރަޕަށް އުފަން ނަމަވެސް އެ ކުޅުންތެރިން އެ ދައްކައިދެނީ ގައުމަށް އޮތް ލޯބީގެ ބޮޑުކަން ކަމަށެވެ.
"ވޯލްޑް ކަޕްގެ ކުރިންވެސް ތިކަހަލަ މައްސަލަތަކެއް އައި. ޔޫރަޕަށް އުފަން ކުޅުންތެރިންނާ މެދު ބައެއް މީހުން ސުވާލު އުފެއްދި. މިއަދު އެދެއްކީ މޮރޮކޯ ޕާސްޕޯޓެއް އޮތް ކޮންމެ މީހަކީ ހަގީގީ މޮރޮކޯ މީހެއްކަން. އަހަރެންވެސް އުފަންވީ ފްރާންސަށް. އެކަމަކު އަހަރެން މިގައުމަށް ދޭ ލޯބި ދެވޭނެ ވަކި އިތުރު މީހަކު ނުވެސް ހުންނާނެ،" ވަލީދް އަސަރާއެކު ބުނެފައިވެއެވެ.
ރޭގެ މެޗުގައި މޮރޮކޯއަށް ޖަހައިދިން އެންމެ މުހިއްމު ޕެނަލްޓީ ޖަހައިދިން އަޝްރަފް ހަކީމީއަކީވެސް ސްޕެއިނަށް އުފަން، އެގައުމުގައި އުޅެ، އެގައުމަށް ކުޅެން ފުރުސަތުވެސް އޮތް ކުޅުންތެރިއެކެވެ. އޭނާ ކުޑައިރުން ފެށިގެން ސްޕެއިންގެ ފުޓުބޯޅަ ސިސްޓަމުގައި ކުރިއަރާފައިވާ އިރު، ހަކީމީގެ އާއިލާ ނިސްބަތްވާ މޮރޮކޯ އޭނާ ހިޔާރު ކުރީ އޭނާއަކީ މޮރޮކޯ މީހެއްކަމަށް ބުނެއެވެ. ޔޫރަޕްގެ އެކިއެކި ގައުމުތަކަށް މޮރޮކޯގެ އާއިލާތައް ހިޖުރަކޮށް ދިރިއުޅެމުން އަންނައިރު، އެގައުމުގެ ގައުމީ ޓީމުގައި އެފަދަ އާއިލާތަކަށް ނިސްބަތްވާ އިތުރު ކުޅުންތެރިންވެސް ހިމެނެއެވެ.
މޮރޮކޯއިން ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ނުކުންނާނީ ޕޯޗުގަލްއާ ދެކޮޅަށެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022