ޗާގޮސް މައްސަލައާ ގުޅޭ ގޮތުން ސަރުކާރުން ފުލުހުންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ.
އިސްކަންދަރު ބިލްޑިންގައި މިއަދު ކުރިއަށް ގެންދިޔަ މިސެޝަނުގައި މައުލޫމާތު ދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތުއެވެ.
ފުލުހުން ބުނީ މި ސެޝަނަކީ ރާއްޖެ އާއި މޮރިޝަސްއާ ދެމެދު މިހާރު ކުރިއަށްދާ މައްސަލައާ ގުޅޭގޮތުން ދިވެހި ފުލުހުންނަށް މައުލޫމާތު ދިނުމަށް ގައުމީ ސަލާމަތާބެހޭ މަޖިލީހުން ނިންމުމާ ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެއް ކަމަށެވެ.
ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނަށް މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ މި ސެޝަނުގައި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުގެ އިތުރުން ހޯމް މިނިސްޓްރީ އާއި އެޓާނީ ޖެނެރަލްގެ އޮފީހުގެ އިސް ބައެއް ވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނިންމާފައިވާ ނިންމުމަށް އެއްކޮޅަށް ރާއްޖެއިން މީގެ ކުރިން އަންނަނީ ވޯޓު ދެއްވަމުންނެވެ. އެއީ ޗާގޯސް އައިލެންޑްސްއަކީ އިނގިރޭސިވިލާތުގެ ސަރަހައްދެއް ކަމަށް ރާއްޖެއިން ދޭ ވޯޓެވެ. ނަމަވެސް ކުއްލިއަށް ރާއްޖެއިން އެ މައްސަލައިގައި މޮރިޝަސް ކޮޅަށް ވޯޓުދޭން ނިންމުނުން ރާއްޖެއިން ބައެއް ގެއްލިދާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ރާއްޖެ އާއި މޮރިޝަސް ދެމެދުގައި މެރިޓައިމް ބައުންޑަރީ ކަނޑައެޅުމަށް އެދި މޮރިޝަސްއިން ވަނީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ރާއްޖެއާ ދެކޮޅަށް މައްސަލައެއް ވެސް ހުށަހަޅައިފައެވެ. އެ މައްސަލައިގެ އަޑުއެހުންތައް ވަނީ ނިމިފައެވެ. މައްސަލަ ބައްލަވާ ފަނޑިޔާރުން އިތުރުކަމެއް ސާފުކުރައްވަން ބޭނުންނުވާނަމަ ދެން އޮންނާނީ އެ މައްސަލައާ މެދު ގޮތެއް ނިންމުމެވެ.
އެ މައްސަލައިގެ އަޑުއެހުމުގެ ތެރެއިން އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވިދާޅުވެފައިވަނީ އދ. ގައި ނަގާ ވޯޓުގައި ރާއްޖެއިން މޮރިޝަސް ކޮޅަށް ވޯޓު ދޭން ނިންމާފައިވާކަން އަންގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، މޮރިޝަންގެ ބޮޑު ވަޒީރަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށެވެ.