މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް އަޅަމުންދާ ތިލަމާލެ ބުރިޖުގެ މަސައްކަތުގައި ބޭނުންކުރަމުން ދަނިކޮށް ބިންދައިގެން ގޮސް ކަނޑަށް ވެއްޓުނު ކެރޭނުގެ ބައި ނަގައިފިއެވެ.
ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު އިއްޔެ "ވަން" އަށް ވިދާޅުވެފައިވަނީ ކެރޭނު ވެއްޓިފައި ވަނީ ވިލިމާލޭ ކޮޅުގައި ބްރިޖްގެ ތަނބު ޖަހަން ބޭނުންވާ ހޮޅިތައް މޫދަށް ޖެހުމުގެ މަސައްކަތުގައި ބޭނުންކުރާ ކެރޭނެއް ކަމަށެވެ. އަދި ކެރޭނު ވެއްޓިފައިވަނީ އިއްޔެ 14:00 ހާއިރު ކެރޭންގެ ބޫމަރަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.
ޕްލޭނިން މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނީ ޖެކްއަޕް ޕްލެޓްފޯމްގައި ބަހައްޓާފައިވާ މޯބައިލް ކްރޭންއަކުން ޕައިލިން މަސައްކަތް ފެށުމަށް ބޭނުންވާ ބައެއް މެޓީރިއަލް އުފުލަނިކޮށް ކްރޭންގެ ބޫމް ފެއިލްވެފައިވާ ކަމަށެވެ.
"މި ހާދިސާގައި އެއްވެސް މީހަކަށް އަދި އިތުރު އިކުއިޕްމަންޓަކަށް ގެއްލުމެއް ނުވޭ. އަދި ކްރޭންގެ ބޫމްވަނީ ޖެކްއަޕް ޕްލެޓްފޯމް މަތިން މިހާރު ނެގިފަ. އަދި މިކަމާ ގުޅިގެން މި މަޝްރޫއުގެ މަސައްކަތުގެ ޝެޑިއުލްއަށް އެއްވެސް ބަދަލެއް އަންނާނެ ކަމަކަށް ނުބެލެވޭ،" މިނިސްޓްރީން ބުންޏެވެ.
ދާދި ފަހުން ތިލަމާލެ ބުރިޖުގެ މަސައްކަތަށް އެފްކޮންސް އިން ބޭނުންކުރަމުން އައި ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި ފަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެ ޕްލެޓްފޯމް ފަރަށް އަރާފައިވަނީ އޮގަސްޓް މަހުގެ 16 ވަނަ ދުވަހުގެ ދަންވަރު 2:45 ހާއިރެވެ. އެ މައްސަލާގައި އެފްކޮންސް ކުންފުނި ވަނީ 68 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.