ޚަބަރު

މިނިސްޓަރު ނަހުލާއަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލަ އޭސީސީން ބަލަަން ފަށައިފި

1

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާއި އެ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ރުޝޫނާ ރަޝާދަށް ކޮރަޕްޝަންގެ ތުހުމަތުކޮށް އަމިއްލަ ފަރާތަކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި މައްސަލަ އެ ކޮމިޝަނުން ބަލަން ފަށައިފިއެވެ.

އެ މައްސަލަ މިދިޔަ މަހުގެ 26 ވަނަ ދުވަހު އޭސީސީއަށް ހުށަހެޅުއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޓްރާންސްޕޯޓްގެ ކޯޑިނޭޓަރަކަށް ހުންނެވި މަހުމޫދު ޝަފީގެވެ.

އެ މައްސަލައިގައި ބުނެފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީން އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގަވާއިދާ ހިލާފަށް ރަޖިސްޓްރީކޮށް، އެކަމުން މިނިސްޓަރު ނަހުލާއާއި ރުޝޫނާ މާލީ މަންފާ ހޯދަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެގޮތުން އުޅަނދުތައް ރަޖިސްޓްރީ ކޮށްދީފައިވަނީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދިނުމުގެ ގަވާއިދުގެ ދެވަނަ އިސްލާހު ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން ކަމަށާއި އުޅަނދުތައް ރަޖިސްޓްރީކުރުމަށް އެ ގަވާއިދުގެ އެއްވަނަ އިސްލާހުން މަޖުބޫރުކުރާ، އެއްގަމު އުޅަނދު އެތެރެކުރުމުގެ ހުއްދައަށް އެދޭ ފޯމުވެސް ހުށަހަޅާފައި ނުވާ ކަމަށެވެ.

އަދި އެ އުޅަނދުތައް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާއިރު، ނަހުލާއަށް އެޑްރެސްކޮށް މިނިސްޓްރީއަށް ހުށަހަޅާ ސިޓީ މިނިސްޓްރީގައި އެންޓްރީވެސް ނުކުރާ ކަމަށާއި އެ ސިޓީއަށް ޖަވާބު ނުދީ ސިއްރިއްޔާތުގައި ރުޝޫނާ އެ އުޅަނދުތައް ރަޖިސްޓްރީ ކޮށްދޭ ކަމަށް ބުނެފައިވެއެވެ.

"މިނިސްޓަރު ނަހުލާ ހުއްދަ ދީގެންކަން އެންގުމުގެ ގޮތުން ކޮންމެ ހިދުމަތަކާއެކު ހުށަހަޅާ ފޯމުގެ އަރިމަތީގައި މިނިސްޓަރު އައިޝަތު ނަހުލާ ސޮއިކޮށް ހުއްދަ ދީފައިވާކަން ލިޔެފައިވޭ،" ސިޓީގައިވެއެވެ.

ސިޓީގައި އިތުރަށް ބުނި ގޮތުގައި މި އުޅަނދުތައް އެތެރެކޮށްފައިވަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އެއްގަމު އުޅަނދުގެ ވިޔަފާރި ކުރަމުންދާ ކުންފުންޏަކުން ދުރާލާ ރާވައިގެން ރަޖިސްޓްރީ ކުރެވޭނެ ކަމުގެ ޔަގީންކަމާ އެކު ކަމަށާއި މިނިސްޓަރަށް ހުށަހަޅާ ސިޓީތަކުގައި އެ ކުންފުނީގެ ތައްގަނޑު ޖަހާފައިވާ ކަމަށެވެ. އަދި އެ ސިޓީތައް އެކި ފަރާތްތަކުގެ ނަމުގައި ހުށަހެޅި ނަމަވެސް ސިޓީތަކުގައި ބޭނުންކޮށްފައިވާ އިބާރާތްތަކާއި ފޮންޓުތަކަށް ބެލުމުން އުޅަނދުތަށް އެތެރެކުރީ އެއްބައެއްކަން އެނގޭ ކަމަށް ވެސް ސިޓީގައިވެއެވެ.

އޭސީސީގެ ސީނިއާ ކޮމިއުނިކޭޝަންސް އޮފިސަރު ނިޝާން މުހައްމަދު ދީދީ "ވަން" އަށް މިއަދު ވިދާޅުވީ، އޭސީސީއަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ޝަރުތު ހަމަވާ މައްސަލަތައް ބަލާނެ ކަމަށާއި ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާއާއި ޑިރެކްޓަރު ރުޝޫނާގެ މައްސަލަ ބަލައިގަނެ މިހާރު ތަހުގީގުގެ ފުރަތަމަ މަރުހަލާ ފަށާފައިވާ ކަމަށެވެ.

"ފުރަތަމަ މަރުހަލާ ފެށިގެން މިހާރު ކުރިއަށްދަނީ، އެއީ ލިޔެކިއުން އެއްކުރުމުގެ މަސައްކަތް،" ނިޝާން ވިދާޅުވި އެވެ.

ވަގަށް ވެހިކަލް ރަޖިސްޓްރީ ކޮށްދިން ކަމަށް ބުނާ މައްސަލައިގައި މިދިޔަ މަހުގެ 16 ވަނަ ދުވަހު ސިވިލް ސާވިސް ކޮމިޝަނުން ވަނީ ރުޝޫނާ ސަސްޕެންޑް ކޮށްފައެވެ.