ޚަބަރު

އާބިދަށް ވަކީލަކު ހަމަޖައްސަން އިތުރު ފުރުސަތެއްދީފި

ހުޅުމާލޭ ނިރޮޅުމަގުގައި ހުންނަ ހާންޖީ ރެސްޓޯރެންޓެއްގެ ތެރޭގައި ވަޅިން ހަމަލާދީ އެ ރެސްޓޯރެންޓުގައި މަސައްކަތް ކުރާ ބަންގްލަދޭޝް ވެއިޓަރު އެމްޑީ ޝަމީމް މަރާލި މައްސަލައިގައި ތޫނު އެއްޗަކުން ހަމަލާދީ ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ކޮށްފައިވާ ޕާކިސްތާނު ޝެފް މުހައްމަދު އާބިދު (26އ) އަށް ވަކީލަކު ހަމަޖައްސަން އިތުރު ފުރުސަތެއް ދީފިއެވެ.

އާބިދުގެ މައްޗަށް ކުރާ ދައުވާއަށް އޭނާ ވަނީ އިންކާރުކޮށްފައެވެ. އަދި ޝަމީމަށް ހަމަލާދިނީ ގަސްތުގައި ނޫން ކަމަށާއި އެއީ އަމިއްލަ ނަފުސުގެ ދިފާއުގައި ކުރި ކަމެއް ކަމުގައި އޭނާ ބުނެފައިވެއެވެ.

އާބިދުގެ މައްޗަށް ކުރިމިނަލް ކޯޓުގައި ހިންގާ ޝަރީއަތުގައި މިހާރު ކުރިއަށްދަނީ ހެކިބަސް ނެގުމުގެ މަރުހަލާއެވެ. އާބިދުގެ ޝަރީއަތުގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހުއެވެ.

ނަމަވެސް އެ އަޑުއެހުން އޮތް ދުވަހު އާބިދުގެ ވަކީލު ވަނީ އާބިދުގެ އާއިލާއިން އެއްބާރުލުން ނުލިބޭ ކަމަށް ބުނެ މައްސަލައިން ތަނާޒުލްވެފައެވެ. އެ ދުވަހުގެ އަޑުއެހުން ނިންމާލީވެސް ވަކީލަކު ހަމަޖެއްސުމަށް އާބިދަށް ފުރުސަތު ދިނުމަށް ފަހުގައެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމަށްވެސް އާބިދު ހާޒިރުވީ ވަކީލަކު ނުލައެވެ. އެހެންވެ، މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއު ވަނީ މަރުގެ މައްސަލަތައް ވަކީލަކާ ނުލައި ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ، އާބިދަށް ވަކީލަކު އައްޔަނުކުރަން އިތުރު ފުރުސަތެއް ދެއްވައިފައެވެ. އެގޮތުން އެ މައްސަލައިގެ އަޑުއެހުމެއް ދެން ތާވަލުކުރާނީ އާބިދަށް ވަކީލަކު ހަމަޖެހުމުން ކަމަށް ވިދާޅުވިއެވެ. އާއްމު އުސޫލުގެ ދަށުން ވަކީލަކު ހަމަޖައްސަން ދެނީ ދިހަ ދުވަހެވެ.

ވަކީލަކު ހަމަނުޖެހުނީ ކީއްވެކަން ޝަރީއަތުން ސާފުކުރުމުން އާބިދު ވަނީ، އާއިލީ ބައްދަލުވުންތައް މަހަކު ދެ ފަހަރު ލިބޭތީ ވަކީލަކު ހަމަޖައްސަން އުނދަގޫ ކަމަށާއި އޭނާގެ ކުރީގެ ވަކީލަށްވެސް އާއިލާއިން ދެ ފަހަރު ފައިސާ ދިނުމުންވެސް ހަބަރުނުވާ ކަމަށް ބުނެފައެވެ.

މިއަދުގެ އަޑުއެހުން ނިންމަވައިލައްވަމުން ގާޒީ ޝަފީއު ވަނީ އެ މައްސަލައިގައި އާބިދަށް ލުއި ގޮތްތަކެއް ހަމަޖައްސައިދޭން ދައުލަތުގައި އެދިވަޑައިގެންފައެވެ.

ޝަމީމް މަރާލާފައިވަނީ 16 އެޕްރީލް 2022 ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހުޅުމާލެ ނިރޮޅުމަގު 19 ނަންބަރު ގޯޅީގައި ހުންނަ ހާންޖީ ރެސްޓޯރެންޓުގެ ބަދިގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި އާބިދު އޭނާގެ އަތުގައި އޮތް ވަޅިއަކުން ޝަމީމްގެ މޫނުގެ ވައަތް ފަރާތުން ބޮލަށާއި މެޔަށް ހަމަލާދީގެން ކަމަށް ދައުލަތުން މީގެ ކުރިން ބުނެފައިވެއެވެ.