ޚަބަރު

ދިރާގުން އަންލިމިޓެޑް ހައި ސްޕީޑް ހޯމް އިންޓަނެޓް ޕްލޭންތަކެއް ތައާރަފުކޮށްފި

މުހައްމަދު ޖަމްޝަތް ވަހީދު

ދިރާގުން އަންލިމިޓެޑް ފައިބާ ބްރޯޑްބޭންޑް އިންޓަނެޓް ޕްލޭންތަކެއް މިއަދު ތައާރަފުކޮށްފިއެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ކުންފުނީގެ އެސިސްޓެންޓް މެނޭޖަރު އެޑްވަޓައިޒިން ހަސަން ޝާރިހު އާދަމް ވިދާޅުވީ މިއަދުން ފެށިގެން އަންލިމިޓެޑް ފައިބާ ބްރޯޑްބޭންޑް އިންޓަނެޓް ދެ ޕެކޭޖެއް ތައާރަފުކޮށްފައިވާ ކަމަށެވެ. އެއީ ދިރާގު ފައިބާ 50އެމް އަންލިމިޓެޑް އަދި ފައިބާ 100އެމް އަންލިމިޓެޑް ޕެކޭޖެވެ.

އެ ޕެކޭޖުތަކާ ގުޅޭ މައުލޫމާތު ދެއްވަމުން ދިރާގުގެ ކޮންސިއުމާ ޕޯސްޓްޕެއިޑް އެންޑް އެފްބީބީ މެނޭޖަރު ޖަނާ އިބްރާހިމް ވިދާޅުވީ މި ޕްލޭންތައް ތައާރަފުކުރުމާއެކު ދިރާގުގެ ފައިބާ 50އެމް ބޭނުންކުރާ ކަސްޓަމަރުންނަށް ހަދިޔާއެއްގެ ގޮތުން އެ ކަސްޓަމަރުންގެ ޕެކޭޖުތައް އިތުރު ފީއަކާ ނުލައި 50އެމް އަންލިމިޓެޑް ޕެކޭޖުތަކަށް ބަދަލުކޮށްފައިވާނެ ކަމަށެވެ.

ދިރާގުން މިއަދު ތައާރަފްކުރި ފައިބާ 50އެމް އަންލިމިޓެޑް ޕެކޭޖެއްގެ އަގަކީ 1،490ރ. އެވެ. ފައިބާ 100އެމް އަންލިމިޓެޑް ޕެކޭޖެއްގެ އަގަކީ 2،800ރ. އެވެ.

ޖަނާ ވިދާޅުވީ މި ޕެކޭޖުތަކުގެ އަޖުމަބެލުމަށް ދިރާގު ނެޓްވޯކާ އަލަށް ގުޅެން ބޭނުންވާ ކަސްޓަމަރުންނަށްވެސް ވަރަށް ފަހި ފުރުސަތުތަކެއް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މި އަހަރު ނިމުމުގެ ކުރިން ދިރާގު ހޯމް ބްރޯޑްބޭންޑުގެ ހިދުމަތަށް އެދޭ ކަސްޓަމަރުންނަށް ހިލޭ ކަނެކްޝަން ގުޅައިދިނުމާއި ރައުޓަރު އަދި އޯއެންޓީ ހިލޭ ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ޝާރިހު ވިދާޅުވި ގޮތުގައި ދިރާގު ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންގެ ޑޭޓާ ޔޫސޭޖް މޮނިޓާކޮށް އެ ކަސްޓަމަރުންނަށް އެންމެ ބޭނުންތެރި ގޮތްތަކަށް ޕެކޭޖުތައް ބައްޓަންކުރުމަށް ދިރާގުން އަބަދުވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

"ދިރާގު ފައިބާ ބްރޯޑްބޭން ކަސްޓަމަރުންގެ ޔޫސޭޖް ޕެޓާންސްއާއި ޔޫސޭޖް ނީޑްސް ވަރަށް ބޮޑަށް މޮނިޓާކޮށް ކަސްޓަމަރުން ބޭނުންވާ ޕެކޭޖުތަކަކީ ކޮބައިތޯ ބަލައި ކަސްޓަމަރުންގެ ނީޑްސްއަށް އަޅުގަނޑުމެންގެ ޕެކޭޖުތައް ފަރުމާކުރަނީ. އެގޮތުން މިއަދު މި ލޯންޗު ކުރެވޭ އަންލިމިޓެޑް ފައިބާ ބްރޯޑްބޭންޑް ޕެކޭޖުތަކަކީ އަޅުގަނޑުމެންގެ ފައިބާ ޕޯޓްފޯލިއޯ އިތުރަށް ފުރިހަމަވެ، ހޯމް ރެސިޑެންޝަލް ފައިބާ ބްރޯޑްބޭންޑް އިތުރަށް ފުރިހަމަ ވެގެންދާނެ އިތުރު ދެ އެޑިޝަންކަމުގައި އަޅުގަނޑުމެން ބަލައިގަންނަނީ،" ޝާރިހު ވިދާޅުވިއެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުން އަންނަ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ. އެގޮތުން ރާއްޖޭގެ ގޭބިސީގެ 85 ޕަސެންޓަށް މިހާރު އެ ހިދުމަތް ދިރާގުން ދަނީ ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި 100 ރަށެއް ހިމެނެއެވެ.