ޚަބަރު

މަޑިފުށީ ކައުންސިލް އިދާރާ މައްސަލަ: 1.6 މިލިއަން ދޭން އެލްޖީއޭއަށް ކުރި ހުކުމް ފަސްކުރަން އަމުރުކޮށްފި

އިބްރާހިމް ޒަކީ

މ. މަޑިފުށީ ކައުންސިލް އިދާރާގެ އާ އިމާރާތް ކުރުމުގެ މަސައްކަތް ހުއްޓާލަން ޖެހުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.6 މިލިޔަން ރުފިޔާދިނުމަށް ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ރައްދުވާގޮތަށް ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައަކީ އަފާމީ މޯލްޑީވްސް ޕްރައިވެޓް ލިމިޓެޑާއި އެލްޖީއޭއާ ދެމެދު 18 ނޮވެމްބަރު 2019ގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް މަޑިފުށީ ކައުންސިލް އިދާރާގެ އާ އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ރަށު ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ، ސައިޓުގައި ކުރަމުންދިޔަ މަސައްކަތް ހުއްޓުވައި، އެތަނުގައި ހުރި ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ދިނުމުގެ ސަބަބުން މަސައްކަތް ހުއްޓުވާފައިވާތީ އަފާމީ މޯލްޑިވްއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެދި އެލްޖީއޭގެ މައްޗަށް ރައްދުކޮށް ދިވެހި ދައުލަތުގެ މައްޗަށް ކޮށްފައިވާ ދައުވާއެކެވެ.

މި ދައުވާގައި ގެއްލުމުގެ ބަދަލުގެ ގޮތުގެ ގޮތުގައި ހޯދުމަށް އަފާމީ މޯލްޑީވްސް ޕްރައިވެޓް ލިމިޓެޑުން އެދިފައި ވަނީ 3.5 މިލިޔަން ރުފިޔާއެވެ. އެއީ ސީދާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ސައިޓްގައި ތިބި އެ ފަރާތުގެ މުވައްޒަފުންގެ މުސާރަ އާއި ކެއިންބުއިމަށް ކުރި ހަރަދާއި މުވައްޒަފުންގެ އެކޮމޮޑޭޝަން ހަރަދާއި ސައިޓުގެ ފެންސަށް ލިބުނު ގެއްލުމުގެ ބަދަލާއި މަސައްކަތަށް ބޭނުންވާ ސާމާނު ގަތުމާއި ސައިޓަށް ފޮނުވުމަށް ކުރި ހަރަދުގެ ގޮތުގައި 2.1 މިލިޔަން ރުފިޔާ އާއި ނުސީދާ ގޮތުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި މަސައްކަތް ހުއްޓާފައިވާތީ ލިބުނު ގެއްލުމުގެ ބަދަލަށް 1.2 މިލިޔަން ފުރިޔާ އާއި ވަކީލު ފީގެ ގޮތުގައި 166،678 ރުފިޔާއެވެ.

އެ މަސައްކަތް ހުއްޓުނީ ދައުލަތުގެ އިހުމާލުން ނޫން ކަމަށް ބުނެ އެލްޖީއޭއިން ވަނީ އެ ދައުވާއަށް އިންކާރުކޮށްފައެވެ.

ނަމަވެސް މި މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ، ދައުވާކުރާ ފަރާތުން ހޯދުމަށް އެދުނު ފައިސާގެ ތެރެއިން 1.6 މިލިޔަން ރުފިޔާއަކީ ދިވެހި ދައުލަތުގެ ފަރާތުން ދައުވާ ކުރާ ފަރާތަށް ލިބުނު ގެއްލުމުގެ ބަދަލުގެ ބަދަލުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާކަން ސާބިތުވާ ކަމަށް ކަނޑައަޅައި 31 މެއި 2022 އިން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ހަލާސް ކުރުމަށެވެ.

ނަމަވެސް ދައުލަތުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ހައިކޯޓަށް ހުށަހެޅި މައްސަލަ ނިމެންދެން ސިވިލް ކޯޓުން އެލްޖީއޭގެ މައްޗަށްކުރި ހުކުމް ތަންފީޒުކުރުން ފަސް ކުރުމުގެ އަމުރަކަށްވެސް އެދުނެވެ.

އެކަމާ ގުޅިގެން ހައިކޯޓުން އިއްޔެ ނެރުނު އަމުރުގައި ވަނީ، އިސްތިއުނާފު ކޮށްފައިވާ މައްސަލައިގައި ހައިކޯޓުން ގޮތެއް ކަނޑައަޅަންދެން ނުވަތަ އެ މައްސަލައިގައި އެ ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ސިވިލް ކޯޓުން ކުރި ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށް އަމުރު ކުރާ ކަމަށެވެ.

މަޑިފުށީ ކައުންސިލް އިދާރާގެ އާ އިމާރާތް ކުރުމުގެ މަސައްކަތް އަފާމީ މޯލްޑީވްސް ޕްރައިވެޓް ލިމިޓެޑާ، 18 ނޮވެމްބަރު 2019 ގައި ހަވާލު ކުރީ 300 ދުވަހުގެ މުއްދަތަށް 20 ސެޕްޓެމްބަރު 2020 ގައި މަސައްކަތް ނިންމާގޮތަށެވެ. ނަމަވެސް ސައިޓަށް ތަކެއްޗާއި މީހުން ފޮނުވައި މަސައްކަތް ފަށާފައި ވަނިކޮށް 27 ނޮވެމްބަރު 2019 ގައި އެރަށު ރައްޔިތުންގެ ތެރެއިން ބަޔަލު ނުކުމެ މަސައްކަތް ހުއްޓުވިއެވެ.

އަލުން މަސައްކަތް ކުރިއަށް ގެންދިއުމަށް މަޑިފުށީ ކައުންސިލް އިދާރާއިން 1 ޑިސެމްބަރު 2019 ގައި އެންގުމުން މަސައްކަތް ކުރިއަށް ދަނިކޮށް 13 ޑިސެމްބަރު 2019 ގައި އަނެއްކާވެސް ރަށު ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ އެތަނުގެ ވަށައިގެން ޖަހާފައިވާ ފެންސް ހަލާކުކޮށް ސައިޓަށްވަދެ މަސައްކަތުގައި ބޭނުންކުރާ ސާމާނުތައް އުކާލާފައި ގެއްލުންތަކެއް ދިނެވެ. އޭގެ ފަހުން މަސައްކަތް ހުއްޓާލާފައި އޮތުމަށްފަހު، އެ އިދާރާ އިމާރާތްކުރަން ކުރިން ހުއްދަދިން ބިމުގެ ބަދަލުގައި އެހެން ބިމެއްގައި ކައުންސިލް އިދާރާ އެޅުމަށް ނިންމައި އެ މަސައްކަތް ހަވާލުކުރިއެވެ.