ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ރިސޯޓް ހިންގާ އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސްގެ އެންމެ މަތީ ފެންވަރުގެ ރިސޯޓްތައް ހިމެނޭ ބްރޭންޑް, "ދި އޯޒެން ކަލެކްޝަން"ގެ ދަށުން ރާއްޖޭގައި އިތުރު ރިސޯޓެއް ހުޅުއްވަން ނިންމައިފިއެވެ.
މާލެ އަތޮޅުގެ ދެކުނުގެ ރަށެއްގައި ހަދާ އެ ރިސޯޓަށް ދީފައިވާ ނަމަކީ "އޯޒެން ޕްރިވޭ އަތިރި ގިލި" އެވެ. އެ ރިސޯޓް ހުޅުވާނީ 2024 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރާއްޖޭގައި ހުޅުވާ ރިސޯޓުގައި ޕޫލާއެކު 38 ކޮޓަރި ހުންނާނެއެވެ. އެކި ގައުމުތަކުގެ ކާއެއްޗިއްސަށް ހާއްސަ ރެސްޓޯރެންޓުތަކާއި ސްޕާ ވިލެޖެއް ހުންނާނެއެވެ.
އޭގެ އިތުރުން ވާރޭފެން ނެގޭނެ ގޮތާއި އިޔާދަކުރަނިވި ހަކަތައާއި ތިމާވެއްޓާ ރައްޓެހި ގޮތަށް, ކެމިކަލް ބޭނުންކުރަން ނުޖެހޭ ގޮތަށް ހަދާފައިވާ ޕޫލަކާއެކު ރިސޯޓުން ގެންގުޅޭނީ "ތުރީއާރު" ވޭސްޓް މެނޭޖްމަންޓް ކޮންސެޕްޓެކެވެ.
އެޓްމޮސްފިއާގެ ދަށުގައި ތިން ބްރޭންޑެއް ހިމެނެއެވެ. އެއީ ދި އޯޒެން ކަލެކްޝަން, ކަލާޒް އޮފް އޮބްލޫ އަދި ބައި އެޓްމޮސްފިއާ އެވެ.
މި ތިން ބްރޭންޑުގެ ތެރެއިން އޯޒެން ކަލެކްޝަންގެ ދަށުން ރާއްޖޭގައި ހިންގަނީ ދެ ރިސޯޓެކެވެ. އެއީ އޯޒެން ރިސާޒް ބޮލިފުށި އަދި އޯޒެން ލައިފް މާދޫ އެވެ.
ކަލާޒް އޮފް އޮބްލޫގެ ދަށުން ހަތަރު ރިސޯޓެއް ހިންގައެވެ. އެއީ އޮބްލޫ ސިލެކްޓް ލޯބިގިލި, އޮބްލޫ ސިލެކްޓް ސަންގެލި, އޮބްލޫ ނޭޗާ ހެލެނގެލި އަދި އޮބްލޫ އެކްސްޕީރިއަންސް އާއިލާފުއްޓެވެ.
ދަ އެޓްމޮސްފިއާ ބްރޭންޑުގެ ދަށުންވެސް ދެ ރިސޯޓެއް ހިންގައެވެ. އެއީ އެޓްމޮސްފިއާ ކަނިފުށި އަދި ވަރު ބައި އެޓްމޮސްފިއާއެވެ.