ޚަބަރު

ދިރާގު ޓީވީގެ މައްސަލައިގެ ތެރެއަށް ވަންނަން މީޑިއާނެޓާއި އިތުރު ދެ ކުންފުންޏަކަށް ފުރުސަތެއް ނުދިން

އަލީ ޔާމިން

ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ބްރޯޑްކާސްޓިން ލައިސަންސް ދޫނުކުރަން ނިންމި ނިންމުމާ ދެކޮޅަށް ދިރާގުން ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރެއަށް ވަނުމުގެ ފުރުސަތު މީޑިއާނެޓާއި އިތުރު ދެ ކުންފުންޏަކަށް ނުދޭން ސިވިލް ކޯޓުން ނިންމައިފި އެވެ.

މިދިޔަ ޖެނުއަރީ މަހު ބްރޯޑްކޮމުން ނެރުނު ގަވާއިދުގައިވާ ގޮތުން ރާއްޖޭގައި ރީ-ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ލިބޭނީ ހަމައެކަނި 100 ޕަސެންޓް ދިވެހިން ހިއްސާވާ ކުންފުނިތަކަށެވެ. ދިރާގުގެ 52 ޕަސެންޓް ހިއްސާދާރަކީ ބަހްރެއިން ޓެލެކޮމިއުނިކޭޝަން ކުންފުނި، ޓެލްކޯ އެވެ.

ބްރޯޑްކާސްޓިން ލައިސަންސް އާކުރަން މިދިޔަ ޖުލައި މަހު ދިރާގުން ހުށަހެޅުމުން ބްރޯޑްކޮމުން ވަނީ އާ ގަވާއިދުގެ ދަށުން ލައިސަންސް ދެވެން ނެތް ކަމަށް އެ ކުންފުންޏަށް އަންގައިފައެވެ. އެ ގަވާއިދާއެކު ދިރާގު ޓީވީއަށް 2013 ގައި ދީފައިވާ ލައިސަންސްގެ މުއްދަތު އަންނަ ޖެނުއަރީގައި ހަމަވުމުން ހިދުމަތް ހުއްޓާލަން މަޖުބޫރުވާނެއެވެ.

ދިރާގުގެ ރީ-ބްރޯޑްކާސްޓިން ލައިސަންސް އާ ނުކޮށްދިނުމަށް ބްރޯޑްކޮމުން ނިންމި މައްސަލަ ދިރާގުގެ ފަރާތުން ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފައެވެ. އަދި އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ލައިސަންސް ދެމެހެއްޓުމުގެ ވަގުތީ އަމުރަކަށް އެދުމުން އެ ކޯޓުން ވަނީ އެ އަމުރު ބްރޯޑްކޮމްގެ މައްޗަށް ނެރެފައެވެ. ސިވިލް ކޯޓުގެ އެ ނިންމުން ބްރޯޑްކޮމުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ލައިސަންސް ދެމެހެއްޓުމުގެ ވަގުތީ އަމުރެއް ސިވިލް ކޯޓުން ނެރެދިނުމުން އެ ކޯޓުގައި ބްރޯޑްކޮމާ ދެކޮޅަށް ހިނގާ މައްސަލައިގެ ތެރެއަށް މީޑިއާނެޓާއި އޭދަފުށީ ކޭބަލް ނެޓްވޯކާއި ސްކައި ލައިފް ކޯ ޕްރައިވެޓް ލިމިޑެޓުން ވަންނަން މަސައްކަތް ކުރިއެވެ.

ބްރޯޑްކާސްޓިން ލައިސެންސް މައްސަލައިގައި މި ތިން ކުންފުނިންވެސް ދިރާގާ ދެކޮޅަށް މައްސަލައަށް ވަންނަން އުޅުނީ، 2014 ގައި ދިރާގުގެ ލައިސެންސް ބާތިލުވެފައިވާ ކަމަށް ބުނެ އެވެ. އެހެންވެ ދިރާގު ޓީވީގެ ލައިސެންސް އާކޮށްދޭން ކޯޓުން އަމުރުކުރީ ގާނޫނާ ހިލާފަށް ކަމަށް ބުންޏެވެ.

މި މައްސަލައިގެ ތެރެއަށް ވަންނަން ހުއްދައަކަށް އެދޭ ސަބަބެއްގެ ގޮތުގައި ތިން ކުންފުނިން ފާހަގަކުރީ ކޯޓު އަމުރުގެ ސަބަބުން ބްރޯޑްކޮމްއަށް ލިބޭ ބާރާއި ބްރޯޑްކާސްޓިން ގާނޫނުގެ ބާރު ކެނޑިގެންދާތީ، އެ ކުންފުނިތަކުގެ މަސްލަހަތު އޮތުމެވެ.

ނަމަވެސް ސިވިލް ކޯޓުން އިއްޔެ ނިންމީ، އެއީ "ޖުޑީޝަލް ރިވިއުގެ" މައްސަލައަކަށް ވާތީ އެ ކުންފުނިތަކަށް އެ ހުއްދަ ދޭން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.