ޚަބަރު

އެކުވެރިޔާއަށް ވަޅީން ހަމަލާދީ ޒަހަމްކޮށްލި ބަންގްލަދޭޝް މީހާ 10 އަހަރަށް ޖަލަށް

ވިޔަފާރި ޕާޓްނަރަށް ވަޅީން ހަމަލާދީ ޒަހަމްކޮށްލި ބިދޭސީ މީހާ ދިހަ އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ޖަލަށް ލުމަށް ހުކުމްކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މޮހައްމަދު ބޮކުލް ހޮސެން އެވެ. އޭނާ ޖަލަށް ލާފައިވަނީ އޭނާއާ އެކީގައި ވިޔަފާރިކުރަން އުޅުނު މުހައްމަދު ބައްކު އަލީގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅިން ހަމަލާދިން މައްސަލައިގައެވެ.

ދައުލަތުން މޮހައްމަދު ބޮކުލް ހޮސެންގެ މައްޗަށް އިއްވާފައިވަނީ، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ.

އެ ދައުވާ އޭނާގެ މައްޗަށް އުފުލީ، 16 ޑިސެމްބަރު 2020 ވަނަ ދުވަހުގެ 21:48 ހާއިރު މާލޭގެ ކެނެރީގޯޅި-ހަވީރީ ހިނގުމުގައި ހުރި މުހައްމަދު ބައްކު އަލީގެ ދަތްދޮޅި އާއި ބޮލާއި މޭމައްޗާއި ވައަތްފަރާތުގެ ކިހިލިފަތް ދަށުން ފެށިގެން ވައަތްފަރާތުގެ ބޮނބިފަޅިއަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ހަމަލާދީފައިވާތީއެވެ.

މި މައްސަލައިގެ އިބްތިދާއީ މަރުހަލާގައި މޮހައްމަދު ބޮކުލް ހޮސެން ވަނީ ދައުވާއަށް އިންކާރުކޮށްކޮށްފައެވެ. އެހެންވެ، އެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ވަނީ އަނިޔާ ލިބުނު މުހައްމަދު ބައްކު އަލީއާއި ކްރައިމް ސީނަށް ދިޔަ ފުލުހުންގެ އޮފިސަރުންނާއި ފޮރިންސިކް ރިޕޯޓާއި ވީޑިއޯ އެލަނައިސިސް ރިޕޯޓް ތައްޔާރުކުރި އޮފިސަރު އެ މާރާމާރީގެ މައުލޫމާތު އެނގޭ މީހުން ހެކީންގެ ގޮތުގައި ހުށަހަޅައިފައެވެ.

މި މައްސަލައިގައި ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި ފުލުހުންގެ އޮފިސަރަކު ކޯޓުގައި ހެކިބަސް ދެމުން ބުނީ އޭނާ މާލެތެރެ ޕެޓްރޯލް ކުރަން އުޅުމުގެ ތެރޭގައި ކެނެރީ ގޯޅިއާއި ހަވީރީ ހިނގުން ކަންމަތިން އަނިޔާ ލިބުނު މީހާގެ ގައިގައި ހިފަހައްޓައިގެން ދެ މީހަކު ދަނިކޮށް ފެނުނު ކަމަށާއި، އަނިޔާ ލިބުނު މީހާގެ ގައިން އާދަޔާ ހިލާފަށް ގިނައިން ލޭ އޮހޮރެމުންދިޔަ ކަމަށެވެ. އެހެންވެ، ފުލުހުންގެ ކޮމިއުނިކޭޝަން ސެންޓަރުގެ ސަމާލުކަމަށް އެކަން ގެނައުމަށްފަހު، އަނިޔާ ލިބުނު މީހާ ގޮވައިގެން އައިޖީއެމްއެޗްއަށް ދިޔަ ކަމަށާއި އަނިޔާ ލިބުނު މީހާއަށް ބޮޑެތި ޒަހަމްތަކެއް ލިބިފައި ހުރިކަން އެނގޭ ކަމަށާއި އަނިޔާ ދިނީ ކާކުތޯ އެހުމުން އެއީ އެއްކޮށް "ބިޒްނަސް" ކުރަން އުޅުނު މީހެއް ކަމަށް ބުނި ކަމަށް އެ ފުލުސް އޮފިސަރު ބުނެފައިވެއެވެ.

ކޯޓުގައި ހެކިބަސްދެމުން އަނިޔާ ލިބުނު މުހައްމަދު ބައްކު އަލީ ބުނި ގޮތުގައި މޮހައްމަދު ބޮލުކް ހޮސެން އޭނާއަށް އަނިޔާކުރީ ހޮޓަލުން ކައިގެން އަންނަނިކޮށް ކަމަށެވެ. ހަމަލާދިނީ، ކޮނޑު މައްޗާއި އަރިކަށްޓާއި ކޮނޑާ ދިމާލާއި ކޯތާފަތަށް ކަމަށާއި ހަމަލާދިނީ ވަޅިއަކުން ކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލައިގައި ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާތަކަށް ބަލައި މައްސަލަ ބެއްލެވި ގާޒީ ހުސައިން ފާއިޒް ރަޝާދު ވަނީ މޮހައްމަދު ބޮކުލް ހޮސެން 10 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރައްވައިފައެވެ. ނަމަވެސް މި މައްސަލައިގެ ހުކުމުގެ ކުރިން ބޮކުލް ބަންދުގައި ހުރެފައިވާތީ އޭނާ ތަންފީޒުކުރަން ޖެހޭނީ 8 އަހަރާއި ތިން މަހާއި ފަސް ދުވަހުގެ ޖަލު ހުކުމެއް ކަމަށް ވަނީ ކަނޑައަޅުއްވައިފައެވެ.