ކްރޮއޭޝިއާގައި މިހާރު އޮތް ޖީލަކީ ދުވަހަކުވެސް ފަހަތަށް ޖެހި، ދޫކޮށްލާނެ ޓީމެއް ނޫން ކަމަށާއި، ޓީމުގެ ފެންވަރު ދަށްކޮށް ވަޒަން ނުކުރުމަށް ކޯޗު ލަޓްކޯ ޑަލިޗް ބުނެފިއެވެ.
އެންމެފަހުގެ ވޯލްޑް ކަޕް ރަނަރަޕް ކްރޮއޭޝިއާއަށް ގްރޫޕް ސްޓޭޖުގައި އުނދަގޫތަކާ ދިމާވި ނަމަވެސް، ރޭ ޖަޕާން ބަލިކޮށް އެޓީމުން ވަނީ ކުއާޓާ ފައިނަލް ޔަގީން ކޮށްފައެވެ. ކްރޮއޭޝިއާއިން މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީގައި ތަފާތު ދައްކައިގެންނެވެ. ހާއްސަކޮށް ޖަޕާންގެ ތިން ޕެނަލްޓީ މަތަކުރި ޑޮމިނިކް ލިވަކޮވިޗް ރޭގެ މެޗުގެ ޝޫޓްއައުޓްގައި ތަފާތު ދެއްކިއެވެ.
ރޭގެ މެޗުގައި ތިން ޕެނަލްޓީ މަތަކޮށް އޭނާ ވެފައި ވަނީ ވޯލްޑް ކަޕެއްގެ ޕެނަލްޓީ ޝޫޓްއައުޓެއްގައި ތިން ޕެނަލްޓީއެއް މަތަކުރި ތިންވަނަ ގޯލްކީޕަރަށެވެ. މީގެ ކުރިން އެކަން ކޮށްފައި ވަނީ ޕޯޗުގަލްގެ ކީޕަރު ރިކާޑޯ އާއި އެންމެފަހުން 2018 ވަނަ އަހަރު ވޯލްޑް ކަޕްގައި ކްރޮއޭޝިއާގެ ގޯލް ބެލެހެއްޓި ޑަނިއެލް ސުބަސިޗެވެ.
ކްރޮއޭޝިއާއިން މިދިޔަ ވޯލްޑް ކަޕްގެ ފައިނަލަށް ކުރި ދަތުރުގައިވެސް ޕެނަލްޓީ ޝޫޓްއައުޓްތަކުގެ ދައުރު ބޮޑެވެ. ގަދަ 16 ގައި އެޓީމުން ޑެންމާކް ބަލިކުރީވެސް ޕެނަލްޓީގައެވެ. އަދި ކުއާޓާގައި ރަޝިއާ ބަލިކުރީވެސް ޕެނަލްޓީގައެވެ. މިފަހަރު ކްރޮއޭޝިއާއިން ކުއާޓާގައި ނުކުންނަން ޖެހޭނީ ބްރެޒިލާ ދެކޮޅަށެވެ.
"މި ޖީލަކީ ފަހަތަށް ނުޖެހި، ހިތްވަރު ކުރާ ޖީލެއް. އެއްވެސް ވަގުތެއްގައި އުންމީދު ކަނޑައި ނުލާނެ ޖީލެއް. މިއީ ކްރޮއޭޝިއާ ރައްޔިތުންގެވެސް ހިތްވަރު. އެ މިސާލު އެ ދައްކަނީ. ކްރޮއޭޝިއާ ގައުމީ ޓީމުން ގައުމަށް އެތައް އުފާވެރިކަމެއް ގެނެސްދޭނެ. މިއީ އާ ޖީލެއް. ރަޝިއާގައި ނެތް 18 ކުޅުންތެރިން އެބަތިބި. އޭރު ބުނި ވާހަކަ މި ޓީމަށްވެސް ބުނިން. އެއީ ތާރީހު ލިޔެލުން. އޭރު އެކަން ކުރި، މިހާރު އޮތް ޓީމުވެސް ފެންވަރު ދަށް ނުކުރާތި!،" ޑަލިޗް ބުންޏެވެ.
ޑަލިޗް ވަނީ މެޗަށްފަހު ގޯލްކީޕަރު ލިވަކޮވިޗްގެ ޖާދުލަށްވެސް ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ. ކޯޗުގެ އިތުރުން ކެޕްޓަން ލޫކާ މޮޑްރިޗްވެސް ބުނީ ކީޕަރު ދެއްކީ "މިރަކަލް"އެއް ކަމަށެވެ. އޭގެ އިތުރުން މޮޑްރިޗް ބުނީ ކްރޮއޭޝިއާއަށް "ޑްރާމާ"އެއް ނެތި ނޮކްއައުޓް މޮޅެއް ނުނެގޭނެ ކަމަށާއި، އުނދަގޫ ހާލަތަކަށް ހޭނި މެޗު ހޯދުން އެއީ ބޮޑު ކާމިޔާބެއް ކަމަށެވެ.
ކުއާޓާގައި ބްރެޒިލާއި ކްރޮއޭޝިއާ ވާދަކުރާ މެޗު އޮންނާނީ ހުކުރު ދުވަހުގެ ރޭ 8:00 ގައެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022