އަތޮޅު ހޮސްޕިޓަލްތަކުގައި ނަފުސާނީ ފަރުވާގެ ހިދުމަތް ތައާރަފުކޮށް ތެރަޕީ އާއި ކައުންސިލިންގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި ޕްރައިމަރީ ހެލްތު ކެއާގެ ތެރެއިން ރަށު ފެންވަރުގައި އެ ފަރުވާ ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ނަފުސާނީ ސިއްހަތަށް އަހުލުވެރިކުރުވުމަށްޓަކައި "ކިހިނެއް؟"ގެ ނަމުގައި މިއަދު ވަނީ ގައުމީ ކެމްޕެއިނެއް ފަށައިފައެވެ. މި ކެމްޕެއިން އިފްތިތާހުކޮށްދެއްވީ މިއަދު ހަވީރު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

އެ ރަސްމިއްޔާތުގައި ރައީސް ސޯލިހް ވިދާޅުވީ މިދިޔަ ހަތަރު އަހަރުވެސް އަދި މިހާރުވެސް އެންމެ ބޮޑު އަހަންމިއްޔަތު ކަމެއް ދެމުންގެންދާ އެއް ކަމަކީ އެންމެ ފަރުދަކުވެސް ބާކީ ނުކޮށް އަދި ތަފާތުނުކޮށް ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ދިނުން ކަމަށެވެ. އަދި މުޅި ރާއްޖެއަށް އެކަން ފުޅާ ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނަފުސާނީ ވޭންތައް ތަހަންމަލު ކުރަމުންދާ މީހުންނާއި ކުދިން އަދި ޒުވާނުންވެސް ވަރަށް ގިނަ ކަމަށާއި އެފަދަ ވޭންތަކުގައި އުޅޭ ކުދިންނާއި ފަރާތްތަކަށް ފަރުވާ ފޯރުކޮށްދިނުމަކީ އަދި އެއަށްވުރެ ގޮންޖެހުން ބޮޑު ކަމެއް ކަމަށެވެ.

"އެހެން ނަމަވެސް އެއީ ނުކުރެވޭނެ ކަމެއްް ނޫން އަދި ނުކޮށް ދޫކޮށްލައިގެން ތިބެވެން އޮތް ކަމެއްވެސް ނޫން. ނަފުސާނީ ފަރުވާ ފޯރުކޮށްދިނުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޒަމާނުއްސުރެ މިކަމަށް އަޅާނުލެވި އޮތުމުން ދިމާވި މައްސަލަތައް. އޭގެ ތެރެއިންވެސް އެންމެ ބޮޑަށްވެސް ފާހަގަ ކުރެވެނީ ނަފުސާނީ މައްސަލަތަކާއި ނަފުސާނީ ދުޅަހެޔޮކަމާމެދު ހޭލުންތެރިކަން ކުޑަވުން،" ރައީސް ވިދާޅުވިއެވެ.

"ނަފުސާނީ މައްސަލައެއް ފާހަގަވުމުން އެންމެ ފުރަތަމަވެސް ހޯދަނީ ސައިކޮލަޖިސްޓެއް ކައުންސިލަރެއް ނުވަތަ ތެރަޕިސްޓެއް. އެއަށްވުރެ މާ ކައިރިން އެކަމަށް ފިޔަވަޅު އެޅެން އެބައޮތް. އާއިލާ އާއި ރައްޓެހިންނަކީ އެންމެ ގާތުން އެންމެ އަވަހަށް އެކަމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ މީހުން. މިކަމުގައި އެގީތެރިވާ ޖަމިއްޔާތަކާއި ޖަމާއަތްތައް އަދި ސަޕޯޓް ގްރޫޕްތަކުގެ އެހީ ހޯދިދޭނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނަފުސާނީ ފަރުވާގެ އެންމެ މުހިންމު ކަމަކީ އެބަލީގެ އެންމެ ކުޅީކޮޅުގައި ފަރުވާދިނުން ކަމަށާއި އެކަން އެކަށީގެންވާ ގޮތެއްގައި ކުރެވޭނީ އެމީހަކު ދިރިއުޅޭ ރަށަކުން އެ ފަރުވާ ދެވޭނެ އިންތިޒާމްތައް ހަމަޖެހިގެން ކަމަށެވެ. ނަމަވެސް އެކަމުގައި އެންމެ މުހިންމީ ނަފްސާނީ އަލާމާތްތައް އެންމެ ކުރީކޮޅުގައި ދެނެގަތުން ކަމަށާއި އަދި އެކަމަށް ފަރުވާ ދޭން ފެށުން ކަމަށެވެ. އަދި މިއަދު އިފުތިތާހުކުރި ކެމްޕެއިންގެ އެންމެ ބޮޑު އަމާޒަކީވެސް އެއީ ކަމަށް ރައީސް ވިދާޅުވިއެވެ.

"މި ކެމްޕެއިން ކުރިއަށްދާ އިރު، ނަފްސާނީ ފަރުވާގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށްވެސް އެބަ މަސައްކަތް ކުރަން. މިހާރު ޓާޝަރީ ފެންވަރަށް ތަރައްގީ ކުރަމުން އަންނަ ފަސް ހޮސްޕިޓަލްގައި ނަފުސާނީ ފަރުވާގެ އިންތިޒާމްތައް މިހާރު ވާނީ ހަމަޖެހިފައި. އަތޮޅު ހޮސްޕިޓަލްތަކުގައިވެސް ނަފުސާނީ ފަރުވާގެ ހިދުމަތް ތައާރަފުކޮށް ތެރަޕީ އާއި ކައުންސިލިންގެ ހިދުމަތް ފެށުމަށް މިއަންނަނީ ތައްޔާރުވަމުން. ރަށު ފެންވަރުގައި މި ފަރުވާ ފޯރުކޮށްދިނުމުގައި ޕްރައިމަރީ ހެލްތު ކެއާގެ ތެރެއިން ދިނުމަށް ސަރުކާރުން މި އަންނަނީ މަސައްކަތް ކުރަމުން،" ރައީސް ވިދާޅުވިއެވެ.

ނަފުސާނީ މައްސަލަތަކަށް ފަރުވާ ކުރުމަށް ވަރަށް ގިނަ ގޮތްގޮތުން މަސައްކަތް ކުރަންޖެހޭ ކަމަށާއި ފަރުދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ކުރެވޭނެ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށެވެ. ސަރުކާރުގެ ތެރެއިންވެސް ކުރެވިދާނެ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށާއި ސްކޫލު މާހައުލަކީވެސް ވަރަށް މުހިންމު ދައުރެއް އަދާ ކުރެވޭނެ ތަންތަން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނަފުސާނީ ބަލީގެ ކޮންމެ މީހަކު ބޭސްދީގެން އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންނަށް ނުވެދާނެ ކަމަށެވެ. ނަމަވެސް އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހާއަށްވުރެ ނަފުސާނީ ބަލީގައި އުޅޭ މީހާ ތަހަންމަލު ކުރާ ވޭން މާ ބޮޑުވެދާނެ ކަމަށާއި އެކަމަށް އެންމެ އެކަށީގެންވާ ވަގުތުގައި އެކަށިގެންވާ ފަރުވާ ނުދެވިއްޖެނަމަ، ތަހަންމަލު ކުރަންޖެހޭ ވޭން މާ ބޮޑު ވެދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ނަފުސާނީ ބަލިތަކާ ދެކޮޅަށް އަޅަން އޮތް އެންމެ މުހިންމު ފިޔަވަޅަކީ އެފަދަ ބަލީގައި އުޅޭ މީހުން އެކަހެރިވާން ދޫކޮށް ނުލުން ކަމަށާއި އެމީހުންގެ އަތުގައި ހިފައި އެމީހުންނަށް އެހީތެރިވެދިނުން ކަމަށެވެ. ނަފުސާނީ ބަލިތަކުގައި ދޭން ޖެހޭ ބޭސްފަރުވާ އަށްވުރެ އާއިލާ އާއި މުޖުތަމައުގެ ލޯތްބާއި އޯގާތެރިކަން ލިބުމަކީ މާ މުޖައްރިބު ފަރުވާއެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.