މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް އަޅަމުންދާ ތިލަމާލެ ބުރިޖުގެ މަސައްކަތުގައި ބޭނުންކުރަމުން އައި ކެރޭނެއް ބިނދިގެން ވެއްޓިއްޖެއެވެ.
ބުރިޖު އެޅުމުގެ މަސައްކަތް ކުރުމަށް ވިލިމާލެ އާއި މާލެއާ ދޭތެރޭ އެފްކޯންސްއިން ގާއިމުކޮށްފައި ހުރި ޕްލެޓުފޯމެއްގައި ހަރުކޮށްފައި ހުރި އެ ކެރޭނު ބިންދައިގެން މޫދަށް ވެއްޓިފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއްވެސް ސޯޝަލް މީޑިއާގައި މިހާރު ވަނީ އާއްމުވެފައެވެ.
ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ ކްރޭނު ވެއްޓިފައި ވަނީ ވިލިމާލޭ ކޮޅުގައި ބްރިޖްގެ ތަނބު ޖަހަން ބޭނުންވާ ހޮޅިތައް މޫދަށް ޖެހުމުގެ މަސައްކަތުގައި ބޭނުންކުރާ ކެރޭނެއް ކަމަށެވެ. އަދި ކެރޭނު ވެއްޓިފައިވަނީ މިއަދު 14:00 ހާއިރު ކެރޭންގެ ބޫމަރަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށާއި އެހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ބަލަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
"އެއްޗެއް ލިފްޓްކުރުމުގެ ތެރޭގައި ކެރޭނުގެ ބޫމަރަށް މައްސަލައެއް ދިމާވެގެން ވެއްޓުނީ،" އޮފިޝަލް ވިދާޅުވިއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.
ދާދި ފަހުން ތިލަމާލެ ބުރިޖުގެ މަސައްކަތަށް އެފްކޮންސް އިން ބޭނުންކުރަމުން އައި ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި ފަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެ ޕްލެޓްފޯމް ފަރަށް އަރާފައިވަނީ އޮގަސްޓް މަހުގެ 16 ވަނަ ދުވަހުގެ ދަންވަރު 2:45 ހާއިރެވެ. އެ މައްސަލާގައި އެފްކޮންސް ކުންފުނި ވަނީ 68 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު