ޚަބަރު

އައިއެސްގައި އިސްކޮށް ހަރަކާތްތެރިވާ ހޫދުގެ ޝަރީއަތް ސިއްރުކުރަން ނިންމައިފި

ދިވެހި ފުލުހުންގެ ހިދުމަތާއި ޔޫރަޕިއަން ޔޫނިއަންގައި ހިމެނޭ ދެ ގައުމެއްގެ އިދާރާއަކާއި އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވާ، އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ދިވެހި ލީޑަރު ކަމަށް ބުނާ ވ. ދެލްވައްތަ، ހޫދު މުހައްމަދު ޒާހިރުގެ ޝަރީއަތް ސިއްރުކޮށްގެން ކުރިއަށްގެންދަން ކުރިމިނަލް ކޯޓުން ނިންމައިފިއެވެ.

ހޫދު ހައްޔަރުކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހުއެވެ. ހޫދުގެ މައްޗަށް ވަނީ ފަސް ދައުވާއެއް ކޮށްފައެވެ. އެގޮތުން އޭނާގެ މައްޗަށް ވަނީ، އިންޓަނެޓް މެދުވެރިކޮށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ކުށުގެ ދައުވާ އާއި އިންޓަނެޓް މެދުވެރިކޮށް ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިޔުންތައް ފެތުރުމުގެ ދައުވާ އާއި ޓެރަރިސްޓް ޖަމާއަތެއްގެ މެމްބަރަކަށްވުމުގެ ދައުވާ އާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާގެ އިތުރުން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ދައުވާއެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ، އެންމެ ކުޑަވެގެންވެސް 34 އަހަރު ދުވަހުގެ ޖަލު ހުކުމެއް އޭނާއަށް އަންނާނެއެވެ.

މި މައްސަލައިގެ ދައުވާތައް ހުށަހެޅި އިރު، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ، އޭނާ ސޯޝަލް މީޑިއާ އެކި ޕްލެޓްފޯމްތަކުގައި، އެކި އެކައުންޓްތަކުން ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތަށް ތާއީދުކޮށް، އެ ޖަމާއަތުގެ ލިޔެކިޔުންތަކާއި ފޮޓޯ އާއި ވީޑިއޯ އިންޓަނެޓް މެދުވެރިކޮށް ފަތުރައި ޝާއިއުކޮށް، ޓެރަރިޒަމްގެ އަމަލެއް ރާވައި ހިންގަފާނެކަމުގެ އިންޒާރު ދެމުންދާކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

ކުރިމިނަލް ކޯޓުގައި މިއަދު އޮތީ ހޫދުގެ ބަންދާމެދު ގޮތެއް ނިންމުމެވެ. މިއަދުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހު ވިދާޅުވީ، މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް ބަލައި ހޫދު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ނިންމާފައިވާ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތް ކަމަށެވެ.

ގާޒީ މިސްބާހް ވަނީ ހޫދުގެ ޝަރީއަތުގެ ކުރިއަށް ހުރި އަޑުއެހުންތައް ސިއްރުކޮށްގެން ކުރިއަށްގެންދިއުމަށް ނިންމަވައިފައެވެ.