މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހިގެން ހާލު ދެރަވި މީހާ ފަރުވާއަށް ފަހު މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

ނިރުފެހިގޭގައި މިދިޔަ މަހުގެ ނުވަަ ވަނަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި ދިހަ މީހުން މަރުވިއެވެ. އެ ހާދިސާގައި ފިހިގެން ފަރުވާ ދެމުން އައީ އެންމެ މީހަކަށެވެ. އެމީހާގެ ހަށިގަނޑުގެ ބޮޑު ބައެއް ފިހިފައިވާތީ އޭނާއަށް ފުރަތަމަ ފަރުވާދެމުން އައީ ވެންޓިލޭޓަރުގެ އެހީގައެވެ. ނަމަވެސް ހާލު ރަނގަޅުވުމުން ފަހުން ވަނީ ވޯޑަށް ބަދަލުކޮށްފައެވެ.

އައިޖީއެމްއެޗުގެ މީޑިޔާ އޮފިޝަލު ހައްވާ އަފީފާ "ވަން" އަށް މިއަދު ވިދާޅުވީ، އެ މީހާ ވޯޑަށް ބަދަލުކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހު ކަމަށެެވެ.

"މިިދިޔަ މަހުގެ 21ގައި އޭނާ ވަނީ ޑިސްޗާޖުކޮށްފައި،" އަފީފާ ވިދާޅުވި އެވެ.

ފިހުނު މީހާ ހޮސްޕިޓަލުން ދޫކޮށްލާފައިވާއިރު، އެ މީހާގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން އައިޖީއެމްއެޗުން އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ. އޭނާއަކީ ކޮން ގައުމެއްގެ މީހެއްކަމެއްވެސް ހާމައެއް ނުކުރެއެވެ.

ނިރުފެހިގޭގެ އަލިފާނުގެ ހާދިސާގައި މަރުވި އެންމެންގެ ހަށިގަނޑު މިހާރު ވަނީ އެ މީހުންގެ ގައުމަށް ފޮނުވާލައިފަ އެވެ. އެ ހާދިސާގައި މަރުވީ އިންޑިއާގެ ފަސް ފިރިހެނުންނާއި ތިން އަންހެނުންގެ އިތުރުން ބަންގްލަދޭޝްގެ އަންހެނަކާއި ފިރިހެނެކެވެ.