އަސްލު ލިޔުއްވީ: ޕްރޮފެސަރ މުޙުސިން ޢުޘްމާނީ ނަދުވީ
ތަރުޖަމާ: ޢަބްދު اللّـه ފާރޫޤު ޙަސަން
އިސްލާމީ ރިޔާސަތާއި ޙުކޫމަތުގެ ޒިންމާތަކުގެތެރެއިން އެއްކަމަކީ ޖިހާދުކުރުމެވެ. ޙާލަތު އެކަން ލާޒިމުކޮށްފި ކޮންމެ ވަގުތެއްގައެވެ. ކައުސާހިބާ صـلّــــى اللّــه عـلـيــه وسـلّـــم ގެ ބައެއް ޙަދީޘުފުޅުތަކުގައި ޖިހާދަކީ އިސްލާމްދީނުގެ ފަސްވަނަ ރުކުންކަމުގައި ބަޔާންކުރައްވައިފައިވެއެވެ. އާދެ، ނަމާދާއި ރޯދައާއި ޒަކާތާއި ޙައްޖަށްފަހު ފަސްވަނަކަމަކަށްއޮތީ ޖިހާދެވެ. ޖިހާދުގެ މާތްކަން ބަޔާންކުރައްވައިފައިވާ ޙަދީޘުފުޅުތައްވެސް ވަރަށްގިނައެވެ. އެހެންކަމުން، ޖިހާދުގެ މަޤްޞަދު ވަރަށް ރަނގަޅަށް ދެނެގަންނާންޖެހެއެވެ. އަސްލު ޖިހާދަކީ ތަޅައިފޮޅައި ހަނގުރާމަކުރުމެއް ނޫނެވެ. ވަކި ތޫނުކަމުގެ އަޖުމަ ބެލުމެއް ނޫނެވެ. ލޭއޮހޮރުވުމެއް ނޫނެވެ. އަސްލުކަމަކީ ދީނުގެ ދަޢުވަތެވެ. އިސްލާމްކަމަކީ އެއީއެވެ. އަރަހުށި މާތް اللّــه ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވެއެވެ.
"ހަމަކަށަވަރުން اللّــه ގެ ޙަޟުރަތުގައި، ދީނަކީ، އިސްލާމްދީނެވެ." (آل عـمـــــران: 19)
އެހެން އާޔަތެއްގައި ވަޙީކުރައްވައިފައިވެއެވެ.
"ދީނެއްގެ ގޮތުގައި އިސްލާމްދީން ނޫން އެހެން ދީނެއް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހެއްގެ ކިބައިން (އެކަން ޤަބޫލެއް ނުކުރައްވާހުއްޓެވެ." (آل عـمـــــران: 85)
މާތް اللّــه ރުހިވޮޑިގެންވާގޮތަކީ މިމާތްދީން ބިމުގެ އެންމެހައި ކަންކޮޅުތަކަށް ފެތުރި ޢާންމުވުމެވެ. އިސްލާމްދީން ޤަބޫލުކުރުމަކީ ބިމުގެ ވަކިތަނެއްގެ މީހުން އިސްލާމްދީން ޤަބޫލުކުރުން އެކަނިކަމުގައި ނުވުމެވެ. އާދެ ބިމުގެ އެއްތަނެއްގައި މާތް اللّــه އަށް ބޯލަނބައި ކިޔަމަންވެވޭއިރު އަނެއްކަންކޮޅެއްގައި ތިންކަލަކަށް (ޓްރިނިޓީ) އަޅުކަން ނުކުރެވުމެވެ. އަނެއްތަނެއްގައި އެތަކެއްހާސް ކަލުންތަކަކަށް އަޅުކަން ނުކުރެވުމެވެ. އެ އަޅުކަންކުރެވޭ ފަރާތްތަކަކީ ބުދުތަކާއި ޚިޔާލީ ދޭވަތާއިންނާއި އުދުހޭ ސޫފާސޫތްޕާއި މިނިކާ ނުވަތަ ވިނަކާ ޖަނަވާރާއި ހައިވާނުންނާއި އިންސާނުންކަމުގައިވިޔަސް މިހުރިހައި ތަކެއްޗަކަށް އަޅުކަންކުރާ އެންމެންވާނީ ނަރަކައިގެ ދަރުތަކެއްކަމުގައެވެ. މިދެންނެވިފަދަ ފަރާތްފަރާތްތައް اللّــه ގެ ޝަރީކުންކަމުގައި ބެލެވި އެފަރާތްތަކަށް އަޅުކަންކުރެވުމަކީ اللّــه ރުހިވޮޑިގެންވާ ކަމެއްނޫނެވެ.
ނަމަވެސް ބަޔަކު އިސްލާމްދީނަށް ވެއްދުމަށްޓަކައި އެއްވެސް ސިފައެއްގައި މަޖުބޫރުކުރެވި އެއްވެސްކަހަލަ ގަދަބަދަވިކަމެއް ދެއްކުމަކީވެސް އެކަލާނގެ ރުހިވޮޑިގެންވާ ކަމެއްނޫނެވެ. އެކަލާނގެ ސާފު ބަސްފުޅުން ވަޙީކުރައްވައިފައިވަނީ ދީނަށް ވެއްދުމުގައި އެއްވެސްކަހަލަ މަޖުބޫރުކަމެއް އޮވެގެން ނުވާނެކަމުގައެވެ. (الــبــقـــــرة: 256)
ވިސްނައިލައްވަމާ ހިންގަވާށެވެ. އިސްލާމްދީން މުޅިދުނިޔެއަށް ފަތުރާންޖެހެއެވެ. އެކަމަކު ކުޑަވެސް މަޖުބޫރުކުރުމެއް ހުއްދައެއް ނޫނެވެ. އެހެންކަމުން މަޤްޞަދު ހާސިލުކުރެވޭނެއޮތީ އެންމެގޮތެކެވެ. އެގޮތަކީ އިސްލާމްދީން ފިކުރީގޮތުންނާއި ސިޔާސީގޮތުން ބާރުވެރިކޮށް މީސްތަކުންގެ ހިތްތަކަށާއި ސިކުނޑިތަކަށް އަސަރު ފޯރުވުމެވެ. މީސްތަކުން އަމާން ޖައްވެއްގައި އެއްވެސް މަޖުބޫރީއެއް ނުވަތަ ބާރުގެ ބޭނުންކުރެވުމަކާނުލައި ޙައްޤު ދީން ޤަބޫލުކުރާނެ މަގުފަހިކޮށްދިނުމެވެ. އިސްލާމްދީން ޤަބޫލުނުކުރާ ބަޔަކުކަމުގައިވާނަމަ މުސްލިމުންގެ ކިޔަމަނުގައި ވެގެންއުޅުމެވެ. މުސްލިމުން އެބައިމީހުންގެ ޖާނާއި މާލު ޙިމާޔަތްކޮށް ބަލަހައްޓައިދޭތީ ލުއިލުއި ޢަސްކަރީ ޓެކުހެއް މުސްލިމުންނަށް ދެއްކުމެވެ.
މުސްލިމުންގެ އަސްލު މަސައްކަތަކަށް ހަދާންވީ ބިމުގެ އެންމެހައި ކަންކޮޅުތަކަކަށް އިސްލާމްދީނުގެ ދަޢުވަތު ދިނުމެވެ. ދީނަށް ގޮވައިލުމެވެ. އިސްލާމީ ފުތޫޙާތުގެ މަޤްޞަދަކީ ދައުލަތުގެ ސަރަޙައްދު ފުޅާކުރުމެއްނޫނެވެ. ޤައުމެއް އިސްތިޢުމާރު ކުރުމެއްނޫނެވެ. އެހެން ޤައުމެއްގެ މުއްސަނދިކަމާއި ތިޔާގިކަން މުސްލިމުން އަތުލައިގަތުމެއްވެސް ނޫނެވެ. ޝަހެންޝާހިއްޔަތެއް ޤާއިމުކުރުމެއްވެސް ނޫނެވެ. އަދި ކީއްތޯއެވެ؟ މާތް اللّــه ގެ މަޚްލޫޤުންނަށް ޝިރުކާއި ޝިރުކުގެ އުޚުރަވީ ނަތީޖާއިން ސަލާމަތްވެވި ނަބީބޭކަލުން ފޮނުއްވި މަޤްޞަދު ހާސިލުވަމުން ދިޔުމެވެ. މާތް اللّــه މުސްލިމުން ބިންމަތީގައި ތަމްކީނުކޮށްދެއްވުމުގެ މަޤްޞަދު ބަޔާންކުރައްވައިފައިވަނީ އަންނަނިވި ފަދައިންނެވެ.
"އެއުރެންނީ، ބިމުގައި ތިމަންރަސްކަލާނގެ އެއުރެން ބާރުވެރި ކުރައްވައިފިނަމަ، ނަމާދު ޤާއިމުކޮށް، ޒަކާތްދީ، ހެޔޮކަންތަކަށް އަމުރުކޮށް، ނުބައިކަންތައް ނަހީކޮށްއުޅޭ މީހުންނެވެ." (الحـــجّ: 41)
ފުތޫޙާތުވެސް އަންނަނީ ހެޔޮކަންތަކަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރުމުގެ ދާއިރާއަށެވެ. އެހެނީ ފުތޫޙާތުގެ އަސްލު މަޤްޞަދަކީ އިސްލާމީ ދަޢުވަތެވެ. މީސްތަކުން ނަރަކައިގެ ދަރުތަކަކަށްވުމުން ސަލާމަތްކުރުމެވެ. އަމުރާއި ނަހީގެ މަފްހޫމުގައި އަމުރުގެ ހައިބަތުވެސްވަނީ އެކުލެވިފައެވެ. މުސްލިމުންގެ މައްޗަށް އެކަންކަން ފަރުޟުކުރައްވަނީ ބިންމަތީގައި ވެރިކަމުގެ ބާރުދެއްވުމަށްފަހުގައެވެ. (ބިމުގައި ތަމްކީނު ކޮށްދެއްވުމަށްފަހުގައެވެ.) ދެއްވާ މަޤާމަކާ ވިދިގެން ފަރުޟުކުރައްވާ ކަމެއްގެގޮތުގައެވެ. އެކަމާ ގުޅިފައިވަނީ ބިމުގެ ވަކިތަންކޮޅަކާއެއްނޫނެވެ. މުޅި ދުނިޔެއާއެވެ. އެހެނީ ބޭނުންކުރައްވައިފައިވަނީ امـــــــرو فـيــهــــا بـــا المـــــعـــروف މިފަދަޔަކުން ނޫނެވެ. "فـيــهــــا" މި ލަފުޒު ބޭނުންކުރައްވައިފައެއް ނުވެއެވެ. އާދެ، ބިމުގެ ޚާއްޞަ ސަރަޙައްދެއްގައި މުސްލިމުންނަށް ބާރުދެއްވިކަމުގައިވިޔަސް މުންކަރާތް މަނާކޮށް ހެޔޮކަންކަމަށް އަމުރުކުރާންވީ ހުސްއެކަނި އެތަނެއްގައެއް ނޫނެވެ. މުޅި ދުނިޔޭގައި އެކަން ކުރާންޖެހޭނެއެވެ. މުސްލިމުންނާ ވެރިކަމުގެ ތަޅުދަނޑި ހަވާލުކުރެއްވިތަނުގައި އެކަނި މާތް اللّــه އަށް އަޅުކަންކޮށްފައި އެހެނިހެން ތަންތަން إبـــن مــــريـــــم އަށާއި ދޭވީދޭވަތާއިންނަށް އަޅުކަންކުރާން ދޫކޮށްލައިގެނެއް ނުވާނެއެވެ. ޝިރުކުގެ މަޢުބަދު ޚާނާތައް ހާސްހާހުން ބިނާކޮށްގެން އުޅެން ދޫކޮށްލައިގެން ނުވާނެއެވެ.
ކީރިތި ޤުރްއާނުގައި ޝިރުކު ތަޢުބީރުކުރައްވައިފައިވަނީ ފިތުނަކަމުގައެވެ. ނަބީބޭކަލުން ފޮނުއްވީ އެކަމުން އިންސާނުން ސަލާމަތްކުރެއްވުމަށްޓަކައެވެ. އެ އާޔަތެއްގެ މާނަ ތިރީގައި މިބަޔާންކުރާ އާޔަތާމެދު ވިސްނައިވަޑައިގެންނެވުން އެދެމެވެ.
"ހަމަކަށަވަރުން، ފާޅުވެގެންވާ ހެކިތަކާއެކު ތިމަންރަސްކަލާނގެ ރަސޫލުން ފޮނުއްވީމެވެ. އަދި އެރަސޫލުންނާއެކު ފޮތާއި ޢަދުލުއިންޞާފުގެ ތިލަފަތް ބާވައިލެއްވީމެވެ. (އެއީ) މީސްތަކުން ޢަދުލުއިންޞާފު ޤާއިމުކުރުމަށްޓަކައެވެ. އަދި ތިމަންރަސްކަލާނގެ ދަގަނޑު ބާވައިލެއްވީމެވެ. އޭގައި ނުހަނު ގަދަފަދަކަމާއި، މީސްތަކުންނަށް މަންފާތަކެއްވެއެވެ. އަދި އެއީ ނުފެންނަތާނގައި اللّــه އާއި އެކަލާނގެ ރަސޫލުންނަށް ނަސުރުދެނީ ކާކުކަން اللّــه ދެނެވޮޑިގެންވެ އެކަން އެންގެވުމަށްޓަކައެވެ. ހަމަކަށަވަރުން اللّــه އީ ބާރުވެރިވަންތަ ޢަޒީޒުވަންތަ ރަސްކަލާނގެއެވެ." (الحـــديـــد: 25)
މި މާތް އާޔަތުގައި اللّــه سبحـانــه وتـعــالــى ވަޙީކުރައްވައިފައިވަނީ އެކަލާނގެ ރަސޫލުންނަށް ނިޝާންތަކާއި މުޢުޖިޒާތައް ދެއްވައިފައި ދުނިޔެއަށް ފޮނުއްވި ވާހަކައެވެ. އެއާއެކު އެކަލާނގެ އެބޭކަލުންނަށް އުޑުން ފޮތް ބާވައިލެއްވި ވާހަކައެވެ. ޝަރީޢަތް ބާވައިލެއްވި ވާހަކައެވެ. އެފޮތުގެ ޙައިސިއްޔަތަކީ އިންސާފު ޤާއިމުކުރާ ތިލަފަތެއްގެ ޙައިސިއްޔަތު ކަމުގައެވެ. އެހައިތަނުންވެސް އެކަލާނގެ ނިންމަވައިނުލައްވާކަމުގައެވެ. އަދި ކީއްތޯއެވެ؟ ދަގަނޑުވެސް ބާވައިލެއްވިކަމުގައެވެ. ދަގަނޑުން ހަތިޔާރު އުފެއްދެއެވެ. ދަގަނޑުގައި އިންސާނުންނަށް އެހެނިހެން ފައިދާތައްވެސްވަނީ ލައްވައިފައެވެ. އެކަލާނގެ ރަސޫލުންނަށް މަދަދުކުރަނީ ކޮންބައެއްކަން اللّــه ދެކެދެނެވޮޑިގެންވުމަށްޓަކައެވެ.
މާތް اللّــه ރުހިވޮޑިގެންވާ ދީން އެންމެހައި އިންސާނުންނަށް ރައްދުކޮށްދިނުމަށްވުރެ ބޮޑަށް اللّــه އާއި އެކަލާނގެ ރަސޫލާ ރުހިވޮޑިގެންވާ ކަމަކަށް އޮންނާނީ ކޮންކަމެއްތޯއެވެ. ޝައްކެއްނެތެވެ. އަރަހުށި މާތް اللّــه އެންމެ ރުހިވޮޑިގެންވާ ކަމަކަށްވާނީ ޝިރުކުން އިންސާނުން ސަލާމަތްކުރުމެވެ. އާޚިރަތުގެ ޢަޒާބުން އިންސާނުން ސަލާމަތްކުރުމެވެ. ޝައިޠާނާ ޗެލެންޖްކޮށްފައިވަނީ އިންސާނުން މަގުފުރައްދާނެ ކަމުގައެވެ. ހަފަރާތުން އިންސާނުން ޙިޞާރުކުރާނެ ކަމުގައެވެ. އަރަހުށި މާތް اللّــه ޝައިޠާނާއަށް މިނިވަންކަން ދެއްވިކަމުގައިވިޔަސް ޝައިޠާނާގެ ފިތުނަފަސާދައާއި މަގުފުރެއްދުމުން އިންސާނުން ސަލާމަތްކުރެއްވުމުގެ އިންތިޒާމުވެސް ރޭއްވެވިއެވެ. ތެދުމަގަށް ދަޢުވަތު ދެއްވާނެ ރަސޫލުން ފޮނުއްވިއެވެ. އެހެންކަމުން މިޒަމާނުގައި ދުނިޔޭގެ ޤައުމުތަކަށް އިސްލާމްދީނުގެ ދަޢުވަތުދޭ މީހުންނަކީ މާތް اللّــه އަށާއި އެކަލާނގެ ރަސޫލާއަށް މަދަދުދޭ މީހުންފަދައެވެ. މިއީ ކޮންމެ ދުވަސްވަރެއްގައިވެސް ކޮންމެ ޒަމާނެއްގައިވެސް ދެވިދާނެ މަދަދެކެވެ. ނަބިއްޔުން ފޮނުއްވުމުގެ އެތަކެއްހާސް އަހަރު ފަހުންވެސް މި މަދަދު ދެވިދާނެއެވެ. ނަބީބޭކަލުންގެ ޙަޔާތްޕުޅު ނިމޭތާ އެތަކެއް ސައްތަ އަހަރެއްގެ ފަހުންވެސް ހުރިހައި ދައުރުތަކެއްގައިވެސް ދަޢުވަތުގެ މަސައްކަތް ކުރެވެމުންދާނެއެވެ. އެއީ اللّــه އާއި އެކަލާނގެ ރަސޫލާއަށް މަދަދުވެރިވުމެވެ. މި މަތިވެރި ދަރުމަހުރި މަސައްކަތުގައި އަރަހުށި މާތް اللّــه ވަނީ ހަތިޔާރަކީވެސް ޒަރީޢާއެއްކަމުގައި ލައްވައިފައެވެ. ހަތިޔާރު އުފެއްދުމުގެ ޢާންމު ވަސީލަތަކީ ދަގަނޑެވެ. މާތް اللّــه ގެ ދީނަށް ގަދަކަން ހޯދުމަށްޓަކައެވެ. މީހުން ބައިބަޔަށް އިސްލާމްވަމުންދާފަދަ ޖައްވެއް އުފެއްދުމަށްޓަކައި ބޭނުންވާ ފިކުރީ އަދި ނަފްސިއްޔާތީ ބާރު ޤާއިމުކުރެވިފައިވާ ޖައްވެއް އުފެއްދުމަށްޓަކައެވެ. މާތް اللّــه ބާވައިލައްވައިފައިވާ ޝަރީޢަތަށް ޢަމަލުކުރެވި އިންސާފު ޤާއިމުކުރެވެމުން ދިޔުމަށްޓަކައެވެ.
މި މާތް އާޔަތުގައިވަނީ އިސްލާމްދީނާއި ސިޔާސީ ބާރާ ހުރިގުޅުމަށްވެސް އިޝާރަތްކުރައްވައިފައެވެ. ޖިހާދުގެ މަޢުނަވިއްޔަތުވެސް މިއާޔަތުން ވިސްނައިގަނެވެއެވެ. ބޭރު ޤައުމުތަކަކީ މުސްލިމުންނާ މުޢާހަދާކޮށްފައިވާ ޤައުމުތަކެއް ކަމުގައިވާނަމަ (މިސާލެއްގެގޮތުން ދަންނަވާނަމަ އދ. ގެ ޗާޓަރުގައި ސޮއިކޮށްފައިވާ ޤައުމުތަކަކީ އެއްޤައުމު އަނެއް ޤައުމެއްގެ މުޢާހަދު ޤައުމުތަކެވެ. އެއިން އެއްޤައުމަކަށްވެސް އަނެއްޤައުމަކަށް ޙަމަލައެއް ނުދެވޭނެއެވެ.) އެހެންނަމަވެސް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ މިދައުރުގައި ތަޤްރީރާއި ލިޔުންތައްފަދަ ލިޓްރެޗަރގެ ޒަރީޢާއިން އިސްލާމީ ދަޢުވަތުގެ މަސައްކަތް ހިންގައިލެވިދާނެއެވެ. އެހެންކަމުން އިސްލާމީ ކޮންމެ ޤައުމެއްގެވެސް އެންމެފުރަތަމަ ނުވަތަ އެންމެ އަހަންމިއްޔަތުދޭ ކަމަކަށް ހަދާންޖެހެނީ ދުނިޔޭގެ ޤައުމުތަކަށް އެޤައުމުތަކުގެ ބަހުރުވައިން އިސްލާމީ ދަޢުވަތު ފޮނުވަމުންގެންދިޔުމެވެ. މި މަސައްކަތް ކުރަމުން ނުގެންދާ ޤައުމުތަކަކީ ޙަޤީޤީ މާނައިގައި އިސްލާމީ ޤައުމުތަކަކަށެއް ނުވާނެއެވެ. އެހެނީ އަރަހުށި މާތް اللّــه މުސްލިމުން ބިމުގައި ބާރުވެރިކުރެއްވި (تمــكــين فـــى الأرض) އަސްލު މަޤްޞަދަކީ އިސްލާމީ ދަޢުވަތު ދިނުމެވެ. ހެޔޮކަންކަމަށް އަމުރުކުރުމާއި މުންކަރާތް ނަހީކުރުމުގެ އެންމެ މަތިވެރި ގޮތަކީ އެއީއެވެ.
(ނުނިމޭ)
ދީން
ދީން
ދީން
ދީން