މިއީ ގައުމީ ޖާޒީގައި ކެޕްޓަން ލޫކާ މޮޑްރިޗް ކުޅޭނެ ފަހު މުބާރާތް ނޫން ކަމަށް ކްރޮއޭޝިއާގެ ކޯޗު ލަޓްކޯ ޑަލިޗް ބުނެފިއެވެ.
ޑަލިޗް އެހެން ބުނެފައި ވަނީ ވޯލްޑް ކަޕްގެ ގަދަ 16 ގައި ޖަޕާނާ ދެކޮޅަށް މިރޭ ކްރޮއޭޝިއާއިން ނުކުންނަ މެޗުގެ ކުރިން ޕްރެސްގައި ވާހަކަ ދައްކަމުންނެވެ. އެންމެފަހުގެ ރަނަރަޕް ކްރޮއޭޝިއާގެ ކެޕްޓަން މޮޑްރިޗަށް މިއީ ހަތަރުވަނަ ވޯލްޑް ކަޕެވެ. އޭގެ އިތުރުން ހަތަރު ޔޫރޯގައިވެސް މޮޑްރިޗް ކުޅެފައިވާ އިރު، ކޯޗުގެ ވިސްނުމުގައި އަދިވެސް ގައުމީ ޓީމަށް މޮޑްރިޗް ބޭނުންވެއެވެ.
"މިއީ މޮޑްރިޗް ކްރޮއޭޝިއާއަށް ކުޅޭނެ އެންމެފަހު މުބާރާތެއް ނޫން. އޭނާއަކީ މުޅި ޓީމުގައިވެސް ހުރި އެންމެ ޕްރޮފެޝަނަލް ކުޅުންތެރިޔާ. އަދިވެސް ހުރީ ރަނގަޅަށް ފިޓްކޮށް. އަދިވެސް ތަމްރީނުތަކުގައިވެސް މޮޑްރިޗްގެ މަސައްކަތް ވަރަށް ރަނގަޅަށް ފާހަގަވާނެ. އަދިވެސް މޮޑްރިޗް އަންނަނީ ބުރަކޮށް މަސައްކަތް ކޮށް އޭނާގެ ކަންކަން ރަނގަޅުކުރަމުން. އަހަރެމެންނަށް މުސްތަގުބަލަށްވެސް ލޫކާ ބޭނުންވާނެ،" ޑަލިޗް ބުންޏެވެ.
މިރޭގެ ގަދަ 16 ގެ މެޗު ވެގެން ދާނީ މޮޑްރިޗް ގައުމީ ޖާޒީގައި ކުޅޭ 159 ވަނަ މެޗަށެވެ. އުމުރުން 37 އަހަރުގައިވެސް މޮޑްރިޗަކީ ކްރޮއޭޝިއާގެ ތަރިއެވެ.
މޮޑްރިޗްގެ ވާހަކައަށްފަހު މިރޭގެ މެޗުގައި ޖަޕާނަށް ސަމާލުވާން ޖެހޭ ކަމަށް ބުނަމުން ކޯޗު ޑަލިޗް ބުނީ، ޖަޕާނުން ގަދަ 16 އަށް ނުކުންނަނީ ދެ ޗެމްޕިއަނުން ބަލިކޮށްފައި ކަމަށާއި، އެ ހިތްވަރަށް ސަމާލުވާން ޖެހޭނެ ކަމަށެވެ.
"ޖަޕާނަށް ދޭން ޖެހޭ ފުރިހަމަ އިހުތިރާމު ދޭނަން. ސްޕެއިނާއި ޖަރުމަނުންވެސް އޯވާ ކޮންފިޑެންޓް ވީ. ސްޕެއިނާއި ޖަރުމަނުންވެސް ޖަޕާން ކައިރީ ބޯޅަ ހިފަހައްޓާފައި ހަމަޖެހިލީ. އެ މަޅީގައި ކްރޮއޭޝިއާ ނުޖެހޭނެ. އެކަންކަމަށް ޓީމުގައި ތަޖުރިބާ އެބަހުރި. އެހެންވީމަ އެއްވެސް ވަރަކަށް ރިލެކްސް ވުމެއް ނޯންނާނެ. ސިކުންތަކަށްވެސް އެހެން ހަމަޖެހިނުލެވޭނެ. ޖަޕާނުން ދުލެއް ނުދޭނެ. އަހަރެމެންވެސް އެގޮތަށް ނުކުންނަން ޖެހޭނީ،" ޑަލިޗް ބުންޏެވެ.
ޑަލިޗް ބުނީ ޖަޕާނުން ހިތްވަރުގައި ގެންގުޅޭނީ "ސަމުރާއި ފިލޯސަފީ" ކަމަށާއި، އެކަމަށް ސަމާލުވެ، އެއްވެސް ވަގުތެއްގައި ފޯކަސް ގެއްލުވާލައިގެން ނުވާނެ ކަމަށެވެ. "ޖަޕާނުން ދުނިޔޭގެ ޗެމްޕިއަނުން، ސްޕެއިނާއި ޖަރުމަނު ބަލިކުރީ އެޓީމުގެ މެންޓާލިޓީ ސާބިތުކޮށްދީފައި،" ކަމަށް ޑަލިޗް ބުންޏެވެ.
ކްރޮއޭޝިއާ އާއި ޖަޕާނުން ގަދަ 16 ގައި ކުޅޭ މެޗު އޮންނާނީ މިރޭ 8:00 ގައެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022