އަޖުފާން އިންޓަނޭޝަނަލް ބެޑްމިންޓަން އެކަޑެމީ (އައިބާ) އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ އައިބާ ބެޑްމިންޓަން ޗެމްޕިއަންޝިޕް އިއްޔެ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އެކުވެނީގެ ބެޑްމިންޓަން އެރީނާގައި މިދިޔަ މަހުގެ 18 ވަނަ ދުވަހު ފެށި މުބާރާތުގައި 95 އެތުލީޓުން ވާދަ ކޮށްފައިވެއެވެ. އައިބާ ބެޑްމިންޓަން ޗެމްޕިއަންޝިޕްގައި ސިންގަލްސް އަދި ޑަބަލްސް އިވެންޓްތައް ކުރިއަށް ގެންގޮސްފައިވާ އިރު، ކޮންމެ އިވެންޓެއްވެސް ކުޅެފައިވަނީ ކެޓަގަރައިޒް ކޮށްގެންނެވެ. އޭގެ އިތުރުން މުބާރާތުގައި ކިޑްސް ފިއެސްޓާ ކެޓަގަރީއެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އެއީ ވާދަވެރި ނޫންކޮށް ކުޅުނު ފިއެސްޓާ ސްޓައިލްގެ މެޗުތަކެކެވެ.

ސިންގަލްސް މެޗުތައް ލީގު އުސޫލުން ކުޅެވިގެން ދިޔަ އިރު، މުބާރާތް ނިންމުމަށްފަހު ފިއެސްޓާގެ ނިންމުމުގެ ރަސްމިއްޔާތާއި މުބާރާތުގެ އެހެން އިވެންޓްތަކުގެ ނިންމުމުގެ ރަސްމިއްޔާތު ރޭ ބާއްވާފައިވެއެވެ. މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދާއި ރާއްޖޭގެ ބެޑްމިންޓަނުގައި ފާހަގަކޮށްލެވޭ ފަރާތްތައް ބައިވެރިވެވަޑައިގެންނެވިއެވެ.

  • ލައިބާ އަހުމަދު މަހްލޫފް
  • އަހުމަދު އާކިލް މަސްއޫދު
  • އަމްނާ އާމިރް
  • މުހައްމަދު ނަބީހް ނަޒްމީ
  • އައިޝަތު ރަނިއްޔާ
  • އައިޝަތު ޔޫހާ
  • އަހުމަދު ޒިޔާން
  • މުހައްމަދު ޔުއާން އަރަފާތު ސައީދު/ އަހުމަދު އާކިލް މަސްއޫދު
  • ނޫރިން މިފްރާހް/ ލައިބާ އަހުމަދު މަހްލޫފް
  • އައިޝަތު ނިޔަމް ސާއިދު/ އަމްނާ އާމިރް
  • މުހައްމަދު ރިފްދާ އިބްރާހީމް ހިލްމީ/ މުހައްމަދު ޔަމާން އާމިރް
  • އަލީ އިޒާން މުހައްމަދު/ އިސްމާއީލް އައިދިން އަލީ
  • އައިޝަތު ރާނިޔާ/ މަރިޔަމް އަލީނާ ހުސައިން
  • އައިޝަތު ޔޫހާ/ ފާތިމަތު ޖަނާން އަހުމަދު
  • އަހުމަދު ޒިޔާން/ އަރުހަމް

އައިބާ ބެޑްމިންޓަން ޗެމްޕިއަންޝިޕްގެ މައިގަނޑު މަގުސަދަކީ އައިބާ އެކަޑެމީގެ ކުޅުންތެރިންގެ މެދުގައި ބެޑްމިންޓަނަށް އޮންނަ ލޯބި އިތުރުކޮށް، ކުޅުންތެރިންގެ މެދުގައި ބިނާކުރަނިވި ވާދަވެރިކަމެއް އުފައްދައި، ވާދަވެރި މެޗުތަކެއްގެ ތަޖުރިބާ ދިނުމެވެ.

ރާއްޖޭގެ ތާރީހުގައި އެންމެ ފާހަގަކޮށްލެވޭ، އެންމެ ކާމިޔާބު އެއް އެތުލީޓް އަޖުފާން ރަޝީދު ހިންގަމުންދާ އައިބާ އެކަޑެމީއަކީ ބެޑްމިންޓަންގެ އާ ޖީލެއް ބިނާކުރުމުގެ މަސައްކަތުގެ ދަށުން އޭނާ ކުރަމުންދާ މުހިއްމު މަސައްކަތެކެވެ. ގައުމީ މުބާރާތުގެ ތަށި ނުވަ ފަހަރަށް އަޖުފާން ހޯދާފައިވާ އިރު، އޭނާ ވަނީ 2006، 2007، 2008، 2009، 2010، 2011، 2015، 2018 އަދި 2019 ގައުމީ ސިންގަލްސްގެ ޗެމްޕިއަންކަން ހޯދައިފައެވެ. އޭގެ އިތުރުން އަޖުފާން ވަނީ އައިއޯއައިޖީންވެސް ރާއްޖެއަށް މެޑަލް ގެނެސްދީ ބައިނަލްއަގުވާމީ މައިދާނުގައިވެސް ރާއްޖޭގެ ދިދަ ވިހުރުވާލައިފައެވެ.

މިހާރުވެސް ގައުމީ އެންމެ މަތީ ފަންތީގައި ކުޅެމުންދާ އަޖުފާން ކުރިން "ވަން" އަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ އިންޑިވިޖުއަލް ކުޅިވަރުތަކުގައި ބައިނަލްއަގުވާމީ މުބާރާތްތަކަށް ތައްޔާރުވެގެން ކްލަބުތަކުގެ ނަމުގައި ދިޔުން މަދު ކަމަށާއި އެ އެކަޑެމީއަކީ ހުނަރުވެރި ކުޅުންތެރިން ތަމްރީނުކުރުމުގެ އިތުރުން އެފަދަ ފުރުސަތު ހޯދައިދޭނެ ޕްލެޓްފޯމަކަށް ވާނެ ކަމަށެވެ.