މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރީންގެ އަދަދު 1.5 މިލިއަނުން މައްޗަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން އެގޭ ގޮތުގައި އިއްޔެގެ ނިޔަލަށް 1,508,298 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ. މިއަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ ޓާގެޓަކީ 1.6 މިލިއަން ފަތުރުވެރިން ގެނައުން ކަމަށްވާއިރު ތަފާސްހިސާބުތަކުން ދައްކާގޮތުން އެ އަމާޒު މާ ރަނގަޅަށްވެސް ހާސިލުކުރެވޭނެއެވެ. އެއީ ޑިސެމްބަރު މަހަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ މަހަށް ވެފައި ފާއިތުވި އަހަރުތަކުގެ ޑިސެމްބަރު މަހު އެވްރެޖުކޮށް ދޮޅުލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާތީ އެވެ.

ޓޫރިޒަމްގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އަދިވެސް އޮތީ އިންޑިއާއެވެ. މިއަހަރުގެ މޭ މަހުން ފެށިގެން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމު ގޮތުގައި އޮތް އިންޑިއާއިން މުޅި މާކެޓުގެ 14.1 ޕަސެންޓު ހިއްސާކުރެއެވެ. މިއަހަރުގެ މިހާތަނަށް އެގައުމުން އައި ފަތުރުވެރިންގެ އަދަދު 209,725 އަށްވުރެ އިތުރެވެ.

ލިސްޓުގެ ދެވަނައިގައި ރަޝިއާ އޮތް އިރު، އެގައުމުން މިހާރު އަންނަނީ ރާއްޖޭގެ މާކެޓުގެ 12.2 ޕަސެންޓު ހިއްސާކުރަމުންނެވެ. އެގައުމުން އައި ފަތުރުވެރީންގެ އަދަދު 182,337 އަށްވުރެ އިތުރުވެފައިވާއިރު ފިނި މޫސުމަށް ރަޝިއާ ޓޫރިސްޓުން ރާއްޖެ އަންނަ އަދަދު އަދިވެސް އިތުރުވާނެ ކަމަށް ބެލެވެއެވެ.

މާކެޓުގެ 10.8 ޕަސެންޓާއެކު ލިސްޓުގެ ތިންވަނައިގައި އިނގިރޭސި ވިލާތް އޮތްއިރު، ތަފާސް ހިސާބުތައް ދައްކާގޮތުން ޗައިނާ ޓޫރިސްޓުންވެސް ރާއްޖެ ޒިޔާރަތްކުރާ އަދަދުތައް އަންނަނީ އެއްމަހުން އަނެއް މަހަށް އިތުރުވަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރު އެވްރެޖުކޮށް ދުވާލަކަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ނޮވެމްބަރުގެ ނިޔަލަށް އެވްރެޖުކޮށް ދުވާލަކު 4,896 ޓޫރިސްޓުން ޒިޔާރަތްކުރަމުން އައި ނަމަވެސް އިއްޔެގެ ނިޔަލަށް އެ އަދަދު 5,685 އަށް ވަނީ އިތުރުވެފައެވެ. އެ ފަތުރުވެރިން އެވްރެޖުކޮށް 7 ދުވަހާއި 8 ދުވަސް ރާއްޖޭގައި ހޭދަކުރެއެވެ.

މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ ޖުމުލަ އަދަދަކީ 1,321,932 އެވެ. 2020 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 555،494 އެވެ. އަދި 2019 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 1،702،887 އެވެ.