ޚަބަރު

13 ކިލޯގެ ޑުރަގު މައްސަލަ: އެކަކު ޝަރީއަތް ނިމެންދެން ބަންދު، އެހެން މީހުންނަށް 30 ދުވަސް

އަލީ ޔާމިން

މާލެ އާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް 13 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ހަ މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ރޭ، ހިންގި އެ އޮޕަރޭޝަންގައި މާލޭގެ ދެ ގެއަކާއި ހުޅުމާލޭ ގެސްޓްހައުސަކުން 13.56 ކިލޯގެ ޑުރަގާއި 644،020 ރުފިޔާ އަތުލާފައިވެއެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ، 39 އަހަރުގެ މީހަކާއި 47 އަހަރުގެ މީހަކާއި 36 އަހަރުގެ މީހަކާއި 28 އަހަރުގެ މީހަކާއި 37 އަހަރުގެ މީހެއްގެ އިތުރުން 30 އަހަރުގެ މީހެކެވެ. އެ އެންމެންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.

އެ އެންމެންގެ ބަންދަށް ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ 18 ވަނަ ދުވަހު ފުރަތަމަ ދިނީ 15 ދުވަހެވެ. އެ މުއްދަތު ހަމަވާނީ މިއަދަށެވެ.

ފުލުހުން މިއަދު ބުނީ، އެ މީހުންގެ ބަންދުގެ މުއްދަތު ހަމަވާތީ ކްރިމިނަލް ކޯޓުން އިއްޔެ އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އަނެއް ފަސް މީހުންގެ ބަންދަށް 30 ދުވަސް އިތުރުކޮށްދީފައިވާ ކަމަށެވެ. ޝަރީއަތް ނިމެންދެން ބަންދުކުރީ 30 އަހަރުގެ މީހާއެވެ.