ޚަބަރު

ވަގަށް 180،000 ރުފިޔާ ޓްރާންސްފާކުރި މައްސަލައެއްގައި އަންހެނަކު ހޯދަނީ

ރިފާ ހަލީލު

މީގެ އަހަރެއް ކުރިން މީހެއްގެ އެކައުންޓުން ވަގަށް 180،000 ރުފިޔާ ޓްރާންސްފާކުރި މައްސަލައިގައި ތުހުމަތުވާ އަންހެނަކު ހޯދަން ފުލުހުން އަނެއްކާވެސް އިއުލާންކޮށްފިއެވެ.

މި މައްސަލައިގައި ފުލުހުން ވަނީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހުވެސް އެ އަންހެން މީހާ ހޯދަން އިއުލާންކޮށްފައެވެ.

ފުލުހުން ވަނީ ވަގަށް ރުފިޔާ ޓްރާންސްފާ ކުރި ކަމަށް ތުހުމަތުވާ މީހާގެ ފޮޓޯ އާއި ވީޑިއޯވެސް އާންމުކޮށްފައެވެ. އޭގެއިން އޭނާ ރެސްޓޯރެންޓެއްގެ ތެރޭގައި ކަޅު ކުލައިގެ ދިގު ހެދުމެއް ލައިގެން ހިނގާފައިދާ މަންޒަރު ފެނެއެވެ.

ފުލުހުން ބުނީ އޭނާއަކީ ބޭންކް އެކައުންޓަކުން އޭގެ ވެރިފަރާތަށް ނޭނގި ވަގަށް 180،000 ރުފިޔާ އެހެން އެކައުންޓަށް ޓްރާންސްފާ ކޮށްފައިވާ މީހެއް ކަމަށެވެ.

ފުލުހުން ވަނީ މި އަންހެން މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް ވަނީ އެދިފައެވެ.