ޚަބަރު

އެޗްޑީސީގެ ޑިސްއެބިލިޓީ އެމްބެސެޑަރުންގެ ގޮތުގައި ދެ މުވައްޒަފެއް

މުޖުތަމައުގައި ނުކުޅުދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ދެ މުވައްޒަފަކު އެންބަސެޑަރުންގެ ގޮތުގައި ކަނޑައަޅައިފިއެވެ.

އެޗްޑީސީގެ ޑިސްއެބިލިޓީ އެމްބެސެޑަރުންގެ ގޮތުގައި ކަނޑައަޅާފައި ވަނީ އާމިނަތު އިރާޝާ އަދި އަހުމަދު ނަޖީބެވެ.

އެޗްޑީސީން މިއަދު ބުނީ، އެ ކުންފުނީގެ މުވައްޒަފުންގެ ތެރެއިން އެމްބެސެޑަރުން ކަނޑައެޅީ ހުޅުމާލޭގެ ތަރައްގީއަށް ކުރާ މަސައްކަތުގައި ނުކުޅުދުންތެރިކަން ހުންނަ މީހުންގެ ހިޔާލާއި މަޝްވަރާ ހިމަނައި އެފަދަ މީހުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް މަސައްކަތްކޮށް ލާމެހިފައިވާ ވެއްޓެއް ބިނާކުރުމަށް ކަމަށެވެ.

ޑިސްއެބިލިޓީ އެމްބެސެޑަރުންގެ މަސްއޫލިޔަތުތަކުގެ ތެރޭގައި ނުކުޅުދުންތެރިކަން ހުންނަ މީހުންނަށް ހަމަހަމަ ފުރުސަތުތަކެއް މުޖުތަމައުގައި ފަހިކުރުމަށްޓަކައި ވެށި ބިނާކުރާއިރު އެޗްޑީސީއަށް މުޖުތަމައުގެ އެފަދަ މީހުންގެ ހިޔާލާ މަޝްވަރާ ފޯރުކޮށްދިނުމާއި ނުކުޅުދުންތެރިކަން ހުންނަ މީހުންނަށް އަލަށް ދިމާވާ ދަތިތައް ފާހަގަކޮށް އެޗްޑީސީއަށް ހުށައަޅައި އެކަންކަމަށް ހައްލު ހޯދުމަށް މަސައްކަތްކޮށް އެ މަސައްކަތްތައް ކުރިއަށްދާ މިންވަރު މޮނިޓާކުރުން އަދި ނުކުޅެދުންތެރިމުގެ ދާއިރާއިން މުޖުތަމައު ހޭލުންތެރިކުރުމަށް އެޗްޑީސީން ރާވައި ޕްރޮގްރާމްތަކުގައި އެހީތެރިވެދިނުން ހިމެނެއެވެ.

އޭގެ އިތުރުން އެޗްޑީސީގެ ހޮޓްލައިން 1516 އިން އެމްބެސެޑަރުންނަށް މައްސަލަތައް އަދި ހިޔާލުތައް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.