ޚަބަރު

އެސްޑީއެފްސީން ބައެއް ލޯނުތައް ދޫކުރުން މެދުކަނޑާލައިފި

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކުރާ ބައެއް ލޯނުތަކަށް އެދުމުގެ ފުރުސަތު ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

އެސްޑީއެފްސީން މިދިޔަ ބުރާސްފަތި ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އަހަރު ނިމުމާ ގުޅިގެން ނިންމަންޖެހޭ ކަންތައްތައް އޮތުމާއި އަދި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މި މަހުގެ އެކަކުން ފެށިގެން އެ ކުންފުނިން ދޫކުރާ ބައެއް ލޯނުތަކަށް އެދުމުގެ ފުރުސަތު ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.

އެ ފުރުސަތު އަލުން ހުޅުވާލާނީ އަންނަ މަހުގެ 31 ވަނަ ދުވަހު ކަމަށް ބުންޏެވެ. ނަމަވެސް މެދުކަނޑާލާފައިވާ މުއްދަތުގައިވެސް ތިން ލޯނަކަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އެއީ ދަނޑުވެރި ނަފާ ލޯނާއި ކަނޑުފަޅު ނަފާ ލޯނާއި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ގާއިމުކުރުމަށް ދޫކުރާ ލޯނެވެ.

އެސްޑީއެފްސީން ބުނީ، އެހެން ލޯނުތަކަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަތުން ހުއްޓާލި ނަމަވެސް މިހާރު ހުށަހަޅާފައި ހުރި ފޯމުތަކަށް ލޯނު ދޫކުރުން ކުރިއަށްދާނެ ކަމަށެވެ.

އެސްޑީއެފްސީއަކީ މި ސަރުކާރުގެ އެއް ވައުދުކަމުގައިވާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގެއް ހަމަޖައްސަވައިދިނުމުގެ ގޮތުން ގާއިމުކޮށްފައިވާ ކުންފުންޏެކެވެ. އެކުންފުނިން އަންނަނީ ޖުމްލަ ހަތް ދާއިރާއަކުން ލޯނު ދޫކުރަމުންނެވެ. އެއީ ހަރުމުދާ، ދަނޑުވެރި ނަފާ، ވިޔަފާރި އެހީ، ރަށު ފަތުރު، ކަނޑުފަޅު ނަފާ، ފަށާވިޔަފާރި އަދި ވިޔަފާރި ތަރައްގީ ލޯނެވެ.