ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ރައްޔިތުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އެ ކުންފުނީގެ އިންސްޕެކްޓަރުންނާއި ސުޕަވައިޒަރުންނަށް ހާއްސަ ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ.

އެޗްޑީސީން މިއަދު ބުނީ، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ހުޅުމާލެ އެކި ބޭނުންތަކަށް ޒިޔާރަތްކުރާ މީހުންނާއި އެއްމެ ގާތުން މަސައްކަތްތަކުރާ އެއް ބަޔަކީ އެ ކޯޕަރޭޝަންގެ ސުޕަވައިޒަރުންނާއި އިންސްޕެކްޓަރުންގެ ޓީމު ކަމަށެވެ. އެ ޓީމުން ރަށު ތަރެ ބެލެހެއްޓުމާއި އެކި ގޮތްގޮތުން ދިމާވާ މައްސަލަތައް ހައްލުކޮށް ރައްޔިތުންނަށް ގިނަ ހިދުމަތްތަކެއް ދެމުން އަންނަ ކަމަށްވެސް ބުންޏެވެ.

އެޗްޑީސީން ބުނީ، މިއަދު ފެށި ތަމްރީން ޕްރޮގްރާމަކީ އެ ޓީމުތަކުން މިހާރު ދެމުންގެންދާ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރުމަށް ފެށި ޕްރޮގްރާމެއް ކަމަށެވެ.

އެޗްޑީސީ އާއި ނޭޝަނަލް ކޮލެޖް ފޯ ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓާ ގުޅިގެން އަށް ދުވަހަށް ކުރިއަސް ގެންދާ މި ތަމްރީން ޕްރޮގްރާމުގައި ރަށުތެރެ ބެލެހެއްޓުމުގައި ގެންގުޅެންޖެހޭ އެންމެ ރަނގަޅު ގޮތްތަކާއި މުއާމަލާތު ކުރުން، މައްސަލަތައް ހައްލުކުރުން، ސެލްފް ޑިފެންސް އަދި ގާނޫނުތަކާއި ގަވާއިދުތަކަށް ބައިވެރިން އަހުލުވެރި ކުރުމަށް ސެޝަންތައް ބާއްވާނެއެވެ.

އެޗްޑީސީން ބުނީ އެ ކުންފުނީގެ މެންޑޭޓުގެ ތެރޭގައި ހުޅުމާލެ ބެލެހެއްޓުން ހިމެނިފައިވާއިރު، ރައްޔިތުންނަށް ދޭ ހިދުމަތްތަކާއި އެ ކުންފުންޏާ ރައްޔިތުންނާ އޮންނަ ގުޅުން އިތުރަށް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަަމަށެވެ. އެގޮތުން ރައްޔިތުންނާ އެންމެ ގާތުން ހިދުމަތް ދިނުމަށް ކަނޑައެޅިފައިވާ ޓީމުތަކަށް މިފަދަ ތަމްރީނުތަކެއް ދިނުމަކީ ހާއްސަ އިސްކަމެއް ދޭނެ ކަމެއްް ކަމަށްވެސް ބުންޏެވެ.