މީގެ ކުރިން އެކި މައްސަލަތަކުގައި 58 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހަކު ވައްކަން ކުރަން އުޅެނިކޮށް އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.
އައްޑޫ ސިޓީ ފޭދޫއަށް ނިސްބަތްވާ އުމުރުން 40 އަހަރުގެ އެ މީހާ ހައްޔަރުކުރީ، އޮފީހެއްގެ ތިޖޫރިއަކުން ވައްކަންކުރަން އުޅެނިކޮށެވެ.
އެމީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ފުރަތަމަ ދިނީ ފަސް ދުވަހެވެ. އެއީ ވަކީލަކާއެކު ކުރިއަށްދާން ބޭނުންވާ ކަމަށް ބުނުމުންނެވެ. އެ މީހާގެ ބަންދަށް ފުރަތަމަ ދިން ފަސް ދުވަސް އިއްޔެއަށް ހަމަވާތީ ބަންދު މުރާޖައާކުރަން ކުރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން 45 ދުވަހުގެ މުއްދަތަކަށް އޭނާ ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި އޭނާ ހައްޔަރުކުރީ އަމިއްލަ ފަރާތެއްގެ އޮފީހެއްގެ ތެރެއިން ވައްކަންކުރަން އުޅެނިކޮށެވެ. އޭނާ ހައްޔަރުކުރީ ތިޖޫރީގައި ތަޅާ އަޑު އޮފީހުގެ މުވައްޒަފަކަށް އިވިގެން ފުލުހަށް ރިޕޯޓުކުރުމުންނެވެ. ކޯޓު އަމުރުގައިވާ ގޮތުގައި އޭނާ ހައްޔަރުކުރި ތަނުން ވައްކަމެއްކުރަން ބޭނުންވާ އާލާތްތައް ފެނިފައިވެއެވެ.
ކޯޓުގައި އެމީހާ ބުނެފައިވަނީ އޭނާ އެތަނަށް ވަނީ ނިދަން ކަމަށާއި ނަމަވެސް އެއީ އޭނާއަށް ވަނުމުގެ ހުއްދަ އޮތް ތަނެއް ނޫން ކަމަަށެވެ.
އެ މީހާއަކީ މީގެ ކުރިން 58 ފަހަރެއްގެ މަތިން ހައްޔަރުކޮށް 19 ފަހަރެއްގެ މަތިން ބަންދުކޮށްފައިވާ މީހެއްކަމަށްވެސް ކޯޓު އަމުރުގައިވެއެވެ.