އަލިއޯ ސީސޭއަކީ ސެނެގާލްގެ ފުޓުބޯޅައަށް ލޯބިހުރި ކޯޗެކެވެ. ކޯޗެއްގެ ތަޖުރިބާ އެންމެ ބޮޑު ނޫން ނަމަވެސް، އޭނާއަކީ ސެނެގާލް ތާރީހުވެސް ދުށް އެންމެ މޮޅު އެއް ޑިފެންޑަރެވެ. އެންމެ އިހުލާސްތެރި އެއް ކެޕްޓަންވެސް މެއެވެ. ޔޫރަޕް ފުޓުބޯޅައިގައި ޕީއެސްޖީއާއި ބާމިންހަމް ސިޓީގެ އިތުރުން ޕޯޓްސްމައުތުގައި ޕްރިމިއާ ލީގުވެސް ކުޅުނު ސީސޭގެ ކޯޗިން ކެރިއަރުގެ ފެށުމަކީވެސް ސެނެގާލްގެ 23 އަހަރުން ދަށުގެ ގައުމީ ޓީމެވެ. 2013 ވަނަ އަހަރު ސެނެގާލްގެ 23 އަހަރުން ދަށުގެ ގައުމީ ޓީމާ ހަވާލުވި ސީސޭ ގައުމީ ސީނިއާ ޓީމާ ހަވާލުވީ 2015 ވަނަ އަހަރުއެވެ.

ސެނެގާލްގެ ގައުމީ ޓީމަކީ ސީސޭއަށް އަބަދުވެސް ހާއްސަ މަސައްކަތެއްކަން އޭނާ ފާހަގަކުރެއެވެ. 2002 ވަނަ އަހަރު އެގައުމުގެ ފުޓުބޯޅަ ތާރީހުގައި ކުޅުނު ފުރަތަމަ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލްގައި ކުޅެ، އެ ބަލީގެ ހިތި ތަޖުރިބާ ކުރެވުނު ސީސޭ ވަނީ އެގައުމަށް ކޯޗެއްގެ ގޮތުގައި ތަށި ހޯދައިދީފައެވެ. 2019 ވަނަ އަހަރު އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލަށް ގެންގޮސް، ދެން ޖެހިގެން އައި މުބާރާތުގައިވެސް އެ މަގާމަށް ޓީމު ގެންގޮސް ނިންމާލީ ރަން މެޑަލް އަޅައިގެންނެވެ. އޭނާގެ އުންމީދުތައް ގުޅިފައިވާނީ މިހާރު އޮތް ޖީލާއެކު ވޯލްޑް ކަޕްގެ ކާމިޔާބީތަކާއެވެ.

އެ ކާމިޔާބު ހާސިލްކުރަން ކުރަމުން އަންނަ މަސައްކަތުގައި މިރޭ ސެނެގާލް ނުކުންނާނީ އިންގްލެންޑާ ދެކޮޅަށް ގަދަ 16 ގެ މެޗަށެވެ. މިއީ ސެނެގާލްގެ ތާރީހުގައިވެސް ވޯލްޑް ކަޕްގެ ގަދަ 16 ގައި ކުޅޭ ދެވަނަ ފަހަރެވެ. އެ ތާރީހު ލިޔުމުގެ އެންމެ އިސް މޭސްތެރިއަކީ ހަމަ ސީސޭއެވެ. އޭނާގެ ކެރިއަރުގެ މިހާތަނަށް އައި އިރު، ވިސްނުމަކީ ފަހަތަށް ނުޖެހުމުގެ ވިސްނުމެވެ. އޭނާގެ "މެންޓާލިޓީ"އަކީ ދޫ ނުދީ، އަބަދުވެސް ކުރިއަށް ބެލުމެވެ. ކުޅުންތެރިއެއްގެ ކެރިއަރުގެ ފުރަތަމަ ދުވަސްކޮޅުގެ ހާލަތުންވެސް ސީސޭއަކީ އަސްލު ކާކުކަން ފެންނާނެއެވެ. ހާއްސަކޮށް 2002 ވަނަ އަހަރު އޭނާއަށް ކުރިމަތިވި އަރައިނުގަނެވޭ ފަދަ ބޮޑު ހިތާމައިގެ ވާހަކަތަކުން އެކަން ސާފުވާނެއެވެ.

2002 ވަނަ އަހަރު ވޯލްޑް ކަޕް ކުއާޓާ ފައިނަލްގައި ކުޅުނު ސެނެގާލް ޓީމުގެ ކެޕްޓަން ސީސޭގެ ލީޑާޝިޕްގައި އެގައުމުން ފްރާންސް ފަދަ ނަންތައް ބަލިކުރިއެވެ. އޭރު އުމުރުން 26 އަހަރުގެ ސީސޭ އެފަހަރު ވޯލްޑް ކަޕްގައި ވިދާލައި، ދެން ކްލަބު ކެރިއަރުގައި އެޅި ފިޔަވަޅަކީ އިނގިރޭސި ކްލަބު ބާމިންހަމްއެވެ. ބާމިންހަމްއަށް ގޮސް ޓީމަށް ރަނގަޅަށް ހޭނެމުން ދިޔަ ދުވަސްވަރު، 2002 ވަނަ އަހަރުގެ ސެޕްޓެންބަރު 26 ވަނަ ދުވަހު އޭނާއަށް ކެރިއަރުގެ އެންމެ ބޮޑު ހިތްދަތި ކަމާ ދިމާވިއެވެ.

ސެނެގާލްގެ ޒިގުއިންޗޯރުން ވެރިރަށް ޑަކާރަށް ދިޔަ އެމްވީ ލެ ޖޫލާ ފެރީ ބަންޑުން ޖަހާލީ 1900 މީހުންނާ އެކުގައެވެ. ފެރީއަށް އަރުވަން ހުއްދަ ދީފައި އޮތް އަދަދަކީ 580 މީހުން ނަމަވެސް ސީސޭގެ އާއިލާއާއެކު ދަތުރުކުރި "އޯވާ ކެޕޭސިޓީ"ވެފައިވާ ފެރީ ބަންޑުން ޖަހާލައި 1863 މީހުން މަރުވިއެވެ. އޭގެ ތެރެއިން ސަލާމަތްވީ 64 މީހުންނެވެ. އެތައް ގައުމަކަށް ނިސްބަތްވާ އެތައް ބަޔަކު މަރުވި އިރު، އޭގެ ތެރޭގައި ސީސޭގެ އާއިލާގެ 11 މެންބަރުން ހިމެނުނެވެ.

ސޯޝަލް މީޑިއާ މިހާރުހާ އާންމު ނޫން އެ ދުވަސްވަރު ސީސޭއަށް ފުރަތަމަ ހަބަރު ލިބުނީ ޓީވީންނެވެ. އެހަބަރު ލިބުމާއެކު ސީސޭއަށް އުޅެން ޖެހުނީ ހަބަރުގެ ސައްހަކަން ބަލާށެވެ. ފެރީގައި ސީސޭގެ ބޮޑުބޭބެއާއި ބޮޑު ދައިތަގެ އިތުރުން ކޮއްކޮއާއި ދައްތަ، އަދި ދައްތަގެ ދަރީންނާއި ދެބޭންގެދެދަރި ބަޔަކުވެސް ތިއްބެވެ.

"އެންމެ އުނދަގޫވީ ކަންކަން ސާފު ނުވެ މަޑުކުރަން ޖެހުނު ވަގުތުތައް ގިނަކަމުން. އެންމެ އެކަށީގެންވާ މައުލޫމާތު ހޯދަން ކޮޅުކޮޅަށް ދުވަން ޖެހުނު. ފުރަތަމަ ކިޔަން ފެށީ އެއީ ދޮގެކޭ. އަހަންނަށްވެސް ފުރަތަމަ ހަބަރު ލިބުނީ އެހެން. ބޯޓު ރައްކާތެރިކަމާއެކު ބަނދަރަށް ވަންކަމަށް އަހަންނަށްވެސް މައުލޫމާތު ލިބުނު،" ޓެލެގްރާފަށް އެވާހަކަ ކިޔައިދެމުން ސީސޭ ބުނެފައިވެއެވެ.

"އެހެން އިންދާ 30 ވަރަކަށް މިނެޓް ފަހުން އައި ކޯލެއްގައި ބުނީ ނޫނެކޭ... ބޯޓު ދިޔައީ އަޑިއަށޭ،" ސީސޭ ބުންޏެވެ. އެހިސާބުން ސީސޭ ނިންމީ ހިތާމައިގައިވެސް މެޗު ކުޅޭށެވެ. ބާމިންހަމްގެ ކޯޗުންނަށްވެސް އަދި ކުޅުންތެރިންނަށްވެސް އާއިލާގެ އެތައް ބަޔަކު މަރުވިކަން ނާނގައި އެ ހަފުތާގެ ތަމްރީނުތަކުގައި ބައިވެރިވެ، މެޗު ކުޅެ، 2-1 އިން ވެސްޓްހަމް ބަލިކުރިއެވެ. މެޗުގައި 90 މިނެޓް ސީސޭ ކުޅުނެވެ.

"ސީސޭ އަހަރެމެންނަށް އެ ހަބަރު ސިއްރުކޮށް އެ ހަފުތާގައި ކުޅުނު. އެއީ އަހަރެމެން އޭނާއަށް ގަދަކަމުން ޗުއްޓީއެއް ދީފާނެތީކަންނޭނގެ،" ބާމިންހަމްގެ އޭރުގެ ޗީފް، ކަރެން ބްރޭޑީ ބުނެފައިވެއެވެ.

ބްރޭޑީގެ ނަޒަރުގައި ސީސޭ ބޭނުންވީ ކްލަބުގެ ކިބައިން އެއްވެސް "ފޭވާ"އަކަށް ނާހާށެވެ. ވަކި މީހަކު ވެގެން ވަކި ގޮތަށް ހެދިޔަ ނުދޭން، އޭނާ ދެއްކީ ހިތްވަރެވެ. އޭގެ އިތުރުން ކުޅުންތެރިންނަށްވެސް އެކަންވީ ހައިރާން ކަމަށެވެ.

"އެއީ ގަބޫލުވެސް ކުރަން އުނދަގޫ ވާހަކައެއް. އާއިލާގެ އެހާ ގިނަ މީހުން އެއްފަހަރާ ވަކިވުމުން ސީސޭ ހިތާމަކުރި ގޮތް. އެ ހިތްވަރާއެކު ކުޅުނީ އެކަމާ ނުވިސްނާތީކީވެސް ނޫން. އެއީ އޭނާ ހިތާމައިން ހޯދި ހިތްވަރު. އެއީ ސީސޭގެ އެންމެ މުހިއްމު ކޮލިޓީ. އޭނާ ސެނެގާލް ޓީމާއެކު މުހިއްމު ނަތީޖާތައް ހޯދާތީ އަހަރެން ހައިރާނެއް ނުވޭ. އެއީ ސީސޭއަކީ އަހަންނަށް ފެނުނު އެންމެ ހިތްވަރުގަދަ، އެންމެ ލީޑާޝިޕް ރަނގަޅު، އެންމެ ހަރުދަނާ އުސޫލެއް ހުރި މީހާ،" ސީސޭއާއެކު ބާމިންހަމްއަށް ކުޅުނު މައިކަލް ޖޯންސަން ބުންޏެވެ.

ބާމިންހަމްއަށް ކުޅުނު މެޗަށް ފަހު އެ ދިޔަ ގޮތަށް ސީސޭ ދިޔައީ އާއިލާ ގާތަށެވެ. ސީސޭ ދިޔައީ ހިތްވަރާއެކުގައި ކަމަށް އޭނާ ބުނެފައިވެއެވެ.

"މެޗު ކުޅެވެން ދެން އަހަރެން ހުރީ ހުރިހާ ކަމެއް އަހަރެންގެ ސިކުނޑީގައި ބަހައްޓައިގެން. އެއީ ހިތްވަރު ހޯދަން. ދެރަވެގެން ކޮޅަށް ނުހުރެވޭވަރުވި. އެއީ އަބަދުގެ އަބަދަށް އަހަރެން އަދިވެސް ހިތާމަކުރާ ކަމެއް ނަމަވެސް އޭރު އާއިލާއަށް ބޭނުންވީ އަހަރެންގެ ހިތްވަރު. އަހަރެން ބަލިވެއްޖެނަމަ އާއިލާ ބަލިވާނެ،" ސީސޭ ބުނެފައިވެއެވެ.

އެ ހާދިސާގެ ވާހަކަ ނުދައްކައިވެސް ސީސޭ އެތައް ދުވަހަކު ހުރުމަށްފަހު އޭނާ ބީބީސީގެ ޑޮކިއުމެންޓްރީއެއްގައި އެވާހަކަ ކިޔައިދީފައިވެއެވެ. ސީސޭ ބުނެފައި ވަނީ ސެނެގާލްގެ ބޯޓު ބަންޑުން ޖަހާލި ހާދިސާއަކީ އޭނާއަށް އެކަނި ކުރިމަތިވި ހިތާމައެއް ނޫން ކަމަށާއި، އެއީ މުޅި ސެނެގާލަށް އައި ހިތާމައެއް ކަމަށެވެ. އެއީ ސެނެގާލްގެ އެތައް އާއިލާއެއްގެ އެތައް ބަޔަކު ދުނިޔެ ދޫކުރި ހާދިސާއެއް ކަމަށް ބުނަމުން ސީސޭ ބުނީ އަބަދުގެ އަބަދަށް އެ އާއިލާތައް މަތިން އޭނާ ހަނދާން ކުރާނެ ކަމަށެވެ. ކެރިއަރުގައި ހޯދާ ކޮންމެ ކާމިޔާބީއަކާވެސް އެ އާއިލާތައް ގުޅިފައިވާނެ ކަމަށެވެ.

ސީސޭ ގައުމަށް ގޮސް، ހާލުގައި ޖެހުނު އާއިލާތަކަށް އެހީވާން ހާއްސަ މެޗެއް ރާވައި، އެތައް ފަންޑެއް އެއްކޮށް އެހީވެފައިވެއެވެ. އޭނާ އެނބުރި ބާމިންހަމްއަށް އައުމުން ކްލަބުގެ ކުޅުންތެރިންނާއި ސަޕޯޓަރުން މަރުހަބާ ކީ ސެނެގާލް ދިދައާއެކުގައެވެ. މުޅި ދަނޑުވެސް އޮތީ އެ ދިދައިގެ ރަމްޒެއްގައެވެ. ބާމިންހަމްއާއެކު ހާއްސަ ފަންޑް ރައިސިން އިވެންޓްތަކެއް ބާއްވައި، ފަހުންވެސް ސީސޭ ވަނީ އާއިލާތަކަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދީފައެވެ.

މިއަދު ސެނެގާލް ބެންޗުގައި ހުރި ސީސޭއަކީ ސެނެގާލްގެ ފުރިހަމަ ލޭ ހިނގާ އެގައުމުގެ އައިކަންއެކެވެ. އެފްކޯން ހޯދައިދިން ފުރަތަމަ ކޯޗެވެ. ވޯލްޑް ކަޕްގައި ތާރީހު ލިޔަމުން އަންނަނީ ދިރިއުޅުމުގެ ހިތްވަރު ބޭނުންކޮށް، ކުޅުންތެރިން އެއަށް ހާނުވައިގެންނެވެ.