ގަތަރު ވޯލްޑް ކަޕް 2022 ގެ ގަދަ 16 ގައި މިރޭ ފްރާންސާ ދެކޮޅަށް ނުކުންނާނީ ހާސްކަމެއް ނެތި ކަމަށާއި، މިއީ ޕޮލެންޑު ކަޓައިގެންދާން ބޭނުންވާ ހިސާބު ނޫން ކަމަށް ކޯޗު ޒެސްލޯ މިޗްނިއޭވިޗް ބުނެފިއެވެ.

ޕޮލެންޑުން ގަދަ 16 އަށް ނުކުތީ ގްރޫޕް ސީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެޓީމަށް ހަނި ފުރުސަތަކުން ގަދަ 16 ލިބިފައިވާ އިރު، ގްރޫޕް ސްޓޭޖުގައި ވަނީ މެކްސިކޯއާ އެއްވަރުކޮށް ސައުދީ އަރަބިއާ ބަލިކޮށްފައެވެ. ޕޮލެންޑް ބަލިވީ އާޖެންޓީނާ އަތުންނެވެ. މިއީ 1986 ވަނަ އަހަރަށްފަހު ޕޮލެންޑުން ގަދަ 16 ގައި ކުޅޭ ފުރަތަމަ ފަހަރުވެސް މެއެވެ.

މިޗްނިއޭވިޗަށް މިރޭގެ މެޗު ވެގެންދާނީ އެންމެ ބޮޑު ޓެސްޓަށެވެ. އެއީ އެންމެފަހުގެ ޗެމްޕިއަން ފްރާންސާ ދެކޮޅަށް ކުޅެން ޖެހުމުންނެވެ. އެކަމަކީ އުނދަގޫ ޗެލެންޖެއް ނަމަވެސް މިޗްނިއޭވިޗްގެ މާ ބޮޑު ހާސްކަމެއް ނެތެވެ.

"އަހަރެމެން އަދި މިތިބީ ރަށަށް ދާން ތައްޔާރަކަށް ނޫން. ފްރާންސް ބަލިކުރެވިއްޖެނަމަ، ދުނިޔޭގެ ޗެމްޕިއަނުންނަށް ވެވިދާނެ. އަހަރެމެން ޗެމްޕިއަން ފްރާންސާ ދެކޮޅަށް ކުޅޭނީ އުފަލުން. އެއީ މެޗުގައި ފްރާންސް މޮޅުވާނެ ކަމަށް މިހާރުވެސް އެތައް ބަޔަކު ތިބޭނީ ނިންމައިގެން. އެމީހުންނަށް އޮތީ ޕްރެޝަރު. ގެޔަށް ދާން ޖެހިދާނެ ކަމަށް ބިރުގަންނާނީވެސް އެމީހުން،" މިޗްނިއޭވިޗް ބުންޏެވެ.

މިޗްނިއޭވިޗް ބުނީ ދުނިޔެއަށް ދައްކަން ބޭނުންވަނީ ޕޮލެންޑަށް ފުޓުބޯޅަ ކުޅެވޭނެކަން ކަމަށާއި، ޗެލެންޖް ކުޑަ ނުވާނެކަންވެސް އެނގޭ ކަމަށެވެ. އެހެން ނަމަވެސް އުންމީދާއެކު އެ ޗެލެންޖާ ކުރިމަތިލާނެ ކަމަށްވެސް މިޗްނިއޭވިޗް ބުނެފައިވެއެވެ.

މެޗުގެ ކުރިން ޗެމްޕިއަން ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޭމްޕްސް އެންމެ ގަދަޔަށް ދެއްކި ވާހަކައަކީ ޕޮލެންޑްގެ ކެޕްޓަން، ރޮބާޓް ލެވަންޑޯސްކީގެ ފެންވަރުގެ ވާހަކައެވެ. ޑިޝޭމްޕްސް ލެވަންޑޯސްކީއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައިވާ އިރު، މިޗްނިއޭވިޗް ބުނީ ޓީމަށް އެންމެ އެކަށީގެންވާ ވަރަށް ލެވަންޑޯސްކީއަށް ސަޕްލައި ނުކޮށްދެވޭ ކަމަށެވެ.

"ލެވަންޑޯސްކީއަށް އެންމެ އެކަށީގެންވާ ގޮތެއްގައި ސަޕްލައިއެއް ނުކޮށްދެވޭ. އޭނާއަށް އޭރިއާ ތެރޭގައި މަޑުކުރަން ފުރުސަތު ހޯދައިދޭން ޖެހޭ. އެ ފުރުސަތު މިރޭގެ މެޗުގައިވެސް ހޯދަން އުނދަގޫވާނެ. އެއީ ފްރާންސުން މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅޭނެތީ. އެހެންވިޔަސް އެއީ ރަނގަޅުކުރަން ޖެހޭ ކަމެއް،" މިޗްނިއޭވިޗް ބުންޏެވެ.

ފްރާންސާއި ޕޮލެންޑް ވާދަކުރާ ގަދަ 16 ގެ މެޗު އޮންނާނީ މިރޭ 8:00 ގައެވެ.