ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަމަކީ އަހުލާގު ރަނގަޅު ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ރޮޒައިނާއަށް ތައުރީފު ކުރައްވާފައި ވަނީ ގދ. ތިނަދުއަށް އެ މަނިކުފާނު މިއަދު ކުރެއްވި ދަތުރުފުޅުގައި ދޮރުންދޮރަށް ހިންގެވި އިރު، އާއްމުންގެ މީހަކު ރޮޒައިނާއާ ގުޅޭ ގޮތުން ކުރެއްވި ޝަކުވާއަކާ ގުޅިގެންނެވެ.
"ނޫން، ނޫން. ރޮޒައިނާއަކީ ވަރަށް އަހުލާގު ރަނގަޅު، ވަރަށް ރަނގަޅު ބޭފުޅެއް،" ރައީސް ނަޝީދު ވިދާޅުވެއެވެ.
ރައީސް ނަޝީދު ރޮޒައިނާއަށް ތައުރީފު ކުރެއްވި އިރު، މިފަހުން ރޮޒައިނާ ވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވައިފައެވެ. އެގޮތުން ރައީސް ނަޝީދަކީ މަޖިލީހުގެ ތާރީހުގައިވެސް މަޖިލިސް ރައީސްކަން ކުރެއްވި އެންމެ ހުދުމުހުތާރު ބޭފުޅާ ކަމަށް ރޮޒައިނާ ވިދާޅުވެފައިވެއެވެ.