މި އަހަރު ނިމޭއިރު ރާއްޖޭގެ އިގުތިސާދު 12 ޕަސެންޓަށް ކުރިިއަރައި، ކޮވިޑުގެ ކުރީގެ ހާލަތަށް ރުޖޫއަވާނެ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެފިއެވެ.

އެމްއެމްއޭއިން މި މަހުގެ އެއްވަނަ ދުވަހު އާއްމު ކުރި ރިޕޯޓުގައިވާ ގޮތުގައި މި އަހަރު ނިމޭއިރު ރާއްޖޭގެ އިގުތިސޯދު 12.3 ޕަސަންޓުން ކުރިއަރާނެއެވެ. އަދި އަންނަ އަހަރު އެ އަދަދު 7.6 ޕަސެންޓުގައި ކުރިއަރާނެ ކަމަށް ބުނެފައިވެއެވެ.

އެމްއެމްއޭއިން ބުނީ، ކޮވިޑާއެކު 2020 ވަނަ އަހަރު ރާއްޖޭގެ އިގުތިސޯދީ ދުވެލި 33.5 ޕަސަންޓް ދަށަށް ދިޔަ ނަމަވެސް 2021 ވަނަ އަހަރު ރާއްޖޭގެ ޓޫރިޒަމްގެ ސިނާއަތުގެ މަންފާ އިތުރުވުމާއެކު އިގުތިސޯދީ ދުވެލި 41.7 ޕަސަންޓަށް އިތުރުވި ކަމަށެވެ.

ރާއްޖޭގެ އިގުތިސޯދީ ދުވެލި ރަނގަޅުވި ނަމަވެސް، ރާއްޖޭގެ ކަރަންޓް އެކައުންޓް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 18 ޕަސެންޓަށް އިތުރުވާނެ ކަމަށް އެމްއެމްއޭ ބުނެއެވެ. އެއީ މިދިޔަ އަހަރަށްވުރެ 10 ޕަސެންޓުގެ އިތުރުވުމެކެވެ. ކަރަންޓް އެކައުންޓް ޑެފިސިޓުން ދައްކުވައިދޭނީ ރާއްޖެއަށް އިމްޕޯޓުކުރާ ވަރާއި އެކްސްޕޯޓުކުރާ މިންވަރެވެ.

އެމްއެމްއޭގެ ރިޕޯޓުގައިވާ ގޮތުގައި މިއަހަރު ރާއްޖެއަށް 3.2 ބިލިއަން ޑޮލަރުގެ މުދާ އެތެރެކުރާނެއެވެ.

ރިޕޯޓުގައި އިިތުރަށް ބުނެފައިވާ ގޮތުން ބޭންކުތަކަށް ރައްކާކުރަންލާ ފައިސާގެ އަދަދުވަނީ 10 ޕަސެންޓް ދަށްވެފައެވެ. ނަމަވެސް ބޭންކުތަކުން ދޫކުރި ޖުމުލަ ލޯނުގެ އަދަދު ވަނީ 32.5 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ. އެއީ ދެ ޕަސެންޓުގެ އިތުރުވުމެކެވެ. ބޭންކުތަކުން ޕްރައިވެޓް ސެކްޓަރަށް ދޫކުރާ ލޯނާއި ކްރެޑިޓްގެ އަދަދު 28.3 ބިލިއަން ރުފިޔާ އަށް އަރައެވެ.

އެމްއެމްއޭ ބުނީ، އަންނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓް 5.4 ޕަސަންޓަށް އިތުރުވާނެ ކަމަށެވެ. އޭގެ މައިގަނޑު ސަބަބަކީ ޓެކްސް ބޮޑުކުރުމެވެ. އިންފްލޭޝަން މައްޗަށް ދިއުމުގެ ސަބަބުން ކާބޯތަކެތީގެ އަަގުތައް އުފުލި އިގުތިސޯދީ ބައެއް ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށްވެސް ބުންޏެވެ.