ގަތަރު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖް ނިމުނީ އެތައް މަންޒަރެއް ގެނެސްދީފައެވެ. ހިތާމައިގެ ކަރުނައާއި އުފާވެރިކަމުގެ ޖަޒުބާތެވެ. ހައިރާންކަން ގެނުވި ނަތީޖާތަކާއެކު ގަތަރުގެ ހިތްގައިމު ކަމެވެ. ތަފާތު ފާޑުކިޔުންތަކުގެ ތެރެއިން އައި ވޯލްޑް ކަޕް، މުސްލިމުންނަށް ހާއްސަވެ، އެތައް މަންޒަރެއްވެސް ދެއްކިއެވެ. ތާރީހުގައިވެސް އެންމެ ހައިރާން ކުރުވަނިވި ގްރޫޕް ސްޓޭޖް ނިމިގެން ދިޔައީ ހިތްހަމަޖެހުން ގެނުވައިފައެވެ. ޝައުގުވެރި ކުރުވާފައެވެ. މިހާތަނަށް އައިއިރުވެސް މިއީ ތާރީހުގައި އެންމެ ހިތްގައިމު ވޯލްޑް ކަޕް ކަމަށް އެތައް ބަޔަކު ފާހަގަކުރެއެވެ.
ވޯލްޑް ކަޕަށް އެކިއެކި ގޮތް ގޮތުން އެންމެ ބޮޑަށް ފާޑުކީ އިންގްލެންޑް ލެޖެންޑް އަދި ބީބީސީ ކަރެސްޕޮންޑެންޓް ގެރީ ލިނެކާގެ ނަޒަރުގައިވެސް ގަތަރު ވޯލްޑް ކަޕުން ފުޓުބޯޅައިގެ ޝައުގުވެރިކަން ދައްކުވާލައިފިއެވެ. އެއީ ސަޕޯޓަރުންގެ ފޯރިންނާއި އެތައް ކަމެއް އެކުލެވޭ ހެންނެވެ. ވޯލްޑް ކަޕަކީ އޭޝިއަށް، އަރަބީންނަށް ހާއްސަ ވޯލްޑް ކަޕަކަށްވީ އިރު، އެ ގައުމުތަކުގެ ސަޕޯޓަރުން މުބާރާތުގެ މިހާތަނަށް ފެނުނީ ތަފާތު ރޫހެއްގައެވެ. މޮރޮކޯއާއި ދެކުނު ކޮރެއާ ފަދަ ގައުމުތަކުގެ ސަޕޯޓަރުންގެ މަންޒަރުތައް އަސަރުން ފުރިގެން ދިޔައެވެ. އަދި ޖަޕާނުން ކުރިންވެސް ދެއްކި ނަމޫނާ ތަކުރާރުކުރިއެވެ.
އެންމެ "ޝޮކިން" ނަތީޖާތައް ފެނުނު ވޯލްޑް ކަޕް ގްރޫޕް ސްޓޭޖަށް މި ފަހަރުގެ ގްރޫޕް ސްޓޭޖު ވީ ގަދަ ބާރުތަކާ އެހެން ގައުމުތައް އަރާހަމަކުރި މަންޒަރު ފެނުމުންނެވެ. އަންދާޒާތަކާއި ހިލާފު ނަތީޖާތަކެއް ފެނުމުންނެވެ. ބޮޑެތި ބާރުތަކަށްވެސް ގްރޫޕް ސްޓޭޖު ފަސޭހައެއް ނުވިއެވެ. ގަދަ ބާރުތައް ބަލިވެ، ޗެމްޕިއަނުން އަލްވަދާއުވެސް ކިޔައިފިއެވެ. ޖަރުމަނާއި ބެލްޖިއަމެވެ. ހަތަރު ތަރީގެ ޖަރުމަނު ކެޓީ ޖަޕާން އަތުންވެސް ބަލިވެގެންނެވެ. ބެލްޖިއަމް ކެޓީ މޮރޮކޯ ކައިރިން ސަލާމަތް ނުވެވިއެވެ.
އޭގެ އިތުރުން ޖަޕާނުން ސްޕެއިން ބަލިކުރުމާއި ކޮސްޓަ ރީކާއިން ޖަޕާން ބަލިކުރުންވެސް އެއީ ހީނުކުރާނެ ނަތީޖާތަކެވެ. އޭގެ އިތުރުން ފެށުން ހަނދާން ނައްތާލެވޭކަށް ނެތެވެ. އާޖެންޓީނާ ފެށީ ސައުދީ އަރަބިއާ އަތުން ބަލިވެގެންނެވެ. އެންމެފަހުން ބްރެޒިލް ކެމަރޫން އަތްދަށުވެ، އެންމެފަހުގެ ޗެމްޕިއަން ފްރާންސުން ޓިއުނީޝިއާ އަތްދަށުވިއެވެ. އަދި ޕޯޗުގަލް ވަނީ ފަހު މެޗުގައި ދެކުނު ކޮރެއާ އަތުންވެސް ބަލިވެފައެވެ.
މެޓަޑޭޓާގެ ހާއްސަ ކުންފުންޏެއް ކަމަށް ނީލްސެން ގްރޭސްނޯޓްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކެމަރޫނުން ބްރެޒިލް ބަލިކުރި ކުރިން އެއީ މި ވޯލްޑް ކަޕްގެ 12 ވަނަ ހައިރާން ކުރުވަނިވި ނަތީޖާއެވެ. އެގޮތަށް ހައިރާންކުރުވަނިވި ނަތީޖާތައް އެ ކުންފުނީގެ ޑޭޓާއިން ހިސާބު ޖަހަނީ މެޗުގެ ކުރިން ނިންމާފައި އޮންނަ އަންދާޒާގެ ޕަސެންޓަކަށް ބަލައިގެންނެވެ. ގްރޭސްނޯޓުން "ޝޮކިން" ނަތީޖާތަކަށް ބަލަނީ މެޗުތަކުގައި މޮޅުވުމުގެ ޕަސެންޓް 33 ޕަސެންޓަށްވުރެ ކުޑަކޮށް އޮންނަ ގައުމަކުން، އޭގެ މަތިން އޮންނަ ގައުމެއް ކައިރިން މޮޅެއް ހޯދާ ހިސާބުންނެވެ.
ތަފާސްހިސާބުތައް ޖަހަން ފެށި ހިސާބުން މީގެ ކުރިން އެންމެ ހައިރާން ކުރުވަނިވި ނަތީޖާތައް ފެނުނު ދެ ވޯލްޑް ކަޕަކީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ. އެއީ ނުވަ މެޗަކުން އެފަދަ ނަތީޖާތައް ނުކުމެގެންނެވެ.
މި ވޯލްޑް ކަޕްގައި އާޖެންޓީނާއިން ކުޅުނު ފުރަތަމަ މެޗުގައި ސައުދީ މޮޅުވާނެ ކަމަށް އަންދާޒާ ކޮށްފައިވާ ޕަސެންޓަކީ 8.7 ޕަސެންޓެވެ. އެއީ އެންމެ ބޮޑު ހައިރާން ކަމުގައި ގްރޫޕް ސްޓޭޖުގެ ފަހު ދުވަހާ ހަމައަށް އޮތް އިރު، އެ އަދަދު ގުޑުވާލީ ބްރެޒިލާއި ކެމަރޫން މެޗުންނެވެ. ގްރޭސްނޯޓުން އެމެޗުގައި ކެމަރޫން މޮޅުވެދާނެ ކަމަށް ދީފައިވާ ޕަސެންޓަކީ 5.9 ޕަސެންޓެވެ. އެ ބައްޔަށް ބްރެޒިލުން ނެރުނު ފުރަތަމަ 11 އަށް 10 ބަދަލަކާއެކު ނުކުތް ނަމަވެސް، އެއީ ސަޕްރައިޒެކެވެ.
އެ ނަތީޖާތަކުގެ ތެރެއިންވެސް ފަހު މެޗުގައި ފެނުނީ އިތުރު ހައިރާން ކަމެކެވެ. ޔަގީންކަމާއެކު މަދު ޓީމުތަކެއް ފަހު މެޗުތަކަށް މަދު ޓީމުތައް ނުކުތް އިރު، ގަދަ 16 އަށް ދެމެޗުން ފުރުސަތު ޔަގީން ކުރީ ބްރެޒިލާއި ޕޯޗުގަލްގެ އިތުރުން ފްރާންސެވެ. އެ ޓީމުތައްވެސް ފަހު މެޗުތަކުގައި ކުރިށް މަތިލީ ބައްޔާއެވެ. ހަނި ފުރުސަތުތަކުގައި ދެކުނު ކޮރެއާއާއި އެމެރިކާ، މޮރޮކޯ އަދި އޮސްޓްރޭލިއާގެ އިތުރުން ޖަޕާންވެސް ގަދަ 16 އަށް ދަތުރުކުރިއެވެ.
- އިތުރު ވަގުތު ދައްކާ އުސޫލަށް އައި ބަދަލާއެކު މެޗުތައް ދިގުލައިގެން ގޮސްފި
- މިހާތަނަށް ގްރޫޕް ސްޓޭޖުގައި 525 މިނެޓް އިތުރު ވަގުތުގެ ގޮތުގައި ކުޅެފައިވޭ، އެއީ ރެކޯޑު އަދަދެއް
- އިތުރު ވަގުތުގެ ތެރޭގައި އެކަނިވެސް 11 ގޯލެއް ފެނިގެން ގޮސްފައިވޭ
- ފުރަތަަމަ ހާފްތަކުގައި ޖެހި ގޯލް މަދު، އަދި މެޗުތަކުގައިވެސް ވާދަވެރިކަން ބޮޑުވެ، ގޯލްތައް ފެނުނީ މަދުން
- މިހާތަނަށް ޖެހި ގޯލްތަކުގެ ތެރެއިން ފުރަތަމަ ހާފްގައި ޖެހީ 36 ޕަސެންޓް ގޯލް އެކަނި
- ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ރޭޓަކީ މެޗަކަށް 2.5 ގޯލް. އެއީ މިދިޔަ ތިން ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖާ ބަލާއިރު އެންމެ ދަށް އަދަދު
- ޕާސްތައް ގިނަ، ޝޮޓްތައް މަދު ގްރޫޕް ސްޓޭޖެއް
- އެވަރެޖް މެޗެއްގައި ހެދީ 22.3 ޝޮޓް. ޖުމުލަ ޖެހީ 120 ގޯލް
- އޭގެ ތެރެއިން އޭރިއާ ބޭރުން ޖެހި ބޯޅަތަކުގައި ޖެހީ 8 ޕަސެންޓް ގޯލް
- މެޗެއްގައި އެވަރެޖް 960 ޕާސް ޖަހައިފައިވޭ، މިއީ ގްރޫޕް ސްޓޭޖަށް ރެކޯޑު އަދަދެއް
- އެންމެ ގިނަ ޝޮޓް ގޯލަށް ހެދީ އެމްބާޕޭ، އެއީ 16 ޝޮޓް
- އެންމެ ގިނަ ކާމިޔާބު ޕާސް ޖެހީ ސްޕެއިންގެ ރޮޑްރީ، އެއީ 431 ޕާސް
- އެންމެ ގިނަ ސޭވްކުރީ ޕޮެލެންޑް ކީޕަރު ޝެޒްނީ، އެއީ 18 ސޭވް
- އެންމެ ގިނަ ހަމަލާ އުފެއްދި ޓީމަކީ ޖަރުމަން، އެއީ 69 ހަމަލާއެއް
- އެންމެ މަދު ހަމަލާއާ ކުރިމަތިލީ އާޖެންޓީނާ، އެއީ 11 ހަމަލާއެއް
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022