ޚަބަރު

އަމީނީ މަގުގެ ދެވަނަ ސެގްމަންޓުގެ މަސައްކަތް ފަށައިފި

ރިފާ ހަލީލު

އަމީނީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އެ މަގުގެ ދެވަނަ ސެގްމަންޓުގެ މަސައްކަތް ފަށައިފިއެވެ.

އަމީނީ މަގުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލުކުރީ މި އަހަރުގެ ޖޫން މަހުގެ ތިން ވަނަ ދުވަހުއެވެ. އެ މަސައްކަތް ހަވާލުކުރީ 210 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ ގޮތަށް 84 މިލިއަން ރުފިޔާ އަށެވެ.

އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. އެގޮތުން ފުރަތަމަ ސެގްމެންޓުގައި ހަދާފައިވަނީ ބޮޑުތަކުރުފާނު މަގާއި އަމީނީ މަގު ގުޅޭ ހިސާބުން ފެށިގެން އިރުދޭމާ ހިނގުމާއި އަމީނީ މަގު ގުޅޭ ހިސާބެވެ. އެ ސެގްމަންޓުގައި ތާރު އެޅުން ފިޔަވައި ދެން ހުރި ހުރިހާ މަސައްކަތެއް ނިންމައި، މަގު ވަނީ ހުޅުވާލައިފައެވެ.

ނަމަވެސް ބައެއް މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތަށް ލިބުން ލަސްވުމުގެ ސަބަބުން ދެވަނަ ސެގްމަންޓުގެ މަސައްކަތް އޮތީ މެދުކަނޑާލިއެވެ. ދެވަނަ ސެގްމެންޓުގެ މަސައްކަތް އިއްޔެ ފަށާފައިވާއިރު، އެ މަސައްކަތަށް ދަރުބާރުގޭ ކުރިމަތިން ފެށިގެން ކަލާފާނު ސްކޫލާ ހަމައަށް ވަނީ ބަންދުކޮށްފައެވެ.

އާރުޑީސީން މައުލޫމާތު ދޭ ގޮތުގައި، ތާރު އެޅުމުގެ މަސައްކަތް ފަށާނީ އަމީނީ މަގު ބިލަބޮންގާ ހަމައަށް މަގު ހަދައި ނިމުމުންނެވެ.