ހުސްވި ހަފުތާގެ އަންގާރަދުވަހު ގަތަރު ވަނީ ވޯލްޑްކަޕުގައި އެމީހުންގެ ތިންވަނަ މެޗު ކުޅެފައެވެ. ހޮލެންޑު އަތުންވީ ބައްޔެކެވެ. އޭގެކުރިން އިކުއެޑޯރާއި ސެނެގޯލްއަތުންވެސް ބަލިވީ ފަދައިންނެވެ. ކުޅުނު ހުރިހާ މެޗަކުން ބަލިވެގެން ގަތަރަށް ވޯލްޑްކަޕް ނިމުނީ ރިކޯޑަކާވެސް އެކުގައެވެ. އަމިއްލަ ގައުމުގައި ވޯލްޑްކަޕް ބާއްވައިގެން އެންމެ ދެރަވަރު ނަތީޖާތަކެއް ނެރުމުގެ ރިކޯޑެވެ.

ވޯލްޑްކަޕް ބޭއްވުމަށްޓަކައި ދުވަހަކުވެސް ބަޔަކު ކޮށްފައިނުވާ ވަރުގެ ބޮޑު ހޭދައެއް ގަތަރުން ކުރިއެވެ. ގާތްގަޑަކަށް 200 ބިލިޔަން ޑޮލަރު ހޭދަކުރިއެވެ. ގަތަރަކީ އޭޝިއާ ބައްރުގެ އެންމެ ފަހުގެ ޗެމްޕިއަނެވެ. ފައިނަލުގައި 2019 ވަނަ އަހަރު ޖަޕާނު ބަލިކޮށްގެންނެވެ. އެހެންވީމާ މި ވޯލްޑްކަޕުގައި ގަތަރުން މިއަށްވުރެ ބޮޑަށް ވާންކުރާނޭ ކަމަށް ވަރަށް ބޮޑަށް އޮތީ ހީކުރެވިފައެވެ.

ގަތަރުގައި ހުނަރުވެރި މޮޅު ކުޅުންތެރިން ނެތެކޭ ނުބުނެވޭނެއެވެ. އޭޝިއާގެ އެހެން ތަންތަނުގައި ހުރި ހުނަރެއް ގަތަރުގައިވެސް އެބަހުއްޓެވެ. ގަތަރަށް ދިމާވި މައްސަލައަކީ ބޮޑަށް ގަބޫލުކުރެވޭ ގޮތުގައި ވާދަވެރިކަމުގެ މެޗުތަކެއް ނުލިބޭ ގޮތަށް ދިގު މުއްދަތަކަށް ޓީމު ކޭމްޕު ކުރުމެވެ. އެއީ ކުޅުންތެރިން އެކަތިގަނޑަކަށް ހަދައި ގުޅުން ބަދަހިކުރުމަށް ކުރި ކަމެކެވެ.

މިހެންހެދީމާ ކުޅުންތެރިން ތިބީ ފޫހިވެފައެވެ. ކުރެވުނީ ގޭބަންދުގައި ތިބުން ނުވަތަ އަރުވާލެވިފައި ތިބުން ކަހަލަ އިހުސާސެކެވެ. ހައެއްކަ މަހަށް ދެމިގެންދިޔަ ކޭމްޕަކީ ކޯޗު ފެލިކްސް ސަންޗޭޒް އާއި ގަތަރުގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ނިންމުމެކެވެ. މުބާރާތުގައި އިކުއެޑޯރުއަތުން ފުރަތަމަ މެޗުން ބަލިވީ ދޭއްސުމަކުންނެވެ. ސެނެގޯލް އަތުން ބަލިވީ ތިނެއް އެކަކުންނެވެ. ހޮލެންޑު އަތުން ބަލިވީ ދޭއްސުމަކުންނެވެ.

ގަތަރު ހިމެނުނީ މުބާރާތް މިހާތަނަށް ބޭއްވި ގައުމުތަކުގެ ތެރެއިން އެންމެ އަވަހަށް ފުރަތަމަ ބުރުން ކަޓައިގެންދިޔަ ޓީމުކަމުގައެވެ. ގަތަރުގެ ދެވަނަ މެޗާއެކު އެ ޓީމަށް މުބާރާތްވެސް އޮތީ ނިމިފައެވެ. ގްރޫޕް ފިޔަވަހި ނިމުނުއިރު ގަތަރަށް ހޯދުނީ ސުން ޕޮއިންޓެވެ. ބައިކޮޅަށް ހަތް ގޯލް ވަދެފައިވާއިރު ކާމިޔާބުކުރެވިފައިވަނީ އެންމެ ގޯލެކެވެ.

މުބާރާތް ބޭއްވި ގައުމުތަކުގެ ތެރެއިން ފުރަތަމަ ބުރުން ކެޓުމުގެ ދެރަ ނަން މީގެކުރިން ލިބިފައިއޮތީ އެންމެ ގައުމަކަށެވެ. ދެކުނު އެފްރިކާއަށެވެ. އެކަމަކު 2010 ވަނަ އަހަރު ދެކުނު އެފްރިކާގެ ރިކޯޑު ހުރިހާ ގޮތަކުންވެސް ގަތަރަށްވުރެ ރަނގަޅެވެ. ފްރާންސް އަތުން މޮޅުވިއެވެ. މެކްސިކޯއާ އެއްވަރުކުރިއެވެ. ޖުމްލަ ހަތަރު ޕޮއިންޓް ހޯދިއެވެ. ނޮކައުޓް ބުރަށް ނުހޮވުނީ ފައިދާ ގޯލްގެ ތަފާތުން ތާވަލުގެ ތިންވަނައިގައި ލައްވައިލުމުންނެވެ.

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް އެންމެ ފުރަތަމަ ބޭއްވުނީ 1930 ވަނަ އަހަރުއެވެ. ގަތަރުގައި މިހާރު އެކުޅެނީ މި ސިލްސިލާގެ 22 ވަނަ މުބާރާތެވެ. ގަތަރާއި ދެކުނު އެފްރިކާ ފިޔަވައި މުބާރާތް ބޭއްވި ކޮންމެ ގައުމެއްވެސް ފުރަތަމަ ބުރު ފަހަނަޅައި ދަތުރުކުރިއެވެ. އެމެރިކާ ޓީމު 1994 ގައި ކެޓީ ސޯޅަ ޓީމުގެ ނޮކައުޓް ބުރުންނެވެ. ޖަޕާނުގެ ޓީމު 2002 ގައި ކެޓީވެސް ސޯޅަ ޓީމުގެ ނޮކައުޓް ބުރުންނެވެ.

މުބާރާތް ބާއްވާ ގައުމަށް ވަރަށް ގިނަ ފަހަރު ތަށިވެސް ލިބެއެވެ. މުބާރާތް ބާއްވައިގެން އެންމެ ފަހުން ތަށި ނަގާފައިވަނީ 1998 ވަނަ އަހަރު ފްރާންސެވެ. އާޖެންޓީނާވެސް 1978 ވަނަ އަހަރު އެންމެ ފުރަތަމަ ތަށި ނެގީ އަމިއްލަ ގައުމުގައި ކުޅެގެންނެވެ. އެކަން ކުރެވިފައިނެތީ ބްރެޒިލްއަށެވެ. އަމިއްލަ ގައުމުގައި ދެފަހަރު ކުޅެގެންވެސް ބްރެޒިލްއަށް ތަށި ހޯދިފައިނުވެއެވެ.